އެންވިޑިއާގެ ކުރީގެ ސީއީއޯ ޖެންސެން ހުއާން އަލުން އެ މަގާމަށް ހަމަޖެއްސުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ދެކޮޅުހަދައިފިއެވެ.
ކުންފުނީގެ ބޯޑުގެ ޗެއާ ހާވީ ޖޯންސް އިންވެސްޓަރުންނާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި، ނޮވެންބަރު 11 ގައި ހުއާން އިސްތިއުފާދެއްވީ ކުންފުނީގެ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކާ ހިލާފު އަމިއްލަ އަމަލުތަކެއް ފެންމަތިވުމުން އަމިއްލަފުޅަށެވެ. އަދި ބޯޑުގެ އިއްތިފާގުން އެ އިސްތިއުފާ ގަބޫލުކޮށްފައިވާ ކަމަށާއި، އޭނާ އަލުން އެ މަގާމަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް ޖޯންސް ވިދާޅުވިއެވެ.
ނަމަވެސް އިސްތިއުފާއަށް ފަހު ނެރުއްވި ފުރަތަމަ ބަޔާނުގައި ހުއާން ވިދާޅުވީ، ކުންފުނީގެ މުވައްޒަފުންނާއި އިންވެސްޓަރުން އަދި ކަސްޓަމަރުން އޭނާ އެނބުރި އައުމަށް ގޮވާލަމުންދާ ކަމަށެވެ. އަދި ބޯޑުން އެދިއްޖެ ނަމަ އަލުން ކުންފުނި ހިންގެވުމާ ހަވާލުވެވަޑައިގަތުމަކީ ލިބޭނެ ޝަރަފެއް ކަމަށާއި، ބޯޑަށް ދިމާވި މައްސަލަތަކާ މެދު ހިތާމަކުރައްވައި މިނިވަން ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ކުންފުންޏާ ގުޅޭ ގައުމީ ސަލާމަތުގެ މައްސަލަތަކުގައި އެމެރިކާގެ ކޮންގްރެސްއަށް ހާޒިރުވެވަޑައިގެން ސުވާލުތަކަށް ޖަވާބުދެއްވުމަށް ވެސް ހުއާން އިއްޔެ ވަނީ އެއްބަސްވެވަޑައިގެންފައެވެ.
މި މައްސަލަތައް ފެންމަތިވީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަދި ސިންގަޕޫރުގެ މެގަސްޕީޑް ކުންފުނީގެ ސީއީއޯ އެލިސް ހުއާންއާ އެކު ޖެންސެން ހުއާން ބޭއްވެވި ގުޅުންތަކަކާ ގުޅިގެންނެވެ. އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓާއި ޖަސްޓިސް ޑިޕާޓްމަންޓުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެކްސްޕޯޓް ކޮންޓްރޯލް އުސޫލުތަކާ ހިލާފުވި ކަމުގެ ތުހުމަތުގައި 2024 އިން ފެށިގެން މެގަސްޕީޑް ތަހުގީގުކުރަމުންދާ ކަމަށާއި، މިދިޔަ އަހަރުގެ ޖޫން މަހު އެންވިޑިއާއިން އެ ކުންފުންޏަށް ތަކެތި ވިއްކުން މަނާކުރި ކަމަށެވެ. މެގަސްޕީޑުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
މީގެ އިތުރުން، އެންވިޑިއާއިން އިންވެސްޓަރުންނަށް އޮޅުވާލާފައިވޭތޯ ބެލުމަށް އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) އިން ތަހުގީގުކުރަމުންދާ ކަމަށް، ކަމާ ގުޅުންހުރި ފަރާތްތަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ވަނީ ރިޕޯޓުކޮށްފައެވެ. މިކަމާ ގުޅިގެން އެންވިޑިއާގެ ބޯޑުން ވަނީ ޑިރެކްޓަރު ސުޒާން ނޯރާ ޖޯންސަން އިސްވެ ހުންނަވާ ގޮތަށް ގައުމީ ސަލާމަތާއި އެކްސްޕޯޓް ކޮންޓްރޯލް ބަލަހައްޓާ ކޮމިޓީއެއް އެކުލަވާލާފައެވެ.
މި ހަލަބޮލިކަމުގެ ތެރޭގައި ވެސް އެންވިޑިއާގެ ތިންވަނަ ކުއާޓަރުގެ އާމްދަނީ ވަނީ ޖެހިޖެހިގެން 17 ވަނަ ފަހަރަށް ވޯލް ސްޓްރީޓްގެ އަންދާޒާތަކަށް ވުރެ މަތިވެފައެވެ. އަދި ހަތަރުވަނަ ކުއާޓަރުގައި 130 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ލަފާކޮށްފައެވެ. ނަމަވެސް، އޮކްޓޫބަރު 6 ގައި އެ ކުންފުނީގެ ބާޒާރުގެ އަގު 5.77 ޓްރިލިއަން ޑޮލަރުގައި ހުރުމަށް ފަހު، ހުކުރު ދުވަހު ވަނީ 3.92 ޓްރިލިއަން ޑޮލަރަށް ވެއްޓި، 1.8 ޓްރިލިއަނަށް ވުރެ ގިނަ ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައެވެ.