މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ 2043 ވަނަ އަހަރު: ހައްޖު ކޯޕަރޭޝަން

ބަޔަކު ހައްޖަށް ދިޔުމަށް ފުރަނީ: މިހާރު ފައިސާ ދައްކައިގެން ހައްޖަށް ދެވޭނީ 2043 ވަނަ އަހަރު --- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މިހާރު ނަން ނޯޓުކޮށްގެން ހައްޖަށް ދެވޭނީ މީގެ 17 އަހަރު ފަހުން، 2043 ވަނަ އަހަރު ކަމަށް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފިއެވެ.

ޢުމުރުން 65 އަހަރު ހަމަވާ ފަހުން ވެސް، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާ ފަރުޟު ޙައްޖުވުމަށް ބޭނުންކުރެވޭނެ ގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ގަވައިދު އެކުލަވާލައި، މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަމަލުކުރަން ފަށާފައެވެ.

އެ ބަދަލާ ގުޅިގެން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހައްޖު ކޯޕަރޭޝަންގެ މާކެޓިން އެންޑް ޕީއާރު ހެޑް އަބްދުﷲ މުއާޒު ވިދާޅުވީ، އެ ބަދަލާ ގުޅިގެން ހައްޖު ކިޔޫއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިގޮތުން، ހައްޖަށްދާ ޖާގަ ކަށަވަރުވާނީ، ފައިސާ ދައްކާ ތަރުތީބުން ކަމަށް މުއާޒު ވިދާޅުވިއެވެ.

އޭނާ ކިޔައިދެއްވި ގޮތުގައި، މިހާރު ފައިސާ ދައްކައިގެން ހައްޖަށް ދެވޭނީ 17 އަހަރު ފަހުންނެވެ.

"އަޅުގަނޑުމެން މިހާރު ހައްޖަށް ދިޔުމުގެ ކިޔޫ ތަރުތީބުން ޖާގަ މި ލިބެނީ 2043 ވަނަ އަހަރަށް،" މުއާޒު ވިދާޅުވިއެވެ.

ބަޔަކު ހައްޖުކުރަނީ --- ފޮޓޯ / ހައްޖުއުމްރާޕްލޭނާ.ކޮމް

ޕެންޝަން އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، ރިޓަޔަމަންޓު ސޭވިންގްސް އެކައުންޓުގައިވާ ފައިސާއިން ޙައްޖަށް ދިއުމަށް ޖާގަ ރިޒާވްކުރުމަށް ޝަރުތު ހަމަވާނީ މީގެ ކުރިން ފަރުޟު ޙައްޖު އަދާކޮށްފައިނުވާ އަދި ރިޓަޔަމަންޓް ސޭވިންގްސް އެކައުންޓްގައި މަދުވެގެން 336،000 (ތިންލައްކަ ތިރީސް ހަހާސް) ރުފިޔާ ހުންނަ މެންބަރުންނަށެވެ. އަދި ބޯހިޔާވަހިކަމުގެ ބޭނުމަށް ޕެންޝަން ފައިސާ ރަހުނުކޮށްފައިވާ މެންބަރެއްނަމަ، ޝަރުތުހަމަވާނީ އެ ޢަދަދު އުނިކުރުމަށްފަހު ވެސް އެކައުންޓުގައި 336،000 ރުފިޔާ ހުންނަ ނަމައެވެ.

މި އުޞޫލުގެ ދަށުން ޙައްޖަށް ދާން އެދޭ މެންބަރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޙައްޖު ދަތުރުގެ އަގުގެ 20 އިންސައްތަ ދެއްކުމަށްފަހު ބާކީބައި ހަމަޖެއްސުމަށް ޕެންޝަން އޮފީހަށް ހުށަހެޅުމުން، ކަނޑައެޅިފައިވާ ތަރުތީބުން ޖާގަ ރިޒާވްކޮށްދޭނެއެވެ. ނަމަވެސް، އެ ފައިސާ ވަގުތުން ޕެންޝަން އެކައުންޓުން އުންޏެއް ނުވާނެއެވެ. އަދި ޙައްޖު ކޯޕަރޭޝަނާ ފައިސާ ޙަވާލުކުރުމާ ހަމައަށް، އެ ފައިސާ ދާނީ އިންވެސްޓްކުރެވެމުން ކަމަށް ޕެންޝަން އޮފީހުން މަޢުލޫމާތު ދެއެވެ.

ހައްޖު ކިޔޫ ދިގުވެ، ހައްޖަށް ދާން އެތައް އަހަރެއް ވަންދެން މަޑު ކުރަން ޖެހުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ.

comment ކޮމެންޓް