މި މަހުގެ ފުރަތަމަ 15 ދުވަހު ކޯސްޓު ގާޑުން 100 ފަހަރު ބަލި މީހުން އުފުލި

އެމްއެންޑީއެފްގެ އުޅަނދެއް: މި މަހުގެ ފުރަތަމަ 15 ދުވަހު ކޯސްޓު ގާޑުން 100 ފަހަރު ބަލި މީހުން ވަނީ އުފުލައިފައި --- ފޮޓޯ/ އެމްއެންޑީއެފް

މި މަހުގެ ފުރަތަމަ 15 ދުވަހު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން 100 ފަހަރު ބަލި މީހުން އުފުލައިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެންޑީއެފުން އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޯސްޓު ގާޑުގެ އުޅަނދުފަހަރުގައި 53 ފަހަރު ބަލި މީހުން އުފުލިއެވެ.

އެގޮތުން ކޯސްޓު ގާޑުގެ ފުރަތަމަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ބަލި މީހުން 34 ފަހަރު އުފުލިއެވެ. ކޯސްޓު ގާޑުގެ ހަތަރުވަނަ ސްކޮޑްރަނުގެ އުޅަނދުފަހަރުގައި 11 ފަހަރު ބަލި މީހުން އުފުލިއިރު ކޯސްޓު ގާޑުގެ ތިންވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ހަ ފަހަރު، އަދި ދެވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ދެ ފަހަރު ބަލި މީހުން އުފުލިއެވެ.

މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަށްވަނަ ދުވަހާ ހަމައަށް އޮތް ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެމްއެންޑީއެފްގެ ކޯސްޓު ގާޑުގެ އުޅަނދުފަހަރުގައި 57 ފަހަރު ބަލި މީހުން އުފުލައިފައިވެއެވެ.

އެގޮތުން ކޯސްޓު ގާޑުގެ ފުރަތަމަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި 34 ފަހަރު، ހަތަރުވަނަ ސްކޮޑްރަނުގެ އުޅަނދުފަހަރުގައި 12 ފަހަރު، ތިންވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ފަސް ފަހަރު، އަދި ދެވަނަ ސްކޮޑްރަންގެ އުޅަނދުފަހަރުގައި ހަ ފަހަރު ބަލި މީހުން އުފުލިއެވެ.

ފާހަގަކުރެވޭ ގޮތުގައި ރާއްޖޭގައި ސީ އެމްބިއުލާންސްއާއި އެއާ އެމްބިއުލާންސްގެ ޚިދުމަތް ވެސް ދެމުން އަންނައިރު، އެ ދެ ޚިދުމަތް ފުޅާ ކުރުމަށް ސަރުކާރުން އަަންނަނީ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް