އޮޅުވާލައިގެން މީހެއްގެ މެއިލް އެކައުންޓަށް ވަދެ، އެ މީހާގެ ބޭންކް އެކައުންޓުން 19،000 ރުފިޔާ ނެގި މައްސަލައެއްގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އުފުލީ ގދ. ފިޔޯރީ، ހީނާމާގެ، ޢަލީ އިމްރާން އަދި ކ. މާލެ، ހ. މެލަވަހި، މުޙައްމަދު ޝާހުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައިވަނީ ޏ. ފުވައްމުލަކު މީހެއްގެ އީމެއިލް ކޮމްޕްރޮމައިޒްކޮށްގެންނެވެ. އެއަށްފަހު އޭނާގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އެކައުންޓުން، ތިންވަނަ ފަރާތެއް ކަމަށްވާ ގއ. ގެމަނަފުށީ މީހެއްގެ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެކައުންޓަށް 20،300 ރުފިޔާ ޖަމާކުރިއެވެ. އަދި އެ ފަރާތަށް ގުޅައި އެއީ އޮޅިގެން ޖަމާކުރެވުނު ފައިސާއެއް ކަމަށް ބުނެ، 1،300 ރުފިޔާ ބެހެއްޓުމަށްފަހު ބާކީ 19،000 ރުފިޔާ އަނބުރާ ފުވައްމުލަކު މީހާގެ އެކައުންޓަށް ފޮނުވަން އެދުނެވެ.
އެ ފައިސާ އަނބުރާ ފުވައްމުލަކު މީހާގެ އެކައުންޓަށް ޖަމާވުމާއެކު، ވަގުތުން އެ 19،000 ރުފިޔާ ޓްރާންސްފާ ކުރީ މި މައްސަލައިގައި ދައުވާ ލިބޭ މުޙައްމަދު ޝާހުގެ ބީއެމްއެލް އެކައުންޓަށެވެ. އަދި އެ ދެ މީހުން އެކުގައި އައިޖީއެމްއެޗްގައި ހުންނަ އޭޓީއެމް އަށް ގޮސް އެ ފައިސާ ވަނީ ނަގާފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށް، އެކަކު އަނެކަކުގެ ބޮލުގައި އިލްޒާމް އަޅުވަން މަސައްކަތް ކޮށްފައެވެ. ޝާހު ބުނެފައި ވަނީ އޭނާގެ އެކައުންޓް ނަންބަރު ދިނީ އިމްރާންގެ މުސާރަ ޖަމާކުރަން ކަމަށް ބުނުމުން ކަމަށާއި، ފައިސާ ނަގައިދިނުމުން އިމްރާން އޭނާއަށް "ޓިޕެއް"ގެ ގޮތުގައި 3،000 ރުފިޔާ ދިން ކަމަށެވެ. އަނެއްކޮޅުން އިމްރާން ބުނީ އޭނާ ދިޔައީ ޝާހު އެދިގެން އޭޓީއެމް ކައިރިއަށް ލިފްޓެއް ދޭން ކަމަށާއި، އޭނާއަށް ލިބުނީ 300 ރުފިޔާ ކަމަށެވެ.
މި މައްސަލަ ބެއްލެވި ގާޟީ އަލްއުސްތާޛު މުޒައްމިލު ނާޞިރު ފާހަގަކުރެއްވި ގޮތުގައި ފައިސާ ޖަމާވިތާ ކުޑަ މިނެޓުކޮޅެއްގެ ތެރޭގައި ދެ މީހުން އެކުގައި ގޮސް ފައިސާ ނަގާފައިވުމަކީ، އެއީ އެހެން މީހެއްގެ ފައިސާކަން އެނގިތިބެ، އެ ފައިސާ ނިގުޅައިގަތުމަށް ރާވައިގެން ހިންގި އަމަލެއްކަން ސާބިތުވާ ކަމެކެވެ. ޝާހު ބުނާ ފަދައިން އެއީ އިމްރާންގެ މުސާރަ ކަމަށް ގަބޫލުކުރި ނަމަވެސް، އެންމެ 19،000 ރުފިޔާ ނަގައިދީގެން 3،000 ރުފިޔާގެ "ޓިޕެއް" ނެގުމަކީ ސަބަބުވެރި އިންސާނަކު ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި، އަދި އިމްރާން އޭޓީއެމް ތެރޭގައި ހުންނަންޖެހޭ ސަބަބެއްވެސް ނެތް ކަމަށް ގާޟީ ވިދާޅުވިއެވެ.
އިމްރާނަކީ މީގެ ކުރިންވެސް މިފަދަ ސްކޭމްތަކުގައި މީހުން މެދުވެރިކޮށްގެން ފައިސާ ނަގާ އުކުޅުތައް ބޭނުންކޮށްފައިވާ މީހެއްކަން ފުލުހުންގެ ތަހުގީގު ބަޔާންތަކުންނާއި ހެކިބަހުން އެނގެން އޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.
މި ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން ވަނީ ދެ މީހުންނަށް އަދަބު ކަނޑައަޅާފައެވެ. ކުށް ސާބިތުވުމުން، ޢަލީ އިމްރާންގެ މައްޗަށް މީގެ ކުރިން ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާތީ އަސާސީ މިންގަނޑުން އެއް ދަރަޖަ މަތިކޮށް، އެއް އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިއެވެ. ނަމަވެސް ބަންދުގައި ހޭދަކުރި 25 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހޭނީ 11 މަހާއި 5 ދުވަހުގެ ޖަލު ހުކުމެކެވެ.
މުޙައްމަދު ޝާހުގެ މައްޗަށް ސާބިތުވުމުން، މި ކުށުގެ އަސާސީ މިންގަނޑު ކަމަށްވާ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމުން، ބަންދުގައި ހޭދަކުރި 25 ދުވަސް އުނިކުރުމަށްފަހު، އޭނާ ތަންފީޒު ކުރަންޖެހޭނީ އަށް މަހާއި 23 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން، ގެއްލުން ލިބުނު އިބްރާހީމް ޒަރީރު ޙަސަނަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން 19،000 ރުފިޔާ، ހުކުމް ކުރި ދުވަހުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް މުޙައްމަދު ޝާހުގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.