ސްކޭމްގެ މައްސަލައެއްގައި ދިވެހި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން އެ ދެ މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފިއެވެ.
ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކުރީ 27 އަހަރުގެ އަންހެނަކާއި އުމުރުން 33 އަހަރުގެ ފިރިހެނެކެވެ.
ކޯޓު އަމުރުތަކުގައިވާ ގޮތުން ދެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ވަރަކަށް ހެކި ހުށަހަޅައިފައިވެއެވެ. އޭގެ ތެރޭ ހިމެނެނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ބީއެމްއެލަށް ފުލުހުން ފޮނުވި މެއިލާއި އޭގެ ޖަވާބެވެ.
ފިރިހެން މީހާގެ އަމުރުގައި، މައްސަލައިގެ ސްނެޕްޝޮޓް ރިޕޯޓެއް ހުށަހަޅައިފައިވާ ކަމަށް ވެއެވެ.
މި މައްސަލައިގައި ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފާހަގަކުރެވޭ ގޮތުގައި އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ފިރިހެން މީހާ ހާޒިރުވުމަށް އަންގައި ފުލުހުން ވަނީ މިދިޔަ އޮގަސްޓު މަހު އިއުލާނު ވެސް ކޮށްފައެވެ.
ރާއްޖޭގައި އެކި ގޮތްގޮތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް، އޯޓީޕީއާއި ޕިން ނަންބަރު ފަދަ ބޭންކު އެކައުންޓާ ގުޅުންހުރި އެއްވެސް ކޯޑެއް ނުދިނުމަށް ފުލުހުން އިރުޝާދުދެއެވެ. އަދި ސްކޭމް ކޯލެއް ކަމަށް ލަފާކުރެވޭ ކޯލެއް ލިބިއްޖެނަމަ ވަގުތުން ފޯނު ކަނޑާލައި ރިޕޯޓް ކުރުމަށް އެ މުއައްސަސާއިން އިލްތިމާސްކުރެއެވެ.