މި މަހުގެ ފުރަތަމަ ހަފުތާގައި 38 ސްކޭމަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި ނޮވެންބަރު މަހުގެ ފުރަތަމަ ހަފުތާގައި އެކިއެކި ޕްލެޓްފޯމްތަށް މެދުވެރިކޮށް ހިންގާފައިވާ ސްކޭމްތަކުން ތިން ލައްކަ 356،163.40 ރުފިޔާ ވަނީ ފޭރިފައެވެ. އޭގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 245،389.64 ރުފިޔާއެވެ.
ފުލުހުން ބުނި ގޮތުގައި މި މުއްދަތުގައި ސްކޭމަރުން، ފައިސާ ފޭރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖް، ޓިކްޓޮކް، އައިބޭ، ފިޝިން ލިންކް، ފޭސްބުކް މާކެޓް ޕްލޭސް އަދި ފޯން ކޯލް ހިމެނެއެވެ.
މީހަކު ފޯނާ ކުޅެނީ: މި މަހުގެ ފުރަތަމަ ހަފުތާގައި 38 ސްކޭމް ރިޕޯޓުކުރި -- ސަން ފޮޓޯމި މަންސަތައް މެދުވެރިކޮށް އެންމެ ގިނައިން ހިންގާފައިވަނީ ފައިސާ މާރުކުރުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. އެގޮތުން ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 12 ސްކޭމެއް ރިޕޯޓްކޮށްފައިވެެއެވެ. މީގެ އިތުރުން އީ ކޮމާސްގެ ނުވަ ސްކޭމަކާއި އިންވެސްޓްމަންޓެއްގެ ނަމުގައި އޮޅުވާލި ހަތަރު ސްކޭމާއި ބުކިން ކެންސަލޭޝަން އަދި ރިފަންޑް ހޯދުމުގެ ހަތަރު ސްކޭމާއި އެހެނިހެން ގޮތްގޮތަށް ފައިސާ ހޯދި ހަތަރު ސްކޭމެއް ވަނީ ރިޕޯޓްކޮށްފައެވެ.
ރާއްޖޭގައި މިހާރަކަށް އައިސް އެކިއެކި މަންސަތައް މެދުވެރިކޮށް ހިންގާ ސްކޭމްތައް އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން ބޭންކް އެކައުންޓާ ގުޅުންހުރި ޕިން، އޯޓީޕީ ނުވަތަ ކޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން އަންނަނީ އިރުޝާދު ދެމުންނެވެ.
އެ މުއައްސަސާއިން ވަނީ، ބޭންކުން ނުވަތަ އެއްވެސް އިދާރާއެއްގެ ނަމުގައި ގުޅައިގެން އޯޓީޕީއަށް އެދުނު ނަމަވެސް އެއީ ސްކޭމްކުރުމަށް ހޯދާ މައުލޫމާތުކަން ފާހަގަކޮށް، އެފަދަ ކޯލެއް ލިބިއްޖެނަމަ ވަގުތުން ފޯނު ކަނޑާލައި ކަމާ ގުޅުންހުރި އިދާރާތަކަށް ރިޕޯޓް ކުރުމަށް އިލްތިމާސްކޮށްފައެވެ.