ކްރިތީގެ ޝަޚްޞިއްޔަތުގެ ޙައްޤުތަކަށް އަރައިގަތުން ދިއްލީ ހައިކޯޓުން ހުއްޓުވައިފި

ބޮލީވުޑްގެ ބަތަލާ ކްރިތީ ސެނޮން--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޮންގެ ސޫރަ އާއި އަޑު ބޭނުންކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައްދާފައިވާ ބަދުއަޚްލާޤީ އަދި ސައްޙަ ނޫން އެންމެހައި ކޮންޓެންޓް އިންޓަނެޓުގައި ދައުރުކުރުން މަނާކޮށް، ދިއްލީ ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

މި އަމުރުގެ ދަށުން އޭނާގެ ސިފަ ބަދަލުކޮށްގެން އުފައްދާފައިވާ ފޮޓޯ އާއި ވީޑިއޯގެ އިތުރުން، އޭނާގެ ނަމުގައި ހަދާފައިވާ އޭއައި ޗެޓްބޮޓްތަކާއި ވޮއިސް މޮޑެލްތައް ދައުރުކުރުން ވެސް ވަނީ ވަގުތުން ހުއްޓުވާފައެވެ.

އިންޓަނެޓް ޕްލެޓްފޯމްތަކުން އެ ތަކެތި ވަގުތުން ނެގުމަށް އަމުރުކުރައްވަމުން، އެ މައްސަލަ ބެއްލެވި ފަނޑިޔާރު ޕުރުޝައިންދްރަ ކުމާރު ކައުރަވް ވިދާޅުވީ، ހުއްދައެއް ނެތި ފަތުރާ މިފަދަ ކަންކަމަކީ ބަތަލާގެ ނަމާއި މަޤްބޫލުކަމުން ނާޖާއިޒު ވިޔަފާރީގެ މަންފާ ނެގުމުގެ އިތުރުން، އޭނާގެ އިންސާނީ ކަރާމާތާއި އަބުރަށް ސީދާ ގޮތެއްގައި އަރައިގަތުން ކަމަށެވެ. މީގެއިތުރުން ކްރިތީގެ އަމިއްލަ ދިރިއުޅުމުގެ ފޮޓޯތައް ބޭނުންކޮށްގެން އެކި ބާވަތުގެ މުދާ ވިއްކަމުންދިޔަ އޮންލައިން ފަރާތްތަކަށް ވެސް ކޯޓުން ވަނީ އެކަން ކުރުން މަނާކޮށްފައެވެ.

ކްރިތީ މުހިންމު ރޯލެއް ކުޅުނު ފިލްމު "ކޮކްޓެއިލް 2"ގެ މަންޒަރެއްގައި ބަތަލާ--ފޮޓޯ/މިޑްޑޭ

އަމިއްލަ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަށް އެދި ކްރިތީ ކޯޓަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، އޭނާގެ ވަނަވަރާއި އަޑު ނަކަލުކޮށްގެން ފޭކް "ބުކިންގްސް" ތަކާއި ވިޔަފާރިތައް ހިންގުމުގެ އިތުރުން، އަބުރު ގެއްލޭ ފަދަ ޕޯނޯގްރަފިކް ޑީޕްފޭކް ތަކެތި ދަނީ ޔޫޓިއުބް، ފޭސްބުކް، އެކްސް އަދި ޕިންޓްރެސްޓް ފަދަ މަންސަތަކުގައި ފުޅާދާއިރާއެއްގައި ދައުރުކުރަމުންނެވެ. އެހެންކަމުން މިފަދަ ނުރައްކާތެރި ޢަމަލުތަކުގެ ސަބަބުން އޭނާއަށް އަނބުރާ އިޢާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.

ހަމައެއާއެކު، ނޫސްވެރިކަމުގެ މިނިވަންކަމާއި، ފާޑުކިޔުމާއި، މަޖާޒީ ޚިޔާލުފާޅުކުރުންތަކަށް މި އަމުރުގެ ސަބަބުން އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް ކޯޓުން ވަނީ ސާފުކޮށްދީފައެވެ.

މީގެ ކުރިންވެސް ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އައިޝްވަރިޔާ ރާއީ ބައްޗަން، އަބީޝެކް ބައްޗަން، ސަލްމާން ޚާން އަދި ކަންގަނާ ރަނާވަތު ފަދަ ތަރިން ވަނީ އެތަރިންގެ ޒާތީ އަދި ޝަޚްޞީ ޙައްޤުތައް ހިމާޔަތްކުރުމަށް މިފަދަ އަމުރުތައް ދިއްލީ ހައިކޯޓު މެދުވެރިކޮށް ހޯދާފައެވެ.

comment ކޮމެންޓް