މިސްކިތްތަކަށް ތަކުރާރުކޮށް ގެއްލުންދޭ ކަމަށް ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލީ ހުކުމް ތަންފީޒުކޮށް ނިމުމުން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. މާލެހިޔާ، އުމުރުން 32 އަހަރުގެ ނައުޝާދު މޫސާއެވެ. ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި މިދިޔަ އާދިއްތަ ދުވަހު އޭނާ ވަނީ ދޫކޮށްލައިފައެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި މިސްކިތަށް ގެއްލުންދިން މައްސަލައިގައި ނައުޝާދު މޫސާގެ މައްޗަށް ކުށް ސާބިތުވެ، އެއް މަހާއި 15 ދުވަހުގެ ޖަލު ހުކުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވާފައެވެ. ނަމަވެސް މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރި އަމުރުގެ ދަށުން، އޭނާ ބަންދުގައި އެއް މަހާއި 21 ދުވަސް ހޭދަކޮށްފައިވާތީ، އެ މުއްދަތު އަދަބުން އުނިކުރުމުން، އޭނާ ތަންފީޒުކުރަންޖެހޭ އިތުރު ޖަލު އަދަބެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އެހެންކަމުން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ކްރިމިނަލް ކޯޓުން މިހާރު ވަނީ ބާތިލުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާ އަކީ އެފަދަ ކުށްކުރާ މީހެއްކަން އޭނާގެ ހައްޔަރު އަދި ބަންދު ލޮގަށް ބެލުމުން އެނގޭ ކަމަށާއި އޭނާއަކީ އިތުރު ބާވަތްތަކުގެ ކުށުގެ ރެކޯޑު ވެސް އޮތް މީހެއް ކަމަށެެވެ.