ކުޅަދާނަ ޑައިރެކްޓަރު ސިދާތު އާނަންދުގެ ކުރިއަށް އޮތް ފިލްމު 'ކިންގް'ގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ"ގެ އިނގިރޭސި ތަންކޮޅު ހިތުދަސްކުރުމަކީ ބޮޑު ގޮންޖެހުމަކަށްވި ކަމަށް ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނުމުން، އޭނާގެ ދަރިފުޅު ސުހާނާ ޚާން ދިން ލޯބިވެ ތި ޖަވާބަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެއެވެ.
ޝާހްރުކްގެ 61 ވަނަ އުފަންދުވަހާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު ރިލީޒްކުރި މި ލަވައަކީ، މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ ސަޗިން-ޖިގަރްގެ ހިތްގައިމު މިއުޒިކަށް އަރިޖީތު ސިންގާއި މަދޫބަންތީ ބަގްޗީގެ އިތުރުން އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އަޑުއަޅައިދީފައިވާ ލަވައެކެވެ. މީގެ އިތުރުން މި ލަވައިގެ އިނގިރޭސި ރެޕް ބައިވެސް ޚާއްޞަވެގެން ގޮސްފައިވަނީ އެޑް ޝީރަންގެ އަމިއްލަ ހުށަހެޅުމެއްގެ ގޮތުގައެވެ.
ފިލްމު "ކިންގް"ގެ ލަވައިގެ މަންޒަރެއްގައި ޝާހު އާއި ދީޕިކާ--ފޮޓޯ/ބޮލީވުޑްހަންގާމާބައްޕަ އާއި ދަރިފުޅުގެ މި ލޯބިވެތި މުއާމަލާތް ފެނިގެންދިޔައީ، ޕާޓީއަކަށް ނުވަތަ އިވެންޓަކަށް ތައްޔާރުވާ މަންޒަރު ދައްކުވައިދޭ ގޮތަށް ސުހާނާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގެ ކޮމެންޓް ސެކްޝަނުންނެވެ. އެ ވީޑިއޯގައި ސުހާނާ ވަނީ މި ލަވައިގައި ހިމެނޭ އެޑް ޝީރަންގެ ބަޔަށް ވަރަށް ފަރިތަކަމާއެކު ލިޕްސިންކް ހަދައިފައެވެ.
އެ މަންޒަރު ފެނިފައި ޝާހްރުކް ވަނީ، އެޑް ޝީރަން އެހާ އަވަހަށް އަދި ބާރަށް ކިޔާފައިވާ ބައި އެހާ ފަރިތަކޮށް ދަސްކުރީ ކިހިނެއްތޯ ސުވާލުކޮށް، އަމިއްލައަށް އެ ބައި ދަސްކުރަން އުޅުމުގެ ތެރޭގައި ދިމާވި ދަތިކަން މަޖާޒީ ގޮތަކަށް ހިއްސާކޮށްފައެވެ. ބައްޕަގެ މި ވާހަކައަށް ވަގުތުން ރައްދު ދެމުން ސުހާނާ ބުނެފައިވަނީ، ބައްޕައަށް ކުރަން އުނދަގޫވާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ސުހާނާ ހިއްސާކުރި މި ޓްރާންސިޝަން ވީޑިއޯއަށް ބޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް، ނަވްޔާ ނަންދާ، އަނަންޔާ ޕާންޑޭ އަދި އޮރީ ފަދަ ފަންނާނުން ވަނީ ތައުރީފުކޮށް ރިއެކްޓްކޮށްފައެވެ.
އަންނަ ޑިސެމްބަރު މަހުގެ 24ގައި ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވާ 'ކިންގް' އަކީ ކާމިޔާބު ގިނަ ފިލްމުތަކަކަށްފަހު ޝާހްރުކް ޚާން އަދި ދީޕިކާ ޕަދުކޯން އެކުގައި ފެނިގެންދާ ހަވަނަ ފިލްމެވެ. މީގެ އިތުރުން އަބީޝެކް ބައްޗަން، ސުހާނާ ޚާން، ރާނީ މުކަރްޖީ، ރަގަވް ޖުޔާލް، އަރުޝަދު ވާރްސީ އަދި ޖައިދީޕް އަހްލާވަތު ފަދަ ވަރުގަދަ ތަރިންގެ ފޯރިގަދަ އެކްޓިންއެއް މި ފިލްމުން ފެނިގެންދާނެއެވެ. މި އެކްޝަން ފިލްމު ބެލުންތެރިންނާ ހަމައަށް އަންނަނީ، ހޮލީވުޑްގެ އެންމެ އިންތިޒާރުކުރެވޭ ބޮޑެތި ފިލްމުތައް ކަމަށްވާ 'އެވެންޖާސް: ޑޫމްސްޑޭ' އަދި 'ޑޫން: ޕާޓް ތްރީ' ރިލީޒްކުރާތާ ހަފުތާއެއް ފަހުންނެވެ.