ހިނގާބިނގާވެ އުޅޭއިރު ނުވަތަ ކަސްރަތު ކުރާއިރު ކަކުލުގެ ހުޅު ދޫވާހެން، ނުވަތަ ބެލެންސް ގެއްލި ވެއްޓެން އުޅޭހެން އިހުސާސް ކުރެވޭ ހެއްޔެވެ؟ މިފަދަ އަލާމާތްތަކަކީ ކަކުލުގެ މުހިންމު ލިގަމެންޓެއް ކަމަށްވާ އޭސީއެލް (އެންޓީރިއާ ކްރުޝިއޭޓް ލިގަމެންޓް)އަށް ލިބޭ އަނިޔާއެއްގެ ނިޝާނަކަށް ވެދާނެއެވެ.
ކަކުލުގެ ހުޅުގެ ހަމަޖެހުން ނުވަތަ ސްޓެބިލިޓީ ހިފަހައްޓައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއް ލިގަމެންޓަކީ އޭސީއެލްއެވެ. ޚާއްޞަކޮށް ކުއްލިއަކަށް ދުވެފައި ގޮސް ހުއްޓޭއިރު، މިސްރާބު ބަދަލުކުރާއިރު، އަދި ހަށިގަނޑު އަނބުރާލާ ވަގުތުތަކުގައި ކަކުލުގެ ހުޅު ނުގުޑައި ހިފަހައްޓައިދެނީ މި ލިގަމެންޓުގެ އެހީގައެވެ. އެހެންކަމުން، ފުޓްބޯޅަ، ބާސްކެޓްބޯޅަ އަދި ބެޑްމިންޓަން ފަދަ ހަރަކާތްތައް ގިނަ ކުޅިވަރުތައް ކުޅޭ މީހުންގެ މެދުގައި މި ލިގަމެންޓަށް އަނިޔާވުމަކީ ވަރަށް އާންމު ކަމެކެވެ.
ނަމަވެސް، އޭސީއެލްއަށް ލިބޭ ކޮންމެ އަނިޔާއަކީ އޮޕަރޭޝަން ކުރަންޖެހޭ ކަމެއް ނޫން ކަމަށް އީއެމްސީ ޕެކަޔޯން ހޮސްޕިޓަލުގެ އޯތޯޕީޑިކް އެންޑް ޓްރޯމަޓޮލޮޖީ ސްޕެޝަލިސްޓް އަދި ސްޕޯޓްސް އިންޖަރީ ކޮންސަލްޓަންޓް ޑރ. އަރިއޯ ޔުސްމަން ވިދާޅުވެއެވެ. ޑރ. އަރިއޯ ވިދާޅުވާ ގޮތުގައި، ފަރުވާ ކުރިއަށް ގެންދާނެ ގޮތް ކަނޑައެޅެނީ ލިބިފައިވާ އަނިޔާގެ ކުޑަބޮޑުމިނަށާއި، ކަކުލުގެ ހާލަތަށާއި، ބަލިމީހާގެ އުމުރާއި، ދުވަހުގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އިތުރުން ކުޅިވަރު ކުޅުމަށް އޭނާ ބޭނުންވާ މިންވަރަށް ބެލުމަށްފަހުއެވެ.
އޭސީއެލްއަށް ލިބޭ އަނިޔާތަކަށް އެކަށީގެންވާ ފަރުވާ ނުހޯދައި ދޫކޮށްލައިފި ނަމަ، އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫއެރުމުގެ އިތުރުން، ކަކުލުގެ އެހެން ބައިތަކަށް އިތުރު ގެއްލުން ލިބި، ދާއިމީ މައްސަލަތަކަކަށް މަގުފަހިވުމުގެ ފުރުޞަތު ބޮޑުކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީއެމްސީ މި ކަންކަމަށް ރިއާޔަތްކޮށް، އާންމު ގޮތެއްގައި މިފަދަ އަނިޔާތަކަށް ފަރުވާ ދިނުމުގައި ޑޮކްޓަރުން އިރުޝާދު ދެއްވަނީ ފުރިހަމައަށް އަރާމުކުރުމަށާއި، ތަދު ކެނޑުވުމަށާއި ދުޅަ ތިރިކުރުމަށް ބޭސް ބޭނުންކުރުމަށެވެ. މީގެ އިތުރުން، ކަކުލުގެ މަސްތައް ވަރުގަދަކޮށް ހުޅުގެ ހަރަކާތްތައް އަލުން އިއާދަކުރުމަށް ފިޒިއޮތެރަޕީ ދިނުމަކީ ވެސް މުހިންމު ބައެކެވެ. އޮޕަރޭޝަން ކުރުމަށް ލަފާދެއްވަނީ ހަމައެކަނި ވަކި ޚާއްޞަ ހާލަތްތަކެއްގައެވެ. އެހެންނަމަވެސް، ޤަވާއިދުން ކަސްރަތު ކުރާ މީހަކު ނުވަތަ ބުރަ ކުޅިވަރުތަކަށް އަލުން އެނބުރި ދާން ބޭނުންވާ މީހަކު ނަމަ، އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުމަށްޓަކައި ފުންކޮށް ބަލައި ޗެކްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އަނިޔާއެއް ލިބުމަށްފަހު ކަކުލުގައި ވަރުނެތް ގޮތެއް ހުރެ، ހުޅު ދޫވާހެން އިހުސާސް ކުރެވޭ ނަމަ، ގަދަކަމުން އަލުން ކުޅިވަރުގެ ތެރެއަށް ނުކުތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ޑރ. އަރިއޯ ފާހަގަކުރައްވައެވެ. އޭނާ އިތުރަށް ވިދާޅުވާ ގޮތުގައި، އެކަށީގެންވާ ފަރުވާ ނުހޯދައި ދޫކޮށްލައިފި ނަމަ، އާންމު ދިރިއުޅުމުގެ ހަރަކާތްތަކަށް ބުރޫއެރުމުގެ އިތުރުން، ކަކުލުގެ އެހެން ބައިތަކަށް ކަމަށްވާ މެނިސްކަސް އަދި ކާޓިލެޖް ފަދަ ތަންތަނަށް އިތުރު ގެއްލުން ލިބި، ދާއިމީ މައްސަލަތަކަކަށް މަގުފަހިވުމުގެ ފުރުޞަތު ބޮޑެވެ.
މިފަދަ އަލާމާތްތައް ފެންނަ ހާލަތްތަކުގައި، ލަސްނުކޮށް ސްޕޯޓްސް އިންޖަރީއަށް ޚާއްޞަ އޯތޯޕީޑިކް ސްޕެޝަލިސްޓް ކޮންސަލްޓަންޓެއްގެ ލަފާ ހޯދައި، ރަނގަޅު ޓެސްޓުތައް ހަދައިގެން ފަރުވާ ފެށުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން، ލިބޭ އަނިޔާއެއްގެ ސަބަބުން ތިބާގެ ހަރަކާތްތެރިކަން ހުއްޓުމަކަށް އަޔަ ނުދޭށެވެ. އަނިޔާ ދެނެގަނެ، އެކަށީގެންވާ ފަރުވާ ހޯދައިގެން، ކުރިއަށްވުރެ ރައްކާތެރިކަމާއެކު އަލުން ކުޅިވަރާއި ކަސްރަތުގެ މައިދާނަށް ނުކުންނާށެވެ.