އަންނަ 2035 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި ނަސާރާއިންނަށް ވުރެ މުސްލިމުންގެ އާބާދީ އިތުރުވެ، ދުނިޔޭގެ އެންމެ ބޮޑު ދީނީ ޖަމާއަތަކަށް މުސްލިމުން ވާނެ ކަމަށް ޕިއު ރިސާޗް ސެންޓަރުން ބުނެފިއެވެ.
އެ ސެންޓަރުން ނެރުނު ރިޕޯޓެއްގައި ބުނި ގޮތުގައި، 2020 ވަނަ އަހަރުން ފެށިގެން 2070 ވަނަ އަހަރާ ދެމެދު ދުނިޔޭގެ މައިގަނޑު ހަތް ދީނީ ޖަމާއަތެއްގެ އާބާދީއަށް އަންނާނެ ބަދަލުތައް ދިރާސާކުރިއިރު، ނަސާރާއިންނާއި މުސްލިމުންގެ އާބާދީ އިތުރުވަމުންދިޔަ ނަމަވެސް މުސްލިމުންގެ އާބާދީ އިތުރުވަމުންދަނީ މާ ހަލުވި މިނެއްގައެވެ.
މިހާރުގެ ރޭޓުގައި އާބާދީ އިތުރުވަމުންދާ ނަމަ، 2070 ވަނަ އަހަރާ ހަމައަށް މުސްލިމުންގެ އާބާދީ 3.6 ބިލިއަނަށް ވުރެ އިތުރުވާނެ ކަމަށާއި، ނަސާރާއިންގެ އާބާދީ އުޅޭނީ ތިން ބިލިއަނަށް ވުރެ ދަށުގައި ކަމަށް އެމެރިކާގެ ވޮޝިންޓަން ޑީސީގައި ހުންނަ އެ ސެންޓަރުން ބުންޏެވެ. އެ މުއްދަތުގެ ތެރޭގައި ދުނިޔޭގެ އާބާދީ 29 އިންސައްތަ އިތުރުވާނެ ކަމަށް ލަފާކުރާއިރު، ނަސާރާއިންގެ އާބާދީ 30 އިންސައްތަ އަދި މުސްލިމުންގެ އާބާދީ 80 އިންސައްތަ އިތުރުވާނެއެވެ.
މިއާއެކު ދުނިޔޭގެ އާބާދީގައި މުސްލިމުން ހިއްސާކުރާ މިންވަރު 2020 ވަނަ އަހަރު ހުރި 26 އިންސައްތައިން 2070 ވަނަ އަހަރު 36 އިންސައްތައަށް އަރާނެ ކަމަށާއި، ނަސާރާއިންގެ ނިސްބަތް 29 އިންސައްތައިގައި ހިފެހެއްޓިފައި ހުންނާނެ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ޕިއު ރިސާޗް ސެންޓަރުން ބުނި ގޮތުގައި، މުސްލިމުންގެ އާބާދީ މިހާ ހަލުވިކޮށް އިތުރުވަނީ ދަރިމައިވާ ނިސްބަތް މަތިވެފައި ޒުވާނުން ގިނަވުމުންނެވެ. އެގޮތުން 2020 އިން 2025 އަށް މުސްލިމު އަންހެނަކަށް އެވްރެޖްކޮށް 3.1 ކުދިން ލިބިފައިވާއިރު، މުސްލިމުން ނޫން މީހުންގެ އެ ނިސްބަތް އުޅެނީ 2.0 ގައެވެ. އަދި 2020 ވަނަ އަހަރު މުސްލިމުންގެ މެދުމިނުގެ އުމުރަކީ 24 އަހަރު ކަމަށް ވާއިރު، މުސްލިމުން ނޫން މީހުންގެ މެދުމިނުގެ އުމުރަކީ 33 އަހަރެވެ. މީގެ އިތުރުން ދީން ދޫކޮށްލާ މީހުންގެ ނިސްބަތް ވެސް ނަސާރާއިންނާ އަޅައިބަލާއިރު މުސްލިމުންގެ ތެރޭގައި މާ ބޮޑަށް ދަށްވާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.
އެ ރިޕޯޓުގައިވާ ގޮތުން، 2070 ވަނަ އަހަރާ ހަމައަށް ދުނިޔޭގައި އެންމެ މުސްލިމުން ގިނަ ގައުމަކަށް ޕާކިސްތާން ވާނެއެވެ. އަދި އޭގެ ފަހަތުން އެންމެ މުސްލިމުން ގިނަވާނީ އިންޑިއާ، ނައިޖީރިއާ އަދި އިންޑޮނޭޝިއާގައެވެ. ހަމައެއާއެކު، އެންމެ ނަސާރާއިން ގިނަ ގައުމުގެ މަގާމު އެމެރިކާގެ އަތުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރުސީ) އިން އަތުލާނެ ކަމަށާއި، 2070 ވަނަ އަހަރާ ހަމައަށް އެމެރިކާ، ކެނެޑާ އަދި ޖަރުމަނުވިލާތުގައި ނަސާރާއިންގެ އަގުލަބިއްޔަތު ގެއްލޭނެ ކަމަށް ވެސް އެ ސެންޓަރުން ލަފާކުރެއެވެ.