އެއް މަސް ދުވަހުގެ ތެރޭ ކަނޑުމަތީގައި 250އަށް ވުރެ ގިނަ ފަހަރު ބަލިމީހުން އުފުލި

އެމްއެންޑީއެފް ކޯސްޓު ގާޑުގެ އުޅަނދެއް: މިދިޔަ މަހުގެ ފުރަތަމަ ދުވަހުން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 250އަށް ވުރެ ގިނަ ބަލިމީހުން އުފުލި --

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން މި ހިނގާ ނޮވެންބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން 250އަށް ވުރެ ގިނަ ފަހަރު ބަލި މީހުން އުފުލައިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ މަހުގެ29އިން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯސްޓު ގާޑުގެ އުޅަނދުފަހަރުގައި 88 ފަހަރު ބަލި މީހުން އުފުލިއެވެ.

އެގޮތުން ކޯސްޓު ގާޑުގެ ފުރަތަމަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ބަލި މީހުން 54 ފަހަރު އުފުލިއެވެ. ކޯސްޓު ގާޑުގެ ތިންވަނަ ސްކޮޑްރަނުގެ އުޅަނދުފަހަރުގައި 14 ފަހަރު ބަލި މީހުން އުފުލިއިރު ކޯސްޓު ގާޑުގެ ހަތަރުވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި 14 ފަހަރު، އަދި ދެވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި އަށް ފަހަރު ބަލި މީހުން އުފުލިއެވެ.

މިދޔަ މަހުގެ 22ވަނަ ދުވަހުން ފެށިގެން 29ވަނަ ދުވަހުގެ ނިޔަލަށް އޮތް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އުޅަނދުފަހަރުގައި 89 ފަހަރު ބަލި މީހުން އުފުލައިފައިވެއެވެ.

އެގޮތުން ކޯސްޓު ގާޑުގެ ފުރަތަމަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި 49 ފަހަރު، ހަތަރުވަނަ ސްކޮޑްރަނުގެ އުޅަނދުފަހަރުގައި 17 ފަހަރު، ތިންވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި 16 ފަހަރު، އަދި ދެވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ހަތް ފަހަރު ބަލި މީހުން އުފުލިއެވެ.

އެހެންކަމުން މިދިޔަ މަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 280އަށް ވުރެ ގިނަ ފަހަރު ބަލިމީހުން އެމްއެންޑީއެފްގެ ކޯސްޓުގާޑުން އުފުލިއެވެ. އޮކްޓޯބަރު މަހުގެ ފުރަތަމަ 15 ދުވަހު 100 ފަހަރު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން ވަނީ ބަލި މީހުން އުފުލައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ސީ އެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް