މާލޭގެ މަޖީދީމަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ ވަތްގަނޑުގައި (ސައިޑް ޕޮކެޓުގައި) އޮތް، ހއ. އިހަވަންދޫ އަންހެން ކުއްޖެއްގެ އައިފޯނު ވަގަށް ނެގި މީހަކު ހަތަރު މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުލަތުން ވައްކަންކުރުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ކ. މާލެ، ހ. އަލަވަލުގެ، ފާރިސް ނަޞީރުގެ މައްޗަށެވެ.
ދައުލަތުގެ ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިއަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ހަވީރު 17:24 އެހައިކަންހާއިރު، މަޖީދީމަގު ގ. ރެޑްވޭވް ފިހާރަ ކުރިމަތީގައި ޕާކުކޮށްފައި ހުރި ރަތްކުލައިގެ ސްކޫޕީ ސައިކަލެއްގެ ސައިޑް ޕޮކެޓުގައި ބާއްވާފައި އޮތް، އިހަވަންދޫ އަންހެން ކުއްޖާގެ "އައިފޯން 13 ޕްރޯ" މަރުކާގެ ފޯނު، ފާރިސް ނަޞީރު ވަނީ ވަގަށް ނަގައިގެން ގޮސްފައެވެ. ވަގަށް ނެގި ފޯނުގެ އަގު 5،000 ރުފިޔާއަށް ވުރެ މަތިވާތީ، މިއީ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެކެވެ.
މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައާއި އަވަސް ނިޔާގެ މަޖިލީހުގައި ވެސް ފާރިސް ވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި، އަމިއްލަ އިޚްތިޔާރުގައި ކުށަށް ފުރިހަމައަށް އިއުތިރާފުވެ، ލުއި އަދަބެއް ދިނުމަށް އެދިފައެވެ.
ކްރިމިނަލް ކޯޓުގެ ގާޟީ މުޒައްމިލު ނާޞިރު ކުރެއްވި ހުކުމުގައި ފާހަގަކުރައްވާފައިވާ ގޮތުގައި މި ކުށުގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހަށް ޖަލަށްލުމެވެ. ފާރިސްގެ މައްޗަށް މީގެ ކުރިން ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ ކުށުގެ ރެކޯޑެއް އޮތުމުން، އަދަބުގެ މިންވަރު އެއް ދަރަޖަ މަތިކޮށް އެއް އަހަރަށް ޖަލު ހުކުމް ބޮޑުކުރަން ޖެހެއެވެ. ނަމަވެސް، ޝަރީއަތުގެ ކުރީކޮޅުގައި ކުށަށް އިއުތިރާފުވެފައިވާތީ އަދަބުން އެއް ދަރަޖަ ލުއިކުރެވުނެވެ.
މީގެ އިތުރުން، ޝަރީއަތަށް އެއްބާރުލުން ދީފައިވުމާއި، ވަގަށް ނެގި ފޯނު އަނބުރާ އޭގެ ވެރިފަރާތަށް ރައްދުކޮށްދީފައިވާތީ، ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އަދަބުން އިތުރު އެއް ދަރަޖަ ވަނީ ދަށްކޮށްދީފައެވެ.
އެހެންކަމުން، ލުއިތަކާއެކު ފާރިސް ނަޞީރުގެ މައްޗަށް ކަނޑައެޅީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ތަހުގީގު މަރުހަލާގައި އޭނާ ބަންދުގައި ހުރެފައި ނުވާތީ، އޭނާ ތަންފީޒު ކުރަންޖެހޭނީ ހުކުމްކުރި މުޅި މުއްދަތެވެ.