ބޮލީވުޑްގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ އެކްޓަރު ރަންބީރު ކަޕޫރު އޭނާގެ ފަންނީ ހަޔާތުގެ އައު މިސްރާބަކަށް އަމާޒު ހިފައި ކުރިއަށް އޮތް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ޑައިރެކްޓަރެއްގެ ގޮތުގައި ފެނިގެންދާނެ ކަމުގެ ފެހި ސިގްނަލް ދީފިއެވެ.
މިހާރު ހަމަޖެހިފައިވާ މަސައްކަތުގެ ތާވަލާއެކު އުފެއްދުންތެރި ވިސްނުންތައް ތަރައްޤީކުރުމަށް އެކަށީގެންވާ ފުރުސަތު ލިބެމުންދާކަން ހާމަކުރަމުން އޭނާ ވަނީ ފިލްމެއްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާކަން ހާމަކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި އެޅުވި ފިލްމު "ރާމާޔަން: ޕާޓް 1" ޕްރޮމޯޓްކުރުމަށް ކޯ-ސްޓާރު ސާއީ ޕައްލަވީއާއެކު ބީބީސީ އޭޝިއަން ނެޓްވޯކަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ރަންބީރު ވަނީ ފިލްމު އުފެއްދުމުގެ ދާއިރާއަށް އޭނާގެ ހިތުގައި އޮތް ލޯތްބާއި ޝައުގުވެރިކަން ހިއްސާކޮށްފައެވެ. އެގޮތުން މީގެ ދެތިން މަސް ކުރިން އަމިއްލަ ސްކްރިޕްޓެއް ލިޔަން ފެށި ނަމަވެސް އެއީ ހީކުރި ވަރަށް ވުރެ އެތައް ގުނައެއް އުނދަގޫ އަދި ވިސްނުންތެރި މަސައްކަތެއް ކަމަށް ރަންބީރު ބުންޏެވެ. އަދި އައު ޚިޔާލުތައް އުފަންކުރާ ލިޔުންތެރިންނާއި އުފެއްދުންތެރިންނަށް އޮތް ޤަދަރާއި އިހުތިރާމު މި ތަޖުރިބާގެ ސަބަބުން އިތުރުވެގެން ގޮސްފައިވާ ކަމަށާއި މިއުޒީޝަނަކަށް ފަހު އުފެއްދުންތެރިކަމުގެ އެންމެ ފުން އިހުސާސެއް ކުރެވެނީ ޑައިރެކްޓަރަކަށް ކަމަށް އޭނާ ޤަބޫލުކުރާ ކަމަށް ވެސް ރަންބީރު ފާހަގަކުރިއެވެ.
ރަންބީރު، އަންހެނުން އަދި ބަތަލާ އާލިއާ ބަޓްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާފަންނާނެއްގެ ގޮތުގައި ކުރިމަގަށް ގެންގުޅޭ ތަސައްވުރު ހާމަކުރަމުން ރަންބީރު ބުނީ މިއީ އެކްޓަރެއްގެ ގޮތުގައި އޭނާގެ ފަހު 10 އަހަރު ކަމަށް ބެލެވޭތީ ޑައިރެކްޝަނާ ދިމާއަށް ފިޔަވަޅު އަޅަން ބޭނުންވާ ކަމަށެވެ. ނަމަވެސް އަމިއްލަ ޑައިރެކްޝަނެއްގެ ދަށުން އެކްޓް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި މިހާރު ސޮއިކޮށްފައިވާ ފިލްމުތަކުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ކުރިއަށް އޮތް ދެތިން އަހަރު ތެރޭ ފުރަތަމަ ޑައިރެކްޝަންގެ އަމަލީ މަސައްކަތް ފެށުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދު ކަމަށް ރަންބީރު ބުންޏެވެ.
ބޮލީވުޑްގެ އެންމެ ހުނަރުވެރި ޒުވާން އެކްޓަރުންގެތެރޭ ހިމެނޭ ރަންބީރުގެ ކުރިއަށް ވެސް ބޮޑެތި ޕްރޮޖެކްޓްތަކެއް އެބައޮތެވެ. އޭގެ ތެރޭގައި ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ސަންދީޕް ރެޑީ ވަންގާގެ "އެނިމަލް ޕާކް"ގެ އިތުރުން އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ 2" ފަދަ އުންމީދީ ފިލްމުތައް ހިމެނެއެވެ.