ޕެންޝަން ސްކީމުން ފަރުޟު ހައްޖަށް ޝަރުތު ހަމަވާ 24،000އެއްހާ މީހުން އެބަތިބި: ޕެންޝަން އޮފީސް

ހައްޖުވެރިންތަކެއް: ޕެންޝަން ސްކީމުން ފަރުޟު ހައްޖަށް، ޝަރުތުހަމަވާ 24،000އެއްހާ މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނޭ --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޕެންޝަން ސްކީމުގެ ތެރެއިން ފަރުޟު ހައްޖަށް ޝަރުތު ހަމަވާ 24،000އެއްހާ މީހުން ތިބިކަން ޕެންޝަން އޮފީހުން މިރޭ ހާމަކޮށްފިއެވެ.

ސަރުކާރުން ވަނީ، ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް އިސްލާހު ގެނެސް، މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފަށާފައެވެ. އޭގެ ކުރިން، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވަނީ، ފައިސާ ދައްކައި ތިން އަހަރުވެފައިވާ 70 އަހަރުން މަތީގެ 324 މީހުން އަންނަ އަހަރު ހައްޖަށް ފޮނުވާނެ ކަމަށް އިއުލާންކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ޕެންޝަން އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރު ޝަމްއާން ޝާކިރު ވިދާޅުވީ، ޕެންޝަން ސްކީމު މެދުވެރިކޮށް ފަރުޟު ހައްޖުވުމުގެ ޝަރުތުހަމަވާ 24،000އެއްހާ މީހުން ތިބިކަން ހިސާބުތަކުން ހާމަވާ ކަމަށެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން ރިޓަޔާމަންޓް ސޭވިން ބޭނުންކޮށްގެން މިހާތަނަށް 369 މީހުން ހައްޖަށް ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހައްޖުވެރިންތަކެއް: ޕެންޝަން ސްކީމުން ފަރުޟު ހައްޖަށް، ޝަރުތުހަމަވާ 24،000އެއްހާ މީހުން އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނޭ -- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވެނީ، 336،000 ރުފިޔާ ހަމަވާނަމައެވެ. ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ކިޔައިދެއްވި ގޮތުގައި، އެ ފައިސާ ހަމަނުވިޔަސް ހައްޖުގެ ޖުމުލަ އަގަށްވާ 69،965 ރުފިޔާގެ 75 ޕަސެންޓު އަމިއްލައަށް ދައްކައިގެން ހައްޖު ކިޔޫއަށް އެރޭނެއެވެ.

ހައްޖަށްދާ އަހަރަށް ވާއިރު، ޕެންޝަން ފަންޑުގައި 336،000 ރުފިޔާ ހަމަވެއްޖެނަމަ، އެ ފައިސާ ބޭނުންކުރެވޭނެ ކަމަށް މުއާޒު ވިދާޅުވިއެވެ. އޭރުން، އަތުން ޚަރަދުކުރި ފައިސާގެ 20 ޕަސެންޓު ޕެންޝަން ފަންޑުގައި ބެހެއްޓުމަށް ފަހު ބާކީ އެ މީހަކަށް ލިބޭނެ ކަމަށް މުއާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، 65 ވުމުން ވެސް ޕެންޝަން ސްކީމުން ހައްޖަށް ދެވޭ ގޮތަށް ހެދުމަކީ ކިޔޫގައި މުސްކުޅި އާބާދީ މަދުވާނެ ކަމެކެވެ.

https://sun.mv/230345

ފާހަގަކުރެވޭ ގޮތުގައި، މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ 2043 ވަނަ އަހަރު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ގެންދެވެއެވެ. އޭގެ ތެރެއިން ފަގީރުން ހައްޖަށް ގެންދަން ފެށީ މި ސަރުކާރުންނެވެ.

ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރު ކުރުމަށް އެކި ފަހަރު މަތިން އެކި ސަރުކާރުތަކުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެ ކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

comment ކޮމެންޓް