ޔާމީންގެ ނުރުހުން: "ރާއްޖޭގެ ބިމުން ބައެއް ކަނޑައި ދޫކުރާއިރު ބަސް ނުބުނެ ތިބޭ މީހުންނަކީ ކުށުގެ ބައިވެރިން"

ކުރީގެ ރައީސް ޔާމީން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި.. ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ރާއްޖޭގެ ބިމުން ބައެއް ކަނޑައި، ގާނޫނާ ޚިލާފަށް ދޫކުރަމުންދާއިރު އެކަމުގައި ބަސްނުބުނެ އަދި އެކަމާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިނުވާ ކޮންމެ މީހަކީ އެ ކުށުގައި ބައިވެރިވާ މީހެއް ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗުގައި "ގައުމީ ހަރަކާތް" އިން އިންތިޒާމުކޮށްގެން ބޭއްވި "ދިވެހީންގެ ބިން ދިވެހިންނަށް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ ބިން އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް އަޑުއުފުލަން އެއްވެ ތިބީ ވަކި ސިޔާސީ ޕާޓީއަކަށް ނުވަތަ ވަކި ކުލައަކަށް ނިސްބަތްވާ ބައެއް ނޫން ކަމަށާއި، އެއީ ގައުމު ދެކެ ލޯބިވާ ދިވެހި ރައްޔިތުން ކަމަށެވެ.

މިއީ ސިޔާސީ ބައިބައިވުމެއް ނެތް ގައުމީ އިއްތިހާދެއްގެ ފެށުން ކަމަށާއި، މި ނުކުތީ އެންމެން އަތުގުޅައިގެން ރާއްޖެއަކީ ފުރިހަމަ ސިޔާދަތީ ބާރު އޮތް ޤައުމަކަށް ހެދުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ އިސް ބޭފުޅުންނާ އެކު "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި.. ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

ފުލުހުންނާއި ސިފައިންގެ އިތުރުން ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، މިއީ އެ ފަރާތްތަކުން ބަސްބުނަން ޖެހިފައިވާ ވަގުތު ކަމަށެވެ.

ރާއްޖޭގެ އިސްތިގްލާލު ގެއްލުވާލައި، ބިމުން ބައެއް ކަނޑައި ދިނުމަށްފަހު އެ ބިމެއް އަލުން ހޯދަން މަސައްކަތް ނުކޮށް ތިބެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމާ ދެކޮޅަށް ނުނުކުމެ ތިބޭ މީހުންނަކީ މި ކުށުގައި ބައިވެރިވާ ބައެއް ކަމަށާއި، ދެން ވެރިކަމަށް އަންނަ ބަޔަކު މިކަން ބަދަލުކުރާއިރު، އެ އެންމެން ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ޖިނާއީ ތަޙުޤީޤު ހިންގައި، ޖިނާއީ އަދަބު ލިބޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ފުލުހުންނާއި ސިފައިން އަދި ޕީއެންސީ މެންބަރުން އަދި މަޖިލިސް މެންބަރުންނަށް މި ދަންނަވަނީ، މިހާރު މިއީ ތިބޭފުޅުން ބަސްބުނަން ޖެހިފައި އޮތް ވަގުތު. މިކަމަށް މިހާރު ބައިވެރި ނުވާ ހަމަ ކޮންމެ މީހަކީ މި ކުށުގައި ބައިވެރިވާ މީހެއް،" ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރަށް ވެސް އިންޒާރު ދެއްވާފައެވެ. އެގޮތުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ނޫން އެހެން ސަރުކާރެއް، އެއީ އެމަނިކުފާނުގެ ވެރިކަމެއް ކަމުގައި ވިޔަސް ނުވަތަ އިދިކޮޅު އެމްޑީޕީގެ ވެރިކަމެއް ކަމުގައި ވިޔަސް ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކޮށްފިނަމަ، ދޫކޮށްފައިވާ ބިން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީން "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުގައި ވާހަކަފުޅުދައްކަވަނީ -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ

"ﷲގެ ރަޙުމަތުން އަޅުގަނޑު ވިޔަސް އަދި އެމްޑީޕީ ވިޔަސް މިހާރު މި އޮތް ސަރުކާރު ނޫން އެހެން ބަޔަކު ދެން އަންނަ އިންތިޚާބެއް ކާމިޔާބު ކޮށްފި ނަމަ ޝައްކެއް ވެސް ނެތް. އަލައްބާރު އަޑު އަހާ! ޒަޔަނިސްޓުން އަޑު އަހާ! ރަސްމާލެ ބިން ދީފައި އޮތަސް އަނބުރާ ގެންނާނަން! އަދި އެއަށް އެއްވެސް ބަދަލެއް ވެސް ނުދޭނަން،" ޔާމީން ވިދާޅުވިއެވެ.

ހަމައެއާއެލި ރަސްމާލެ މަޝްރޫޢަކީ ރައީސް މުޢިއްޒުގެ އަމިއްލަ ވިސްނުންފުޅެއް ނޫން ކަމަށާއި، އެއީ އެމަނިކުފާނުގެ މެނިފެސްޓޯގައި އޮތް ކަމެއް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ އެންމެ ބޮޑު މަސްލަހަތެއް އޮތް ކަމަކީ ބިމުގެ މައްސަލަ ކަމަށާއި، ރައްޔިތުންގެ ބަހެއް ނެތި މިފަދަ ގޮތަކަށް ބިން ދޫކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަސްމާލޭ މަޝްރޫއުގަ ރައީސް މުއިއްޒުގެ ގަލަމުން އެންމެ ދެލިތިއްކެއް ވެސް ނޯންނާނެ ޖަހާފައެއް. އެއީ އަޅުގަނޑުގެ މެނިފެސްޓޯގައި އޮތް ކަމެއް،" ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމަވެސް ހިނގަން މެދުވެރިވީ ބިމުގެ މައްސަލަތަކުގައި ކަމަށް ވިދާޅުވެ، ރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި އޮތް ފޯޅަވަހި ހޯދުމަށް ވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް