އެންތްރޯޕިކާއި އޯޕަންއޭއައިއާ ވާދަކުރުމަށް މައިކްރޮސޮފްޓުން އާ އޭއައި މޮޑެލްތަކެއް ތަޢާރަފުކޮށްފި

އާ މޮޑެލްތައް ތަޢާރަފުކުރީ ސެން ފްރެންސިސްކޯގައި ކުރިއަށްދިޔަ މައިކްރޮސޮފްޓް އިގްނައިޓް ކޮންފަރެންސްގައި ---

އެންތްރޯޕިކާއި އޯޕަންއޭއައި ފަދަ ވާދަވެރި ކުންފުނިތަކާ ކުރިމަތިލުމުގެ ގޮތުން، ކޯޑިން އަދި ސައިބާ ސެކިއުރިޓީގެ ވަރުގަދަ ގާބިލުކަން ލިބިފައިވާ އާ އޭއައި މޮޑެލްތަކެއް މައިކްރޮސޮފްޓުން ތަޢާރަފުކޮށްފިއެވެ.

ސެން ފްރެންސިސްކޯގައި ކުރިއަށްދިޔަ މައިކްރޮސޮފްޓް އިގްނައިޓް ކޮންފަރެންސްގައި އެ ކުންފުނިން ވަނީ "އެމްއޭއައި ކޯޑް 2" ގެ ނަމުގައި ކޮމްޕިއުޓަރު ޕްރޮގްރާމިން މޮޑެލެއް ދައްކާލާފައެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި މި މޮޑެލަކީ ވާދަވެރި އެހެން އޭއައި މޮޑެލްތަކާ އެއްހަމައެއްގެ ނަތީޖާތަކެއް، އެއަށްވުރެ މާ ކުޑަ ޚަރަދެއްގައި ނެރެދޭނެ މޮޑެލެކެވެ.

މީގެ އިތުރުން، އޭއައި ޓޫލްތަކުގެ ސަބަބުން ސޮފްޓްވެއާތަކުގައި ހުންނަ އުނިކަންތައްތައް އިތުރަށް ފާހަގަވަމުންދާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ސައިބަރ ސެކިއުރިޓީއަށް ޚާއްޞަ މޮޑެލެއް ވަކި ޚާއްޞަ ކަސްޓަމަރުންތަކަކަށް ދޫކުރުމަށް ނިންމާފައިވާކަންވެސް އެ ކުންފުނިން ހާމަކުރިއެވެ. އަދި ހަމައެއާއެކު ތަސްވީރު އުފެއްދުމާއި އަޑު ލިޔުމަށް ބަދަލުކުރާ އާ އޭއައި މޮޑެލްތަކެއްވެސް މައިކްރޮސޮފްޓުން ވަނީ ނެރެފައެވެ.

އޭއައިގެ ރައްކާތެރިކަމަށް މައިކްރޮސޮފްޓުން އިސްކަންދޭ ކަމަށް އެކުންފުނިން ބުނޭ ---

މައިކްރޮސޮފްޓް އޭއައިގެ ވެރިޔާ މުސްތަފާ ސުލައިމާން ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެކި ދާއިރާތަކަށް ޚާއްޞަކޮށްގެން ޓެކްނޮލޮޖީ ބިނާކުރުމުގެ ސިޔާސަތުގެ ސަބަބުން ޚަރަދު ކުޑަކުރެވި، ބައެއް ބެންޗްމާކްތަކުގައި ވާދަވެރިންނަށްވުރެ ކުރިހޯދުމަށް މަގުފަހިވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ މިއީ އެންމެ މޮޑެލެއް ނޫން ކަމަށާއި، މިއީ ފެންވަރާއި އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ބިނާކޮށްފައިވާ ވަރުގަދަ ނިޒާމެއް ކަމަށެވެ.

އޯޕަންއޭއައިގެ އޭޖެންޓުންތަކެއް ހަގިން ފޭސް ޕްލެޓްފޯމް ހެކްކުރި ހާދިސާއަށް އިޝާރާތްކުރައްވައި ސުލައިމާން ވިދާޅުވީ، ދާދިފަހުން ސައިބާ ސެކިއުރިޓީއަށް ކުރިމަތިވި ގޮންޖެހުންތަކާއެކު، ހަމައެކަނި މޮޑެލްގެ ފެންވަރު ރަނގަޅުކުރުމުގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބޮޑު އިސްކަމެއް ދެއްވާފައިވާ ކަމަށެވެ.

އޭއައިގެ ފަރާތުން ގެއްލުންދެނިވި އަމަލުތައް ހިނގުން ހުއްޓުވައި، އެ ތަކެތި ބޭނުންވާ ގޮތަށް މަސައްކަތްކުރާކަން ކަށަވަރުކުރުމަކީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަންތައް ކަމުގައިވެސް ވިދާޅުވިއެވެ.

comment ކޮމެންޓް