4،800 އަށް ވުރެ ގިނަ ދިވެހިން ޕޭޕަލްގައި ރަޖިސްޓްރީކޮށް، ލިބުނު ފައިސާ 1 ލައްކަ ޑޮލަރަށް ވުރެ އިތުރުވެއްޖެ

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ: މި ޚިދުމަތް ރާއްޖެ ގެނައީ އުރީދޫން-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ތައާރަފުކުރި ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، ޕޭޕަލްގައި 4،800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނި ގޮތުގައި، މި މަހުގެ އެއް ވަނަ ދުވަހާ ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ރާއްޖެއިން ބޭރުން 100،000 ޑޮލަރަށް ވުރެ ގިނަ ފައިސާ ވަނީ އެތެރެކޮށްފައެވެ. އަދި މިދިޔަ ޖޫން މަހު ރާއްޖޭގައި މި ހިދުމަތް ފެށި ފަހުން، ބައިނަލްއަގުވާމީ ޑިޖިޓަލް ޕޭމަންޓް ހިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާކަން އެ މިނިސްޓްރީން ފާހަގަކުރިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން ދިވެހި ފްރީލާންސަރުންނަށާއި، އަމިއްލަ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ކަސްޓަމަރުންނާ ގުޅި، ރާއްޖެއިން ބޭރުން ފައިސާ ބަލައިގަތުމުގެ އާ ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ. މިއީ ދިވެހި ވިޔަފާރިތައް ދުނިޔޭގެ ޑިޖިޓަލް އިގުތިސާދާއި ގުޅުވާލުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ސިފަކުރިއެވެ. އަދި ޑިޖިޓަލް ޕޭމަންޓް ވަސީލަތްތައް މެދުވެރިކޮށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ހަރަކާތްތެރިވާން ބޭނުންވާ ފަރުދުންނަށާއި ވިޔަފާރިތަކަށް މި ޚިދުމަތުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށާއި، ރަޖިސްޓްރީކުރާ މީހުންނާއި ރާއްޖެއަށް ވަންނަ ފައިސާގެ އަދަދު އިތުރުވުމަކީ ގުޅިލާމެހިފައިވާ އަދި އެންމެން ޝާމިލުވާ ޑިޖިޓަލް އިގުތިސާދަކަށް ވާސިލުވުމަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް ބުންޏެވެ.

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ ޖޫން 15 ވަނަ ދުވަހު، އުރީދޫ ފިންޓެކްގެ އެމް-ފައިސާ ޕްލެޓްފޯމް މެދުވެރިކޮށެވެ. ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި އިންޓަގްރޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓާއި އެމް-ފައިސާ ގުޅުވާލައިގެން ސީދާ ރާއްޖެއިން ބޭރުން ފައިސާ ބަލައިގަނެވެއެވެ.

މި ޚިދުމަތަކީ ދިވެހި ސަރުކާރާއި ޕޭޕަލްއާ ދެމެދު ކުރެވުނު މަތީ ފެންވަރުގެ މަޝްވަރާތަކަށް ފަހު ހޯދުނު ކުރިއެރުމެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ. ހިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޕޭޕަލްގެ އޭޝިއާ-ޕެސިފިކް ޑިވިޝަންގެ ވައިސް ޕްރެޒިޑެންޓް އާމިރު ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ ޝާދީ ގަވާސްމީ ވިދާޅުވި ގޮތުގައި، މި ހިދުމަތުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ފްރީލާންސަރުންނާއި އާންމު ފަރުދުން ބާރުވެރިވެ، ދުނިޔޭގެ ޑިޖިޓަލް އިގުތިސާދުގައި އިތުބާރާއެކު ބައިވެރިވުމަށް އާ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

comment ކޮމެންޓް