އިސްތަށި ފަޅުވައިދޭ އިލެކްޓްރޯނިކް ފުނަލެއް އުފައްދައިފި

--ފޮޓޯ/އިންސްޓަގްރާމް

ޗައިނާގެ ބެއިހާންގް ޔުނިވާސިޓީގެ ދިރާސާވެރިން އަވަހަށް އިސްތަށި ފަޅުވައިދީ ތަލަވުމަށް ފަރުވާދޭ އިލެކްޓްރޯނިކް ފުނަލެއް އުފައްދައިފިއެވެ.

މި މަހުގެ ތިން ވަނަ ދުވަހު ސައިންޓިފިކް ޖާނަލްއެއް ކަމަށްވާ ނޭޗާ ކޮމިއުނިކޭޝަންސްގައި ޝާއިއުކުރި ދިރާސާއެއްގައި ދިރާސާވެރިން ބުނެފައިވާ ގޮތުގައި، "ޑިޓެންގަލް"ގެ ނަން ދީފައިވާ މި ފުނަލަކީ ބެއިޖިންގްގައި ހުންނަ ބެއިހާންގް ޔުނިވާސިޓީއާއި ސިޓީ ޔުނިވާސިޓީ އޮފް ހޮންކޮންގް ގުޅިގެން އުފެއްދި އާލާތެކެވެ.

މި އާލާތް ފަރުމާކޮށްފައިވަނީ ފިރިހެނުންގެ މެދުގައި އާންމުކޮށް ދިމާވާ ތަލަވުމުގެ މައްސަލަ ކަމަށްވާ އެންޑްރޯޖެނެޓިކް އެލޮޕީޝިއާއަށް ފަރުވާދިނުމަށެވެ.

ދިރާސާވެރިން އެ ދިރާސާގައި ބުނެފައިވާ ގޮތުގައި، މި ފުނަލުގެ ދަތްތަކުގައި ހަރުކޮށްފައިވާ އިލެކްޓްރޯޑްތަކާއި ބޭސް ފޯރުކޮށްދޭ މޮލިކިއުލްތައް މެދުވެރިކޮށް ބޮލުގެ ހަންގަނޑަށް ކަރަންޓުގެ އަސަރާއެކު އެއްފަހަރާ ބޭސް ފޯރުކޮށްދެއެވެ. އަދި އާންމުކޮށް ބޭނުންކުރާ މިނޮކްސިޑިލް ބޭހުން އިސްތަށި ފަޅުވައިދޭ މިންވަރު ގާތްގަނޑަކަށް 70 އިންސައްތައިގައި ހުންނައިރު، މި ފުނަލުގެ އެހީގައި އެއް މަސްދުވަހުގެ ތެރޭގައި އެ ނަތީޖާ ގާތްގަނޑަކަށް 100 އިންސައްތައަށް މަތިކޮށްދީ، ކުރިން ތަލަވެފައިވާ ތަންތަން ވަކިކުރަން ނޭނގޭ ވަރަށް އިސްތަށި ފަޅުވައިދީފައިވާ ކަމަށްވެސް އެ ޓީމުން ބުންޏެވެ.

ދިރާސާވެރިން ބުނި ގޮތުގައި، ފިރިހެނުންގެ ތެރެއިން 80 އިންސައްތައާ ހަމައަށް މީހުންނަށް އުމުރުގެ ކޮންމެވެސް ހިސާބެއްގައި ތަލަވުމުގެ މައްސަލަ ކުރިމަތިވި ނަމަވެސް، އެކަމަށް ހުރި ފަރުވާތައް މަދެވެ. މިހާރު ބޭނުންކުރާ މިނޮކްސިޑިލްއަކީ އިސްތަށި ފޭބުން ލަސްކޮށްދޭ ބޭހެއް ނަމަވެސް، އޭގެ ނަތީޖާ ފެންނަން އަހަރެއްހާ ދުވަސް ނަގާއިރު، ބޮލުގެ ހަންގަނޑު ހިރުވުމާއި ބޮލުގައި ރިއްސުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

މީގެ އިތުރުން، ފިނަސްޓެރައިޑް ބޭހުގެ ސަބަބުން ނަފްސާނީ ބަލިކަމާއި ޖިންސީ ސިއްހަތަށް އަސަރުކުރުން ފަދަ ސައިޑް އިފެކްޓްތައް ކުރިމަތިވާއިރު، އިސްތަށި އިންދުމަކީ ތަދުވާ އަދި އަގުބޮޑު ފަރުވާއެކެވެ.

ޑިޓެންގަލް ފުނާ މިހާތަނަށް ތަހުލީލުކޮށްފައިވަނީ ހަމައެކަނި މީދަލުގައެވެ. އެހެންކަމުން، އިންސާނުންގެ މެދުގައި ކްލިނިކަލް ތަހުލީލުތައް ފެށުމުގެ ކުރިން، މި އާލާތުގެ ރައްކާތެރިކަމާއި ނަތީޖާ ދެނެގަތުމަށް އިތުރު ތަހުލީލުތައް ކުރަންޖެހޭ ކަމަށް ދިރާސާވެރިން ބުނެފައިވެއެވެ.

comment ކޮމެންޓް