ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ބޭރު ގައުމެއްގެ ތިން މަސް ބޯޓެއް ދިވެހި ސިފައިން ރޭ އަތުލައިގެންފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، އެމްއެންޑީއެފް އެއާ ކޯ އާއި ކޯސްޓް ގާޑު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓުތައް އަތުލައިގެންފައި ވަނީ އއ. އަތޮޅުގެ ހުޅަނގުން 170 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށެވެ. އަދި މިހާރު އެ ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ނަމަވެސް މިއީ ކޮން ގައުމަކަށް ނިސްބަތްވާ މަސް ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
މިއަހަރުގެ ކުރީކޮޅު، ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ސްރީ ލަންކާގެ ދެ މަސް ބޯޓެއް، އެމްއެންޑީއެފުން އަތުލައިގެންފައިވާކަން ފާހަގަކުރެވެއެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ހަމަ އެ ގައުމުގެ މަސް ބޯޓެއް އަތުލައިގެންފައިވެއެވެ.