މާލޭގެ މަގެއްގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެއްސަކު ފެނުނު މައްސަލައިގައި، އޭނާ މަރުވުމުގައި އިތުރު މީހެއްގެ ބައިވެރިވުމެއް ނުވަތަ ތުހުމަތުކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ހުސައިނީ ގޯޅީގައި ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހު ހެނދުނު 09:17 އެހައިކަންހާއިރުއެވެ.
އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މި ހާދިސާގައި މަރުވެފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު ހަމަ އެ ދުވަހު އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ މަރުވާން މެދުވެރިވި ސަބަބާއި އެހެނިހެން ތަފުސީލުތައް ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.