ކުޑަކުދިން ސޯޝަލް މީޑިއާއަށް ދެވިހިފުން ހުއްޓުވުމަށް ކެލިފޯނިއާއިން ހަދާފައިވާ އާ ޤާނޫނާ ދެކޮޅަށް ގޫގަލް، މެޓާ އަދި ޓިކްޓޮކުން ވަކިވަކިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި ކުންފުނިތަކުން ދަޢުވާކޮށްފައިވަނީ 16 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ހަދާފައިވާ މި ޤާނޫނުގެ ސަބަބުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅި، ބެލެނިވެރިންގެ ބާރުތަކުގެ ތެރެއަށް ދައުލަތުން ވަންނަމުންދާ ކަމަށް ބުނެއެވެ.
ކެލިފޯނިއާގެ ގަވަރުނަރު ގޭވިން ނިއުސަމް ނިމިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ސޮއިކުރެއްވި "އެސެމްބްލީ ބިލް 1709" އަކީ ސޯޝަލް މީޑިއާ އާއި އޭއައި ޗެޓްބޮޓްތަކުގެ ރައްކާތެރިކަމަށް އެކުލަވާލި ޤާނޫނީ އޮނިގަނޑެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުއެވެ.
މި ޤާނޫނުގެ ދަށުން "ނަފްސާނީ ގޮތުން ކުދިންގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ފީޗާތައް" ކަމަށް ކަނޑައަޅައި، ޕާސަނަލައިޒްޑް ފީޑްތަކާއި، އެންޑްލެސް ސްކްރޯލިން އާއި، އޮޓޯޕްލޭ ވީޑިއޯތައް މަނާކުރެއެވެ. މީގެ އިތުރުން، ޕްލެޓްފޯމްތަކުން ޔޫޒަރުންގެ ޢުމުރު ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. މި ޤާނޫނުގެ މަޤްޞަދަކީ ކުދިން ފޯނު ބަހައްޓަން ބޭނުންވާ ވަގުތަށް ވުރެ އިތުރަށް ސްކްރޯލްކުރަން ބާރުއަޅާ ފީޗާތައް ހުއްޓުވުމެވެ.
ކޯޓަށް ހުށަހެޅި މައްސަލަތަކުގައި ކުންފުނިތަކުން ފާހަގަކޮށްފައިވަނީ ކެލިފޯނިއާއިން މަސައްކަތްކުރަނީ ކޮންޓެންޓް ހުށަހަޅާނެ ގޮތް ކަނޑައަޅައި ބެލެނިވެރިންގެ ނިންމުންތަކުގެ ބަދަލުގައި ދައުލަތުގެ ނިންމުންތައް އިސްކުރުމަށް ކަމަށެވެ. މި ދަޢުވާތައް ބިނާކޮށްފައިވަނީ އެމެރިކާގެ ޤާނޫނުއަސާސީގެ ފަސްޓް އެމެންޑްމަންޓް (ޚިޔާލުފާޅުކުރުމުގެ މިނިވަންކަން) އާއި، ޔޫޒާ-ޖެނެރޭޓެޑް ކޮންޓެންޓުގެ މަސްއޫލިއްޔަތުން ޕްލެޓްފޯމްތައް އިސްތިސްނާކުރާ ސެކްޝަން 230 ގެ މައްޗަށެވެ.
މެޓާއިން ބުނެފައިވަނީ ޕޯސްޓްތައް ތަރުތީބުކޮށް ދައްކާނެ ގޮތާ މެދު އެކުންފުނިން ނިންމާ އެޑިޓޯރިއަލް ނިންމުންތައް ބާތިލުކުރުމުގެ ބާރު ދައުލަތަށް ނޯންނާނެ ކަމަށެވެ. ގޫގަލްއިން ބުނި ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ކުދިންނަށް އެކަށީގެންވާ ވީޑިއޯތައް ހޯދައިދިނުމަށް އެކުލަވާލާފައިވާ ނިޒާމުތަކަށް ބުރޫއަރާނެއެވެ. އަދި ޓިކްޓޮކުން ބުނެފައިވަނީ މި ޤާނޫނުގެ ސަބަބުން މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމަށާއި ބެލެނިވެރިންގެ އިޚްތިޔާރަށް ހުރަސްއެޅޭ ކަމަށެވެ.
ގޫގަލްގެ ތަރުޖަމާނު ޚޯސޭ ކަސްޓަނޭޑާ ބުނެފައިވަނީ މިފަދަ ފުޅާ ދާއިރާއެއްގައި ހަދާ ޤާނޫނުތަކުގެ ސަބަބުން ކުދިންނަށް ފެންވަރު ރަނގަޅު، އުމުރާ ގުޅޭ ވީޑިއޯތައް ހޯދައިދިނުމަށް އުފައްދާފައިވާ ނިޒާމުތައް ހަލާކުވެގެންދާ ކަމަށެވެ. މީގެ އިތުރުން ގޫގަލްއިން ފާހަގަކުރީ އާއިލާތަކަށް އެކަށީގެންވަނީ ކޮން އެއްޗެއްކަން ކަނޑައަޅަންޖެހޭނީ ބެލެނިވެރިން ކަމަށާއި، އެކަމަށްޓަކައި އެކުންފުނިން ބެލެނިވެރިންނަށް ޚާއްޞަ ކޮންޓްރޯލްތަކާއި ރައްކާތެރިކަން ގާއިމުކޮށްދީފައިވާ ކަމަށެވެ.
ކެލިފޯނިއާގެ އެޓާނީ ޖެނެރަލް ރޮބް ބޮންޓާގެ އޮފީހުން ދަ ގާޑިއަން ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ހުށަހެޅިފައިވާ ދަޢުވާތައް ދިރާސާކުރަމުންދާ ކަމަށާއި، ކުޑަކުދިން ރައްކާތެރިކުރުމަށް ދައުލަތުން ހަދާފައިވާ ޤާނޫނުތައް ދިފާއުކުރާނެ ކަމަށެވެ.
މި ޤާނޫނާ ދެކޮޅަށް ހަމައެކަނި އަޑުއުފުލަނީ ސޯޝަލް މީޑިއާ ކުންފުނިތަކެއް ނޫނެވެ. އިލެކްޓްރޯނިކް ފްރަންޓިއާ ފައުންޑޭޝަން (އީއެފްއެފް) އިން އިންޒާރު ދީފައިވާ ގޮތުގައި ޢުމުރު ކަށަވަރުކުރުމުގެ މަރުޙަލާތަކުގެ ސަބަބުން އެންމެންގެ އަމިއްލަ މައުލޫމާތުތައް ހުށަހަޅަންޖެހޭ މިންވަރު އިތުރުވެގެންދާނެއެވެ. އަދި ރެކޮމެންޑޭޝަން ޓޫލްތައް އުނިކުރުމުން ޒުވާނުން އޮންލައިން މުޖުތަމަޢުތަކުން އެކަހެރިވެގެންދާނެ ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.
މި ދަޢުވާތައް ހުށަހެޅިފައި މިވަނީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން އެމެރިކާގެ ސްޓޭޓްތަކުން ކުރި ދަޢުވާތައް ނިންމުމަށްޓަކައި މެޓާއިން 18 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ދެއްކުމަށާއި، ފޭސްބުކް އަދި އިންސްޓަގްރާމް ޓީންއޭޖަރުން ބޭނުންކުރާ ގޮތަށް ބަދަލުތަކެއް ގެނައުމަށް އޮގަސްޓް މަހު އެއްބަސްވެފައިވަނިކޮށެވެ. އެ ބަދަލުތަކުގެ ތެރޭގައި ޑިފޯލްޓް ވަގުތު ލިމިޓްތަކާއި ސްކްރޯލްކުރުން މެދުކަނޑާލަންޖެހޭ ވަގުތުތައް ހިމެނެއެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކަކުން މިހާރު ދަނީ ޒުވާނުން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުމަށް ނުވަތަ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. އެގޮތުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ޤައުމު ކަމަށްވާ އޮސްޓްރޭލިއާގައި، ރެޑިޓް އިން ވަނީ އެ ޤައުމުގެ ހައިކޯޓަށް މައްސަލަ ހުށަހަޅާފައެވެ. ރެޑިޓުން ބުނަނީ އެ ޤާނޫނުގެ ސަބަބުން ސިޔާސީ މުއާމަލާތްތަކަށް ހުރަސްއެޅޭ ކަމަށާއި، ރެޑިޓަކީ ޙަޤީޤަތުގައި ސޯޝަލް މީޑިއާ ސައިޓެއް ނޫން ކަމަށެވެ.