ދަތުރުފަތުރާއި ތަންތަން ކުއްޔަށް ދިނުމުގެ ޚިދުމަތް ދޭ މަޝްހޫރު ކުންފުނި އެއާބީއެންބީން ދަތުރުތައް ރޭވުމަށާއި ބުކިން ހެދުމަށް ޚާއްޞަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެޖެންޓެއް ތަރައްޤީކުރަން ފަށައިފިއެވެ.
މި އޭއައި އެޖެންޓް އަންނަ އަހަރުގެ ފުރަތަމަ މަސް ތެރޭގައި އާންމުންނަށް ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.
އެއާބީއެންބީން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއެކު ޙިއްޞާދާރުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މި އޭއައި އެޖެންޓުގެ ސަބަބުން ކަސްޓަމަރުންނަށް އެމީހުން ބޭނުންވާ ފަދަ ގޮތަކަށް ދަތުރުތައް ރާވައި، އެއާބީއެންބީ އެޕްގެ ތެރެއިން ސީދާ ބުކިން ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.
މި އޭއައި އެޖެންޓުގައި ދަތުރުފަތުރާ ގުޅޭ ޚާއްޞަ ޔޫޒާ އިންޓަފޭސްއެއް އެކުލެވިގެންވާނެއެވެ. އެގޮތުން ޗާޓުތަކާއި، ފޮޓޯ، އަގުތަކާއި ޚިދުމަތްތައް އަޅާކިޔުން، ކަލަންޑަރު އަދި ދަތުރުގެ ތާވަލުތައް ފަދަ އެކި ބައިތައް ވަގުތުން ވަގުތަށް ތައްޔާރުކޮށް ކަސްޓަމަރަށް ދައްކައިދިނުމުގެ ޤާބިލުކަން މި އެޖެންޓަށް ލިބިގެންވާނެއެވެ.
އެއާބީއެންބީން ފާހަގަކުރި ގޮތުގައި އެހެން ކުންފުނިތަކާ ޚިލާފަށް މިފަދަ އޭއައި އެޖެންޓެއް އުފެއްދުމުގައި އެކުންފުންޏަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އޭގެ ތެރޭގައި ވޭތުވެދިޔަ 20 އަހަރުގެ ތަޖުރިބާއާއި، ބުކިން ހެދުމާއި ފައިސާ ދެއްކުމުގެ ނިޒާމު ސީދާ އެއާބީއެންބީގެ ތެރޭގައި ހުރުމުގެ އިތުރުން ދަތުރުފަތުރަށް ޚާއްޞަކޮށްގެން ފަރުމާކުރެވޭ އިންޓަފޭސް ހިމެނެއެވެ.
މީގެއިތުރުން، އެއާބީއެންބީން މިހާރުވެސް 50 އަށްވުރެ ގިނަ ބަހުން ކަސްޓަމަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އޭއައި އެޖެންޓެއް ބޭނުންކުރަމުން އަންނައިރު، ސާޗް ކުރުމާއި ފިލްޓާ ކުރުމުގެ އިތުރުން ތަންތަނުގެ ތަފްޞީލު ލިޔުމަށްވެސް އޭއައި ވަސީލަތްތައް އެކުންފުނިން އަންނަނީ ބޭނުންކުރަމުންނެވެ.
އެއާބީއެންބީއަކީ އެމެރިކާ (ޔުނައިޓެޑް ސްޓޭޓްސް) އަށް ނިސްބަތްވާ ކުންފުންޏެކެވެ. އެ ކުންފުނީގެ މައި އޮފީސް (ހެޑްކުއާޓަރު) ހުންނަނީ އެމެރިކާގެ ކެލިފޯނިއާގެ ސަން ފްރެންސިސްކޯގައެވެ.