މިސްކިތަށް ގެއްލުންދިން މީހާ މިފަހަރު ހައްޔަރުކުރީ ނަމާދަށް ހުރި އަންހެނެއްގެ ކުރިމަތީ ބޭއަދަބީ އަމަލު ހިންގުމުގެ ތުހުމަތުގައި

މީގެ ކުރިން ފުރުޤާން މިސްކިތުގެ ކުޑަދޮރަށް ގެއްލުންދީފައި: މިސްކިތަށް ގެއްލުންދިން ނައުޝާދު އަލުން ހައްޔަރުކުރީ މިސްކިތުގައި ނަމާދަށް ހުރި އަންހެނެއް ކުރިމަތީ ބޭއަދަބީ އަމަލު ހިންގުމުގެ ތުހުމަތުގައި --- ފޮޓޯ/ މާލެ ސިޓީ ކައުންސިލު

މާލޭގެ ފުރުގާން މިސްކިތުގައި އަންހެނަކު އިއްޔެ ހެނދުނު ލުހާ ނަމާދަށް ހުއްޓައި އެ މީހާގެ ކުރިމަތީ ބޭއަދަބީ އަމަލުތައް ހިންގުމުގެ ތުހުމަތުގައި މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދިން މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރުމަށްފަހު ދޫކޮށްލި ނައުޝާދު މޫސާ އަލުން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާނު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ ނަމާދަށް ހުރި އަންހެނެއް ކުރިމަތީ ނައުޝާދު ބަރަހަނާވެ އަމިއްލަ އެދުން ފުއްދިކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހެޅި ކަމަށެވެ.

އެ މައްސަލައިގައި ނައުޝާދު ހައްޔަރުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް އޭނާގެ ފަރާތުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

އުމުރުން 32 އަހަރުގެ ނައުޝާދު ތަކުރާރުކޮށް މިސްކިތްތަކަށް ގެއްލުންދޭ މައްސަލައިގައި ހައްޔަރުކޮށް ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 25ވަނަ ދުވަހެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ހުކުމްކުުރީ މި މަހުގެ ފުރަތަމަ ދުވަހެވެ.

https://www.sun.mv/230054

މި މަހުގެ ހަތަރުވަނަ ދުވަހު ފުލުހުން މީޑިއާތަކަށް ބުނީ މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދުގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް މި މަހުގެ ފުރަތަމަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން އޭރު ކަނޑައެޅިއެވެ.

އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން ބާތިލުކުރިއެވެ.

ކޯޓު އަމުރުގައިވާ ގޮތުން ނައުޝާދަކީ އެފަދަ ކުށްކުރާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދު ލޮގަށް ބެލުމުން އެނގެއެވެ. އަދި އޭނާއަކީ އިތުރު ބާވަތްތަކުގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށް ވެސް އަމުރުގައިވެއެވެ.

comment ކޮމެންޓް