ކެތްތެރިކަމުގެ ދަރުމަ ނުހަނު ބޮޑު: ޚުތުބާ

ބަޔަކު ދުޢާ ކުރާ މަންޒަރެއް --- މިއަދުގެ ޚުތުބާގައި ވަނީ ރިވެތި އަޚުލާޤުން ޒީނަތްތެރިވުމަށް ގޮވާލައި، ދިމާވާ މުސީބާތްތަކަށް ކެތްކުރުމަކީ އޭގެ އެންމެ މުހިންމު އެއް ސިފަކަމަށް ބުނެފައި ފޮޓޯ ; ވެކްޓީޒީ.ކޮމް

ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިން ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފްސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭނެ ސިފައެއްކަމަށް ބުނެ، ކެތްތެރީންގެ އަޖުރު ދެއްވާނީ ޙިސާބަކާ ނުލާކަމަށް، އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގެ އަލީގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

"އިސްލާމްދީނަކީ ރިވެތި އަޚްލާޤުގެ ދީން" މި މައުޟޫޢަށް މިއަދު އިއްވި ޚުތުބާގައި ވަނީ، އިސްލާމް ދީން ބާވައިލެއްވިފައިވަނީ އިންސާނާއަށް ރިވެތި އަޚްލާޤާއި މަތިވެރި ސުލޫކު އުންގަންނައިދެއްވުމަށް ކަމަށް ބުނެ، ރިވެތި އަޚްލާޤުގެ ސަބަބުން ލިބޭނެ އެތަކެއް ފައިދާއެއް ކިޔައިދީފައެވެ.

އެގޮތުން ރިވެތި އަޚްލާޤުގެ ސަބަބުން ރޭއަޅުކަންކޮށް، ސުންނަތް ރޯދަ ހިފުންމަތީ ދެމިހުރި މީހެއްގެ ދަރަޖައަށް ވާސިލުވެވޭނެކަމަށް، އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން އައިސްފައިވާ ޙަދީސްފުޅެއް ޚުތުބާގައި ގެނެސްފައިވެއެވެ. މީގެ އިތުރުން، ހެޔޮކަމުގެ މީޒާނުގައި ރިވެތި އަޚްލާޤަށްވުރެ ބަރު އެހެން އެއްޗެއް ނުވާކަމަށް މާތް ނަބިއްޔާ ޙަދީސްކުރައްވާފައިވާ ބަސްފުޅެއްވެސް ޚުތުބާގައި ގެނެސްފައިވެއެވެ.

އިސްލާމްދީނުގައި، އަޚުލާޤީ ރިވެތި ސިފަތަކަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭ ސިފަތަކަކަށް ވީހިނދުވެސް ބައެއް މީހުންގެ ފަރާތުން އެފަދަ ސިފަތައް ނުފެންނަކަން، ޚުތުބާގައި ހިތާމައާއެކު ފާހަގަކޮށްފައިވެއެވެ.

ރިވެތި އަޚްލާޤީ ސިފަތަކުގެ ތެރެއިންވެސް ކެތްތެރިކަމުގެ ވާހަކަ، ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެނީ، ކެތްތެރިކަމަކީ ވަރަށް ގިނަ ކުށްތަކުންނާއި ހަވާނަފްސުގެ އެދުންތަކުން އިންސާނާ ސަލާމަތްކޮށްދޭނެ ސިފައެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއާއެކު، އައްޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި ބުނެފައިވަނީ، ދުނިޔެމަތީގައި އެމީހަކަށް ކުރިމަތިކުރައްވާ އިމްތިޙާނުތަކަށް ކެތްތެރިވާ މީހުންނަށް، އެމީހުންގެ ދަރުމަ ދެއްވާނީ ޙިސާބެއް ނެތި ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގައި އުޅޭއިރު ދިމާވާ ކޮންމެ ކަމަކީ ކޮންމެވެސް އިންސާނެއްގެ ފަރާތުން އައި ބަދުނަސީބެއްކަމަށް ހީކޮށް، އެފަރާތަކާ ދޭތެރޭ ކުށް ހީކޮށް، ހިތް ނުބައިކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނެ، ޚުތުބާގައި ވަނީ އެކި ގޮތްގޮތުން އަހަރެމެން ދުނިޔެމަތީ އިމްތިޙާނުކުރައްވާނެކަމަށް ﷲ ތަޢާލާ އަންގަވާފައިވާކަން ހަނދައިންކޮށްދީފައެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާފައިވާކަންވެސް ޚުތުބާގައި ހަނދައިންކޮށްދީފައިވެއެވެ.

އެގޮތުން، އަލް ބަޤަރާ ސޫރަތުގެ 155 ވަނަ އާޔަތުން ފެށިގެން 157 ވަނަ އާޔަތުގެ ނިޔަލަށް ގެންނަވާފައިވާ ވާހަކަތަކުގެ އަލީގައި ޚުތުބާގައި ވަނީ މުއުމިނުންނަކީ ދުނިޔޭގެ ދަތިތަކާ ކުރިމަތިކުރައްވައި އިމްތިޙާނުކުރެއްވޭނެ ބައެއްކަން ހަނދާންކޮށްދީފައެވެ. އަދި މިފަދަ ކޮންމެ ޙާލަތެއްގައިވެސް ކެތްތެރިކަން އިސްކުރުމަށް ޚުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، މީހުނާ މުޢާމަލާތުކުރުމުގައިވެސް ރިވެތި އަޚްލާޤީ މިންގަނޑުތައް އިޚްތިޔާރުކުރަންޖެހޭނެކަމަށް ބުނެ، ޚުތުބާގައި ވަނީ މޫސާގެފާނާއި ހާރޫނުގެފާނު، ފިރުޢައުނުގެ ގާތަށް ފޮނުއްވަމުން އެ ޖައްބާރާވެސް ރިވެތި ގޮތުގައި މުޢާމަލާތުކުރަން އެދެބޭކަލުންނަށް އަންގަވާފައިވާ އާޔަތް ގެނެސްފައެވެ.

ޚުތުބާގައި ބުނެފައިވަނީ، ﷲ ތަޢާލާއާއި އެކަލާނގެ ނަބިއްޔާ، އަހަރުމެންނަށް މަގުދައްކަވައި، އިރުޝާދުދެއްވަނީ ހިދާޔަތުގެ މަގަށްކަމަށާއި، އެގޮތުގައި ސީދާ މަގުގައި ދެމިތިބުމަކީ އަހުރެމެންގެ މައްޗަށް ވާޖިބުކަމެއް ކަމަށެވެ. އަދި އެއީ ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރާފައިވާކަމުގެ އެންމެ އަލިގަދަ ނިޝާން ކަމަށް ބުނެ، ޚުތުބާގައި ވަނީ މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނާއި އެކި ހުނަރުތަކުގައި ކުރިއަރައިދިޔަ ފަދައިން އެބައިމީހުން ވަނީ ރިވެތި އަޚްލާޤުގައިވެސް ކުރިހޯދިކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ވަނީ މިއަދުވެސް އަހަރުމެން މަސައްކަތްކުރަން ޖެހޭނީ އެމަގުން، ރިވެތި ޚުލްޤުގެ މަތީން ކަމަށް ބުނެފައެވެ.

comment ކޮމެންޓް