މިދިޔަ ހަފުތާގައި ވެސް ހިމަބިއްސަށް ފައްސިވީ އެކަކު، މި އަހަރުގެ ޖުމުލަ އަދަދު 291އަށް

މީސަލްސް ވެކްސިން ޖެހުމަށް ކުރިއަށްގެންދިޔަ ކެމްޕޭނެއް: މިދިޔަ ހަފުތާގައި ވެސް ހިމަބިއްސަށް ފައްސިވީ އެކަކު -- ފޮޓޯ/ ރައީސް އޮފީސް

މިދިޔަ ހަފުތާގައި ވެސް ހިމަބިއްސަށް ފައްސިވީ އެންމެ މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ހާމަކޮށްފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހަފުތާގައި ބައްޔަށް ފައްސިވި މީހާއާއެކު، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު ވަނީ 291އަށް އަރައިފައެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މި އަހަރު މިހާތަނަށް 17،524 މީހުން ޖަހާފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުގައިވެއެވެ.

ފަހަކަށް އައިސް، ކޮންމެ ހަފުތާއަކު ވެސް ހިމަބިހި ޖެހޭ މީހުންގެ އަަދަދު ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގައި ބައްޔަށް ފައްސިވީ އެކަކު ކަމަށްވާއިރު، އޭގެ ޖެހިގެން އައި ހަފުތާގައި އެއްވެސް މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައިނުވެއެވެ. ނަމަވެސް މިދިޔަ މަހުގެ ތިން ވަނަ ހަފުތާގައި ތިން މީހަކަށް ބަލި ޖެހިފައިވާކަން ފާހަގަވި ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

ރާއްޖޭގައި ހިމަބިހި ނައްތައިލައިފައިވަނިކޮށް، އަލުން ފެތުރެން ފެށީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭރު ކޮންމެ ހަފުތާއެކު ވެސް ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވިއެވެ.

އެޗްޕީއޭއިން ވަނީ، ހިމަބިހީގެ ކޭސްތައް ރާއްޖޭން ފެންނަމުން ދިޔަ ނަމެވެސް، ރާއްޖެ އަދި ވެސް އޮތީ އެ ބަލި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަމަށް ބުނެފައެވެ.

https://sun.mv/229746

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުންނަށް ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކޮށްދޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ބުނެފައިވެއެވެ.

ހުން އައުމާ އެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، ލަސްނުކޮށް ފަރުވާ ހޯދުމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވައެވެ. އަދި ބަލީގެ އަލާމާތްތަކަށް ސަމާލުވުމަކީ ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

comment ކޮމެންޓް