’ފެރިޓިން ފޭސް‘: މޫނަށް ބަލައިލުމަށްފަހު ހަށިގަނޑުން ދަގަނޑުގެ ބައި މަދުކަމަށް ނިންމިދާނެތަ؟

މޫނުމަތިން ދަގަނޑުގެ ބައި މަދުކަން ދެނެގަނެވޭނެ ކަމަށް ބުނެ ޓިކްޓޮކްގައި ޓްރެންޑްވަމުން އަންނަ ނަމަވެސް، ހަމައެކަނި ލޯގަނޑުން މޫނު ބަލައިލުމަކުން ސިއްހީ ހާލަތެއް ދެނެނުގަނެވޭނެ ކަމަށް މާހިރުން ހާމަކުރޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މޫނުމަތީގެ ކުލަ ފަނޑުވެ، ލޯކައިރި ކަޅުވުމާއި އިސްތަށި ފޭބުމަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި ނުވަތަ ފެރިޓިން މަދުވުމުގެ ނިޝާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ޓްރެންޑަކާ ގުޅިގެން ސިއްހީ މާހިރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ އިންފްލުއެންސަރުން ދަނީ މީހެއްގެ މޫނުމައްޗަށް އެކަނި ބަލައިލުމުން ވެސް މި މާއްދާ ދަށްވެފައިވާ މިންވަރު ދެނެގަނެވޭނެ ކަމަށް ބުނެ އަޑުއުފުލަމުންނެވެ. އެހެންނަމަވެސް، ހަމައެކަނި ލޯގަނޑުން މޫނު ބަލައިލުމަކުން ހަށިގަނޑުގެ އެތެރޭގެ މިފަދަ މުހިންމު މައުލޫމާތެއް ކަށަވަރު ނުކުރެވޭނެ ކަމަށާއި، މިކަމަށް ބޭނުންވަނީ ސީދާ ލޭގެ ތަހުލީލެއް ކަމަށް ޑޮކްޓަރުން ވަނީ ހާމަކޮށްފައެވެ.

ސޯޝަލް މީޑިއާގައި މިހާރު އާންމުވަމުންދާ ވީޑިއޯތަކުން ފެންނަނީ، ދަގަނޑު އެކުލެވޭ ސަޕްލިމެންޓް ބޭނުންކުރުމުގެ ކުރިންނާއި ފަހުން މޫނުމައްޗަށް އަންނަ ބަދަލުތައް ދައްކުވައިދޭ ތަސްވީރުތަކެވެ. އަދި ބައެއް ފަރާތްތަކުން ދައުވާކުރާ ގޮތުގައި، ހަމުގެ ދުޅަހެޔޮކަމަށް އަގުބޮޑު ކޮސްމެޓިކްސް ބޭނުންކުރުމަށްވުރެ މިފަދަ ސަޕްލިމެންޓްތަކުގެ ނަތީޖާ މާ ފުރިހަމައެވެ. އެމެރިކާގެ ކްލީވްލޭންޑް ކްލިނިކުން ބަޔާންކުރާ ގޮތުގައި، ފެރިޓިންއަކީ ހަށިގަނޑުގައި ދަގަނޑުގެ މާއްދާ ރައްކާކޮށްދޭ މައިގަނޑު ޕްރޮޓީނެކެވެ. މުޅި ހަށިގަނޑަށް އޮކްސިޖަން ފޯރުކޮށްދޭ ހިމޮގްލޮބިން އުފެއްދުމަށް ދަގަނޑު ކޮންމެހެން ބޭނުންވާއިރު، މި މާއްދާ ދަށްވުމުން ވަރުބަލިވުމާއި، ބޯއެނބުރުމާއި، ނޭވާ ކުރުވުން ފަދަ އުނދަގޫތަކުގެ އިތުރުން ހަމުގެ ކުލަ ފަނޑުވުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

ލޯކައިރި ކަޅުވުމަކީ ހަށިގަނޑުގައި ދަގަނޑުގެ މާއްދާ ދަށްވުމުން ފެންނަ އަލާމާތެއް ކަމަށް ބުނެވުނު ނަމަވެސް، މިއީ ނިދިމަދުވުމާއި ސްޓްރެސް ފަދަ އެހެން ސަބަބުތަކާ ވެސް ގުޅިފައިވާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ބޯންމަތު ޔުނިވާސިޓީގެ ނިއުޓްރިޝަނިސްޓް ޑރ. ކްލޯއީ ކޭސީ ފާހަގަކުރައްވާ ގޮތުގައި، ހޯމޯނަށް އަންނަ ބަދަލުތަކާއި، ނިދިމަދުވުމާއި، ނަފްސާނީގޮތުން ކުރިމަތިވާ ސްޓްރެސް އަދި ހަށިގަނޑުން ފެންމަދުވުމަކީ ވެސް މޫނުމަތިން ވަރުބަލިކަމާއި ކުލަ ފަނޑުކަން ދައްކުވައިދޭނެ ސަބަބުތަކެވެ. އެހެންކަމުން މޫނުމަތީގެ ސިފައަށް އެކަނި ބަލައިގެން، ޑޮކްޓަރީ އިރުޝާދަކާ ނުލައި ދަގަނޑުގެ ބާވަތްތައް ބޭނުންކުރުމަކީ ފުރާނައަށް ވެސް ނުރައްކާވެދާނެ ކަމެކެވެ. ސަބަބަކީ ހަށިގަނޑުގައި ދަގަނޑުގެ ބައި އިތުރުވުމަކީ އިންފެކްޝަންތަކަށް މަގުފަހިވުމުގެ އިތުރުން ހުޅުހުޅުގެ ބަލިތަކާއި، ހަކުރުބަލި، ފުރަމޭ ހަލާކުވުން އަދި ހިތުގެ ބަލިތަކަށް މީހާ ހުށަހަޅައިދޭނެ ކަމަކަށް ވާތީއެވެ.

ހަށިގަނޑުގައި ހަކަތަ މަދުވާހެން ހީވާނަމަ، ބޭސް ބޭނުންކުރުމުގެ ކުރިން ރަތް މަހާއި، ކުކުޅާއި، ކަނޑުމަހުގެ ބާވަތްތަކާއި، ތޮޅި އަދި ފެހިކަންގަދަ ފަތްޕިލާވެލި ފަދަ ދަގަނޑުގެ ބައި ގިނަ ކާނާ ދިރިއުޅުމުގެ އާދައަކަށް ހެދުމަށް ޑޮކްޓަރުން ބާރުއަޅުއްވައެވެ.

ދަގަނޑުގެ ބައި މަދުވުމުގެ ސަބަބުން ލޭމަދުވުމުގެ އުނދަގޫތައް ތަހައްމަލުކުރި ދަނޑުވެރިއެއްގެ ތަޖުރިބާއަށް ބަލާއިރު، މި ބަލީގެ ނުރައްކާތެރިކަން ވަޒަންކުރެވުނީ ވަރަށް ގިނަ ދުވަސްތަކެއް ފަހުންނެވެ. އާންމުކޮށް ހަރަކާތްތެރިވެ އުޅޭ އެ މީހާއަށް ފުރަތަމަ ފާހަގަކުރެވުނީ ކުޑަކޮށް ހިނގައިލުމުން ވެސް އާދަޔާޚިލާފަށް ނޭވާ ކުރުވެ، ކުދިކުދި އާދައިގެ ކަންކަން ކުރުމުގައި ވެސް ދެއަތް އުފުލައިނުލެވޭ މިންވަރަށް މުޅި ހަށިގަނޑު ވަރުބަލިވުމެވެ. އޭގެ ފަހުން ރޭގަނޑު ނުނިދުމާއި، މަސްތަކުގައި އަރާމުނުލިބޭ އުނދަގޫތަކެއް އުފެދި، ކާއެއްޗެއް އަނގައަށް ލާން އުނދަގޫވާ ވަރަށް މޭނުބައިކުރުމާއި އޯކާދެމުން ފަދަ ކަންކަން ކުރިމަތިވިއިރު، މޫނުމަތީގެ ކުލަ އަޅިވެފައިވާކަން އޭނާއަށް އެނގުނީ ވެސް ގާތް ރަހުމަތްތެރިން ފާހަގަކުރުމުންނެވެ.

ޑޮކްޓަރީ ތަހުލީލުތަކުން އެނގުނު ގޮތުގައި، އޭނާގެ ހަށިގަނޑުގައި ދަގަނޑުގެ ބައި އިންތިހާއަށް ދަށްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބަނޑުގެ އުނދަގޫތަކަށް ބޭނުންކުރި އެންޓަސިޑް ނުވަތަ ކެލްސިއަމް ގިނަ ބޭސްތައް މާ ގިނައިން ބޭނުންކުރުމެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، ކެލްސިއަމް އަދި ދަގަނޑަކީ ހަށިގަނޑަށް ދަމައިގަތުމުގައި އެކަތި އަނެކައްޗާ ވާދަކުރާ ދެ މާއްދާއަށް ވާތީ، މި ދެ ބާވަތް ބޭނުންކުރަންވާނީ މަދުވެގެން ދެތިން ގަޑިއިރުގެ ފަރަގެއް ބަހައްޓައިގެންނެވެ.

ހަމައެއާއެކު، ވިޓަމިން ސީއަކީ ހަށިގަނޑަށް ދަގަނޑު ދަމައިގަތުމުގެ ބާރު އިތުރުކޮށްދޭ އެއްޗަކަށް ވާތީ، ކެލްސިއަމް ގިނަ ބޭސްތައް ހުއްޓާލުމަށްފަހު ދަގަނޑާއި ވިޓަމިން ސީ އެކުގައި ބޭނުންކުރަން ފެށުމުން، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތު ވަނީ އެއްކޮށް ރަނގަޅުވެފައެވެ.

comment ކޮމެންޓް