ސަން ޕޯލް: ބޮޑު އާމްދަނީ ލިބޭ މީހުންގެ އަތުން ކޯ-ޕޭމަންޓް ނެގުމަށް އާންމުންގެ ބޮޑު ތާއީދެއް!

ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ރައީސް މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން އަމިއްލަ ސިއްހީ މަރުކަޒުތަކުން ޚިދުމަތް ހޯދާއިރު އާސަންދައިގެ ތެރެއިން 15 އިންސައްތައިގެ ކޯ-ޕޭމަންޓެއް ނަގަން ސަރުކާރުން ނިންމި ނިންމުމަކީ އިންސާފުވެރި، ރަނގަޅު ނިންމުމެއް ކަމަށް އާންމުންގެ ބޮޑު އަޣުލަބިއްޔަތަކުން ދެކޭކަން ޚިޔާލު ހޯދުމުގެ "ސަން ޕޯލުން" ހާމަވެއްޖެއެވެ.

ދައުލަތުގެ ބަޖެޓުން އިސްރާފު ކުޑަކޮށް، އާސަންދަ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގެންނަ މި އިސްްލާހީ ބަދަލާ ގުޅޭގޮތުން ނެގި ޕޯލްގައި ވޯޓުދިން މީހުންގެ 58.5 އިންސައްތަ މީހުން ވަނީ ސަރުކާރުގެ މި ނިންމުމަށް ފުރިހަމައަށް ތާއީދުކޮށްފައެވެ. އެ ފަރާތްތަކުން ދެކޭ ގޮތުގައި މާލީ ގޮތުން ތަނަވަސްކަން ހުރި މީހުންގެ އަތުން މިފަދަ ކުޑަ މިންވަރެއް ނެގުމަކީ ދައުލަތުގެ ފައިސާ އެންމެ ބޭނުންޖެހިފައިވާ ނިކަމެތިންނަށް ޚަރަދުކުރުމަށް މަގުފަހިވާނެ އިންސާފުވެރި އުސޫލެކެވެ.

ނަމަވެސް، މި ބަދަލާމެދު ދެވަނައަށް އެންމެ ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ ސަރުކާރުގެ ސިއްހީ ޚިދުމަތްތަކުގެ ފެންވަރާ ގުޅޭ ކަންބޮޑުވުމެވެ. އެގޮތުން ވޯޓުލީ މީހުންގެ 27.1 އިންސައްތަ މީހުން ބުނެފައިވަނީ، މިފަދަ ފިޔަވަޅެއް އަޅަންވާނީ ސަރުކާރުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްފަހުގައި ކަމަށެވެ. އެއީ ސަރުކާރު ތަންތަނުގެ ކިއުތައް ދިގުވުމާއި ޚިދުމަތް ލަސްވުމުގެ ސަބަބުން، މަޖުބޫރުވެގެން ގިނަ ބަޔަކަށް އަމިއްލަ ތަންތަނަށް ދާންޖެހޭތީ ކަމަށް އެ ފަރާތްތަކުން ދެކެއެވެ.

މީގެ އިތުރުން، އާމްދަނީއަށް ނުބަލައި ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އެއްވެސް ތަފާތުކުރުމެއް ނެތި ހަމަހަމަކޮށް އާސަންދަ ލިބެންޖެހޭނެ ކަމަށް ބުނެ މި ނިންމުމާ ދެކޮޅަށް ވޯޓުދިނީ 14.4 އިންސައްތަ މީހުންނެވެ.

ހެލްތު މިނިސްޓްރީން އިއުލާނުކޮށް، ގެޒެޓުކޮށްފައިވާ އައު އުސޫލުގައިވާ ގޮތުން، މި ކޯ-ޕޭމަންޓް ނެގުމަށް ހަމަޖެހިފައިވަނީ އާސަންދައިގައި ރަޖިސްޓަރީވެފައިވާ އަމިއްލަ ކްލިނިކްތަކާއި، ހޮސްޕިޓަލްތަކާއި، ފާމަސީތަކުގެ އިތުރުން އޮޕްޓިކަލް އަދި ޕްރޮސްތެޓިކް ޚިދުމަތް ދޭ ތަންތަނުންނެވެ. އެހެން ނަމަވެސް، ސަރުކާރުގެ ފެސިލިޓީތަކުން ޚިދުމަތް ހޯދާއިރު އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި ގައުމަށް ބޭނުންތެރި ފަންނީ ދާއިރާތަކުގެ މީހުން ހިފެހެއްޓުމުގެ ގޮތުން ޑޮކްޓަރުންނާއި، ޕައިލެޓުން އަދި އިންޖިނިއަރުން ފަދަ ފަރާތްތައް ވަނީ މި އުސޫލުން އިސްތިސްނާކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި އިސްްލާހީ ފިޔަވަޅާއެކު ދައުލަތުގެ ބަޖެޓުން އަހަރަކު ގާތްގަނޑަކަށް 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. އަދި މި ފައިސާ ޚަރަދުކުރެވިގެންދާނީ ރައްޔިތުންނަށް އެންމެ ބޭނުންތެރި އަސާސީ ޚިދުމަތްތަކާއި އިޖުތިމާއީ ތަރައްގީއަށެވެ.

ޕޯލްގެ ނަތީޖާއިން ސާފުކޮށް ފެންނަނީ، ޚަރަދު ކުޑަކުރުމަށާއި މުއްސަނދިންގެ އަތުން ކޯ-ޕޭމަންޓެއް ނަގައިގެން ދައުލަތުގެ ވެލްފެއާ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ރައްޔިތުންގެ އަޣުލަބިއްޔަތު ރުހޭ ކަމެވެ. ނަމަވެސް، ހަމައެއާއެކު ދައުލަތުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މިއަށްވުރެ ހަރުދަނާކޮށް، އަވަސް ޚިދުމަތްތަކެއް ލިބޭނެ މަގު ފަހިކޮށްދިނުމަކީ ވެސް ރައްޔިތުން ނުހަނު ބޮޑަށް އެދޭ ކަމެކެވެ.

comment ކޮމެންޓް