ކައިވެނިކުރާނެ ކަމަށް ބުނުމުން ގުޅުން ބަދަހިކުރަން ދިން ކަމަށް ބުނާ އަގުބޮޑު އައިފޯނެއް ހޯދުމަށް ދިވެހި ފިރިހެނަކު ކުރި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި، ދައުވާ ލިބުނު ދިވެހި އަންހެން މީހާގެ ވަކީލު ފީގެ ގޮތުގައި 5،000 ރުފިޔާ ދެއްކުމަށް ފިރިހެން މީހާގެ މައްޗަށް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފެސިލިޓީއެއްގެ ދަށުން ނަގާފައިވާ، ގާތްގަނޑަކަށް 25،112 ރުފިޔާގެ އަގުހުރި އައިފޯން 16 ޕްރޯ މެކްސް ފޯނެއް ހޯދުމަށް އެދި ށ. ބިލެތްފަހީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މަދަނީ މައްސަލައެކެވެ.
ދައުވާކުރި ފަރާތުން ކޯޓުގައި ބުނެފައިވަނީ، ދައުވާލިބޭ ފަރާތުން ކައިވެނިކުރާނެ ކަމަށް ބުނުމުން އެކަމާ ގުޅައި ވާހަކަދައްކައި ގުޅުން ބަދަހިކުރުމަށް އެ ފޯނު އޭނާގެ އަތަށް ދިން ކަމަށެވެ. ނަމަވެސް ފޯނު ލިބުމުން މަކަރާއި ހީލަތް ހެދުމަށްފަހު ގުޅުން ކަނޑާލައި ފޯނު އަނބުރާ ނުދީ ހިފެހެއްޓި ކަމަށް ބުނެ، ތިން ދުވަހުގެ ތެރޭގައި ފޯނު ހަވާލުކުރުމަށާއި ވަކީލު ފީގެ ގޮތުގައި 10،000 ރުފިޔާ ނަގައިދިނުމަށް ދައުވާކުރި ފިރިހެން މީހާގެ ފަރާތުން އެދުނެވެ.
މި ދައުވާއަށް އިންކާރުކޮށް ދައުވާލިބުނު އަންހެން މީހާގެ ފަރާތުން ބުނީ، ދެމީހުންގެ ދެމެދުގައި އޮތީ އެކުވެރިކަމުގެ ގުޅުމެއް ކަމަށާއި ކައިވެނިކުރާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެ ފޯނަކީ އެއާޕޮޑަކާއި ޗާޖަރަކާ އެކު އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި ޕާރުސަލްކޮށް ފޮނުވި އެއްޗެއް ކަމަށާއި، އަނބުރާ ދޭންޖެހޭ ޝަރުތެއްގައި ދިން އެއްޗެއް ނޫން ކަމަށް ބަޔާންކުރިއެވެ.
މީގެއިތުރުން، އެ ހަދިޔާ ދިން ފަހުން ވެސް ދެމީހުންގެ ދެމެދުގައި ގުޅުން އޮތް ކަމަށާއި މައްސަލަ ޖެހުނީ އަންހެން ކުއްޖާ އެހެން ކައިވެންޏެއް ކުރަން އުޅޭކަން އެންގި ހިސާބުން ކަމަށް ވެސް ފާހަގަކުރިއެވެ.
މި މައްސަލަ ނިންމައި ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދެމީހުންގެ ދެމެދުގައި އޮތް ގުޅުމެއްގެ ތެރެއިން އެކަކު އަނެކަކަށް ދޭ ހަދިޔާއަކީ ވަކި ޝަރުތެއް ކަނޑައަޅާފައި ނުވާހާ ހިނދަކު އަދި އެއީ ފަހުން އަނބުރާ ދޭގޮތަށް އެއްބަސްވެގެން ދިން އެއްޗެއްކަން ސާބިތުނުވާހާ ހިނދަކު އަނބުރާ ނެގޭނެ އެއްޗެއް ނޫން ކަމަށެވެ. އަދި ދެމީހުންގެ ދެމެދުގައި އޮތް ގާތްކަން ނެތި ދިއުމުން، ހެޔޮހިތުން ދިން އެއްޗެއް އަނބުރާ ދޭންޖެހޭ މުދަލަކަށް ބަދަލުވެގެންދާނެ އެއްވެސް ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށް ފަނޑިޔާރު ނިންމެވިއެވެ.
އެހެންކަމުން، މި ދައުވާ ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅައި، ދައުވާ ކާމިޔާބުކުރި ފަރާތުގެ ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 5،000 ރުފިޔާ، ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ކޯޓަށް ދައްކައި ޚަލާސްކުރުމަށް ދައުވާކުރި ފަރާތުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.