ނިދުމުއި ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ސިކުނޑީގައި ޖަމާވާ ވިހަ މާއްދާތައް ސާފުކުރުމަށް އެ ގުނަވަނަށް ލިބިފައިވާ ޤުދުރަތީ ކުޅަދާނަކަމަށް ބުރޫއަރައި، އުމުރުގެ ފަހުކޮޅުގައި ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލި ޖެހުމުގެ ނުރައްކާ އިންތިހާއަށް އިތުރުވާކަން އާ ދިރާސާއަކުން ހާމަވެއްޖެއެވެ.
"އަލްޒައިމާސް އެންޑް ޑިމެންޝިއާ" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ސައިންސްވެރިން ބަލާފައިވަނީ، އިނގިރޭސިވިލާތުގެ ޔޫކޭ ބަޔޯބޭންކްގައި ހިމެނޭ 40،000 އެއްހާ މީހުންގެ އެމްއާރުއައި ސްކޭންތަކަށް ބިނާކޮށް، ސިކުނޑީގެ ކުނި ސާފުކޮށްދޭ "ގްލިމްފެޓިކް ނިޒާމު" މަސައްކަތްކުރާ ގޮތަށެވެ. އާންމު ހާލަތުގައި ދުޅަހެޔޮ ސިކުނޑިއެއްގައި އުފެދޭ ސެރެބްރޯސްޕައިނަލް ފްލުއިޑް މި ނިޒާމުގެ ތެރެއިން ދައުރުވަމުންދާއިރު، އެ ގުނަވަނުގައި ޖަމާވާ ބޭކާރު މާއްދާތަކާއި ވިހަތައް ސާފުކޮށް ބޭރުކޮށްދެއެވެ. ނަމަވެސް، އެކަށީގެންވާ ވަރަށް ނިދި ނުލިބޭނަމަ މި ނިޒާމުގެ މަސައްކަތްތަކަށް ބޮޑެތި ހުރަސްތަކެއް އެޅޭކަން ޔުނިވާސިޓީ އޮފް ކޭމްބްރިޖްގެ ދިރާސާވެރިން ވަނީ ފާހަގަކުރައްވާފައެވެ. ސަބަބަކީ ސިކުނޑިން އެފަދަ ވިހަތައް ސާފުކުރުމުގެ މުހިންމު ދައުރު މައިގަނޑު ގޮތެއްގައި ހިނގަނީ އަރާމު ގަދަ ނިންޖެއްގައި އޮންނަ ވަގުތު ކަމަށް ވާތީއެވެ.
އެމްއާރުއައި ސްކޭންތަކަށް ބިނާކޮށް ހެދި ދިރާސާއިން ދައްކާގޮތުގައި، އެކަށީގެންވާ ނިދި ނުލިބުމަކީ ސިކުނޑިން ވިހަ މާއްދާތައް ސާފުކުރުމަށް ހުރަސްއަޅައި ޑިމެންޝިއާއަށް މަގުފަހިވާ ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްޑިމެންޝިއާއަކީ މީހާގެ ހަނދާނާއި ވިސްނުމުގެ އިތުރުން އާންމު ދިރިއުޅުމުގެ ނިންމުންތައް ނިންމުމަށް ހުރަސްއަޅާ ސިއްހީ ހާލަތަކަށް ވާއިރު، އެމެރިކާގެ ސީޑީސީން ހާމަކުރާ ގޮތުގައި މިއީ އުމުރުން ދުވަސްވުމުން ކޮންމެހެން ދިމާވާންޖެހޭ އާންމު ބަދަލެއް ނޫނެވެ. އަދި ޑިމެންޝިއާގެ އެންމެ އާންމު ވައްތަރަކީ އަލްޒައިމާސް ބައްޔެވެ.
މި ދިރާސާގެ މުސަންނިފު ހުއި ހޮންގް ވިދާޅުވީ، ސިކުނޑީގެ ހިމަ ލޭހޮޅިތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން އަލްޒައިމާސް ފަދަ ބަލިތައް އަވަހަށް ފެންމަތިވާ ކަމުގެ ހެކި ކުރިންވެސް ފެނިފައިވާ ކަމަށެވެ. އަދި އޭގެ އަސްލު ސަބަބަކީ، ގްލިމްފެޓިކް ނިޒާމުގެ މަސައްކަތް ދަށްވުމުން، އަލްޒައިމާސް ޖެހުމަށް މެދުވެރިވާ އެމިލޮއިޑް އަދި ޓައު ޕްރޮޓީންތައް ސިކުނޑިން ސާފުކޮށްދިނުމުގެ ބާރު ކެނޑިގެން ދިއުން ކަމަށް އޭނާ ތަފްސީލުކޮށްދެއްވިއެވެ.
މީގެ އިތުރުން، މި ނިޒާމުގެ މަސައްކަތަށް ބުރޫއެރުމަކީ ލޭމައްޗަށް ދިއުމާ ވެސް ގުޅިފައިވާ ކަމެއްކަން ހާމަވެފައިވާއިރު، ކޭމްބްރިޖްގެ ޕްރޮފެސަރު ހިއުގް މާކަސް ފާހަގަކުރެއްވި ގޮތުގައި ޑިމެންޝިއާ ޖެހުމުގެ ނުރައްކަލުގެ ހަތަރުބައިކުޅަ އެއްބައި ގުޅިފައިވަނީ ލޭމައްޗަށް ދިއުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ދިރިއުޅުމުގެ އާދަތަކާއެވެ. އެހެންކަމުން، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ސިކުނޑީގެ ގްލިމްފެޓިކް ނިޒާމުގެ ހިންގުން ރަނގަޅުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށްޓަކައި އަމިއްލައަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.