ގޫގުލް މީޓް ކޯލްތަކުގައި ބައިވެރިވެވޭ ގޮތަށް އެންތްރޮޕިކުން 'ކްލޯޑް މީޓިންގްސް' ތައާރަފުކޮށްފި

ގޫގުލް މީޓް ކޯލެއްގެ ތެރެއަށް ކްލޯޑް ވެއްދުމުން، އެ އެސިސްޓެންޓް ފެންނަން ހުންނާނީ ބައްދަލުވުމުގެ ބައިވެރިއެއްގެ ގޮތުގައި ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުންފުންޏެއް ކަމަށްވާ އެންތްރޮޕިކުން، ޓީމް ވީޑިއޯ ކޯލްތަކުގައި އެ ކުންފުނީގެ އޭއައި އެސިސްޓެންޓް ބޭނުންކުރެވޭނެ އައު ފީޗާއެއް ކަމަށްވާ "ކްލޯޑް މީޓިންގްސް" ތައާރަފުކޮށްފިއެވެ.

ބީޓާ ވާޝަނެއްގެ ގޮތުގައި މިހާރު ތައާރަފުކޮށްފައިވާ މި ފީޗާ އެންމެ ފުރަތަމަ ބޭނުންކުރެވޭނީ ގޫގުލް މީޓްގައެވެ. މި ޚިދުމަތް މިވަގުތު ލިބެން ހުންނާނީ ކްލޯޑް ޓީމް އަދި އެންޓަޕްރައިޒް ސަބްސްކްރައިބަރުންނަށް އެކަންޏެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެނިހެން ވީޑިއޯ ކޮންފަރެންސިން ޕްލެޓްފޯމްތަކަށްވެސް މި ޚިދުމަތް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ގޫގުލް މީޓް ކޯލެއްގެ ތެރެއަށް ކްލޯޑް ވެއްދުމުން، އެ އެސިސްޓެންޓް ފެންނަން ހުންނާނީ ބައްދަލުވުމުގެ ބައިވެރިއެއްގެ ގޮތުގައެވެ. ބައްދަލުވުން ކުރިއަށްދާ ވަގުތު އަނގަބަހުން ނުވަތަ މީޓިންގ ޗެޓް މެދުވެރިކޮށް ކްލޯޑާ ސުވާލުކުރެވޭނެއެވެ. އަދި ބައްދަލުވުމުގައި ދެކެވޭ ވާހަކަތަކަށް ބިނާކޮށް ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް ތައްޔާރުކޮށް، އެ ވަގުތު ކޯލުގައި ތިބޭ އެހެން ބައިވެރިންނަށް އެ ލިޔުންތަކަށް ބަދަލު ގެނައުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޑިފޯލްޓްކޮށް ކުންފުނިން ބޭރުގެ ފަރާތްތައް ހިމެނޭ ބައްދަލުވުންތަކުގައި ކްލޯޑް ބައިވެރިއެއް ނުވާނެ ---

މީގެ އިތުރުން، ބައްދަލުވުމުގެ ޓްރާންސްކްރިޕްޓާއި، ޚުލާސާ އަދި ކުރަންޖެހޭ މުހިންމު ކަންކަން (އެކްޝަން އައިޓަމްސް) ކްލޯޑް.އޭއައި ގައި ރައްކާކޮށްދޭނެއެވެ. މީގެ ސަބަބުން ބައްދަލުވުން ނިމުމަށްފަހުވެސް ބައިވެރިންނަށް އެ މައުލޫމާތުތައް ބަލައި، ދެކެވުނު ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ޑިފޯލްޓްކޮށް ކުންފުނިން ބޭރުގެ ފަރާތްތައް ހިމެނޭ ބައްދަލުވުންތަކުގައި ކްލޯޑް ބައިވެރިއެއް ނުވާނެއެވެ. އަދި ބައްދަލުވުން ކުރިއަށްދަނިކޮށް ބޭރުގެ މީހަކު ގުޅިއްޖެނަމަ ކްލޯޑް އަމިއްލައަށް ކޯލުން ނުކުންނާނެއެވެ. ކްލޯޑް ބައްދަލުވުމާ ގުޅޭއިރު ޗެޓްގައި އެކަން އެންގުމުގެ އިތުރުން، އޯޑިއޯ ރެކޯޑް ނުކުރި ނަމަވެސް ވާހަކަތައް ލިޔުމަށް ބަދަލުކޮށް ސްކްރީން ޝެއާކުރާ ތަކެތި ސިފަކޮށްދޭނެއެވެ. އެހެންކަމުން، މި ފީޗާ ބޭނުންކުރުމުގެ ކުރިން ބައްދަލުވުމުގެ ބައިވެރިންނަށް އެކަން އަންގައި ހުއްދަ ހޯދުމަށް އެންތްރޮޕިކުން އިރުޝާދު ދެއެވެ.

ބީޓާ މަރުހަލާގައި މީޓިންގ ޓްރާންސްކްރިޕްޓާއި ނޯޓުތަކަށް އިތުރު އަގެއް ނުނަގާނެއެވެ. އަދި ބައްދަލުވުންތަކުގެ ތެރޭގައި ތައްޔާރުކުރާ ލިޔެކިޔުންތަކާއި ވައިޓްބޯޑްތައް 2027 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހިލޭ ބޭނުންކުރެވޭނެ ކަމަށް އެންތްރޮޕިކުން ހާމަކޮށްފައިވެއެވެ.

comment ކޮމެންޓް