ބަރުދަން ލުއިކުރާ ބޭސްތަކުން ލޮލުގެ ފެނުން ގެއްލިދާނެ ކަމުގެ އިންޒާރު

ހަކުރުބައްޔާއި ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ޖީއެލްޕީ-1 ވެކްސިންތައް ނުވަތަ ބޭސްތަކުގެ ލޭބަލްގައި ލޮލުގެ ނުރައްކާތެރި ހާލަތަކާ ގުޅޭ ރައްކާތެރިކަމުގެ އިންޒާރު ހިމެނުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފިއެވެ.

ހޯމަ ދުވަހު އެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ނޯވޯ ނޯޑިސްކްގެ އޮޒެމްޕިކާއި ވިގޯވީ އަދި އީލައި ލިލީގެ މައުންޖާރޯއާއި ޒެޕްބައުންޑްގެ އިތުރުން ސަނޯފީގެ ސޮލިކުއާ ހިމެނޭހެން، މި ބާވަތުގެ ހުރިހާ ބޭހެއްގައި ނޮން-އާޓެރިޓިކް އެންޓީރިއާ އިސްކީމިކް އޮޕްޓިކް ނިއުރޯޕަތީ (އެންއޭއައިއޯއެން) ޖެހުމުގެ ފުރުސަތު އޮތްކަން ބަޔާންކުރަންޖެހޭނެ ކަމަށެވެ.

ލޮލުގެ ނާރަށް ލޭ ފޯރުކޮށްދިނުން މަދުވުމުން ދިމާވާ މި މަދު ހާލަތުގެ ސަބަބުން ތަދެއް ނެތި ކުއްލިއަކަށް އެއް ލޮލުގެ ފެނުން ދަށްވެ، ދާއިމީކޮށް ފެނުން ގެއްލުމުގެ ފުރުސަތު އޮންނަ ކަމަށް އެ އިދާރާއިން ބުންޏެވެ.

https://www.sun.mv/227901

މި ނިންމުމާ ގުޅިގެން އީލައި ލިލީގެ ތަރުޖަމާނަކު ވިދާޅުވީ، އެފްޑީއޭގެ އެންގުމަކީ ޖީއެލްޕީ-1 ބޭސްތަކަށް އާންމުކޮށް ނެރުނު އެންގުމެއް ކަމަށާއި، އެ ކުންފުނީގެ ވަކި ބޭހަކާ ގުޅޭ ހޯދުމަކަށް އޭގައި ހަވާލާދީފައި ނުވާ ކަމަށެވެ. އަދި އެ ބަދަލު ދިރާސާކޮށް އަވަހަށް ޖަވާބުދާރީވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޯވޯ ނޯޑިސްކްގެ ތަރުޖަމާނަކު ވިދާޅުވީ، މިހާރު ހުރި މައުލޫމާތުތަކުން ބޭހާއި އެ ހާލަތާ ސީދާ ގުޅުމެއް އޮތްކަން ސާބިތު ނުވާ ކަމަށާއި، އެ ކުންފުނީގެ ބޭސްތަކުގެ ރައްކާތެރިކަމާ މެދު އިތުބާރު އެބައޮތް ކަމަށެވެ.

ސިޓީގެ އެނަލިސްޓް ޖެފް މީޗަމް ވިދާޅުވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ބަލިމީހުންނާއި އިންވެސްޓަރުންގެ ކަންބޮޑުވުން ވަގުތީ ގޮތުން އިތުރުވި ނަމަވެސް، މި ހާލަތު މަދުވުމާއި ބޭހުން ލިބޭ ސިއްހީ ފައިދާތަކުގެ ސަބަބުން ބޭސް ލިޔެދޭ މިންވަރަށް ބޮޑު ބަދަލެއް ނާންނާނެއެވެ.

މީގެ ކުރިން ޖޫން 6، 2025 ގައި ޔޫރަޕިއަން މެޑިސިންސް އެޖެންސީ (އީއެމްއޭ) ގެ ސޭފްޓީ ކޮމިޓީން ވަނީ އޮޒެމްޕިކް، ވިގޯވީ އަދި ރައިބެލްސަސްގައި ހިމެނޭ ސެމަގްލޫޓައިޑް މަދުވެގެން އެއް އަހަރު ވަންދެން ބޭނުންކުރާ ކޮންމެ 10،000 މީހުންގެ ތެރެއިން އެކަކަށް މި ހާލަތު ދިމާވެދާނެ ކަމަށް ކަނޑައަޅައި، އެ ހާލަތު މެދުވެރިވެއްޖެ ނަމަ ބޭސް ހުއްޓާލުމަށް އިރުޝާދުދީފައެވެ.

ޑެންމާކާއި ނޯވޭގެ ސިއްހީ ދަފުތަރުތަކުން ހަކުރުބަލީގެ ބަލިމީހުން ހިމަނައިގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، އެހެން ބޭސްތަކާ އަޅައި ބަލާއިރު ސެމަގްލޫޓައިޑް ބޭނުންކުރާ މީހުންނަށް މި ހާލަތު ދިމާވުމުގެ ނުރައްކާ ދެ ގުނައަށް ވުރެ އިތުރެވެ. އަދި ނޯވޯގެ ބޭސް ބޭނުންކުރުމަށް ފަހު ފެނުން ގެއްލުނު ޑެންމާކުގެ ހަތަރު ބަލިމީހަކަށް ބަދަލު ދިނުމަށް އެ ގައުމުގެ ޕޭޝަންޓް ކޮމްޕެންސޭޝަނުން ވަނީ ނިންމާފައެވެ.

comment ކޮމެންޓް