ވޮޝިންޓަން (5 ނޮވެންބަރު 2026) : އީރާންއާ ދެކޮޅަށް ހަނގުރާމައެއް ފެށުމަށް ޓްރަމްޕް ނިންމެވީ އޮޅުވާލުމެއްގެ ތެރެއިން އައި ފިއްތުންތަކެއްގެ ސަބަބުން ކަމުގެ އިހުސާސް ޓްރަމްޕަށް މިހާރު ކުރެއްވޭކަމަށް އޭނާގެ މުސްތަޝާރަކާ ހަވާލާދީ ސީއެންއެން ބުނެފިއެވެ.
ޓްރަމްޕްގެ މުސްތަޝާރުންގެ ތެރެއިން ނަންހާމަކުރަން ނޭދޭ ބޭފުޅަކާ ހަވާލާދީ ސީއެންއެން ބުނިގޮތުގައި އީރާން ހަނގުރާމައިގެ ތެރެއަށް ޓްރަމްޕް ވެއްދީ އޮޅުވާލުމެއްގެ ތެރެއިން ކަމުގެ އިހުސާސް ޓްރަމްޕަށް މިހާރު ކުރެއްވެއެވެ. ނަމަވެސް މިކަމާބެހޭ އިތުރު ތަފްސީލް ދެއްވުމަށް ޓްރަމްޕްގެ މުސްތަޝާރުވަނީ ދެކޮޅު ހައްދަވައިފައެވެ.
މިމަހުގެ ތިނެއްގައި އެމެރިކާގައި ބޭއްވި ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީވަނީ ފަހުގެ ތާރީޚެއްގައި އެޕާޓީއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އާ ކުރިމަތިލާންޖެހިފައެވެ. މިނާކާމިޔާބީއާއެކު ރިޕަބްލިކަން އެޕާޓީގެ ސަފުތައްވެސްވަނީ ބައިބައިވެ ގަޑުބަޑުވެފައެވެ. މި އިންތިޚާބުގައި ކޮންގްރެސްގެ ދެގެ ވެސް ކާމިޔާބުކުރި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީންނެވެ. އެޕާޓީން ބުނިގޮތުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ޓްރަމްޕްގެ އާއިލީ ވިޔަފާރިއަށް ބިލިޔަން ޑޮލަރުން ފައިދާވާގޮތަށް އޭނާގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ކޮންގްރެސް މެދުވެރިކޮށް ބަލައި ޓްރަމްޕް ސައިޒް ކުރުމަށެވެ. އަދި ޓްރަމްޕް އިސްވެ އީރާންއާ ދެކޮޅަށް އެމެރިކާ ވައްދާފައިވާ ޚަރަދު ބޮޑު ބޭކާރު ހަނގުރާމައިން އެމެރިކާ ސަލާމަތް ކުރުމަށެވެ.
ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސްކަމަށް އަންނާނެކަމަށް ބެލެވޭ ޑިމޮކްރެޓިކް ޕާޓީގެ ލީޑަރެއްކަމަށްވާ ހަކީމް ޖެފްރީސް ވަނީ ޓްރަމްޕް ހިންގަވާފައިވާ ކޮރަޕްޝަނުގެ އަމަލުތައް ބެލުމާއި އީރާންއާ ދެކޮޅަށް ޓްރަމްޕް ފަށާފައިވާ ހަނގުރާމައިން އެމެރިކާ ސަލާމަތް ކުރުމަކީ އެޕާޓީއަށް ލިބިފައިވާ އަޣްލަބިއްޔަތުން ކޮންގްރެސްގެ ތެރެއިން ކުރެވޭނެކަމެއް ކަން ބަޔާން ކުރައްވައިފައެވެ. އަންނަ އަހަރުގެ ޖަނަވަރީގައި އައު މެންބަރުން ހުވާކޮށް ކޮންގްރެސް އަލުން ހުޅުވުމާއެކު މިމަސައްކަތް ބާރު ސްޕީޑްގައި ފަށާނެކަމަށް ހަކީމް ވިދާޅުވިއެވެ.
އީރާން ހަނގުރާމައިގެ ތެރެއަށް ޓްރަމްޕް އެމެރިކާ ވެއްދީ ޕްރެޝަރެއްގައި އޮޅުވާލުމެއްގެ ތެރެއިން ކަމުގެ އިހުސާސް ޓްރަމްޕަށް މިހާރު ކުރެއްވޭކަމަށް އޭނާގެ މުސްތަޝާރު ވިދާޅުވެފައިވާއިރު އަންނަ އަހަރުން ފެށިގެން ޓްރަމްޕަކީ ބާރުނެތް ރައީސަކަށް ވާނެކަމުގެ ބިރު ވައިޓް ހައުސް ތެރޭގައި (ޓްރަމްޕް ގެ ޓީމުގެ ތެރޭގައި) އުފެދިފައިވާ ކަމަށް ސީއެންއެން ބުނެއެވެ.
މިޑްޓާމް އިންތިާޚާބުގެ ނަތީޖާއިން ޓްރަމްޕްގެ ޕާޓީ ބަލިވުމާއެކު ވައިޓް ހައުސްއިންވަނީ ޓްރަމްޕަކީ އަދިވެސް އެމެރިކާގެ ރައީސްކަން ހަނދާންކޮށްދިނުމުގެ ގޮތުން ސޯޝަލް މީޑިއާގައި މެސެޖެއް ޝާއިއުކޮށްފައެވެ. މިމެސެޖްއާއެކު ވައިޓް ހައުސްގެ އޯވަލް އޮފީހުގައި އެމެރިކާގެ ރައީސްގެ ރަސްމީ ޑެސްކު ކައިރީގައި ޓްރަމްޕް އިންނަވާ ފޮޓޯއެއްވެސް ވަނީ ހިމަނާފައެވެ.
އެމެރިކާއަކީ ތިންބާރު ވަކިކުރާ ގޮތަށް ވެރިކަމުގެ ނިޒާމު އޮންނަ އިއްތިޙާދީ ގައުމަކަށްވާއިރު ޓްރަމްޕް މަގާމުން ވަކިކުރުމަކީ އިދިކޮޅު ޕާޓީގެ އަޣްލަބިއްޔަތު ކޮންގްރެސްގައި (މަޖިލީހުގައި) އޮތްނަމަވެސް ކުރަން އެއްގޮތަކަށްވެސް ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް ޓްރަމްޕް ބޭނުންނުވާގޮތަށް އަދި ޓްރަމްޕްގެ ސިޔާސަތާއި އޭނާގެ އެޖެންޑާއާ ނުގުޅޭ ނުވަތަ ފުށުއަރާގޮތަށް ގާނޫނުތައް ފާސްކުރުމަކީ ކޮންގްރެސްއަށް ކުރެވިދާނެކަމެވެ.
ރައީސްގެ ހައިސިއްޔަތުން ކޮންގްރެސްގެ ނިންމުތައް ވީޓޯކުރުމުގެ ބާރު ޓްރަމްޕަށް އޮތްނަމަވެސް އެއީވެސް ވަރަށް ލިމިޓެޑް ބާރެކެވެ. ޓްރަމްޕް ވީޓޯކުރާ ބިލްއެއް ދެވަނަ ފަހަރަށް ކޮންގްރެސްއިން ފާސްކޮށްފިނަމަ އެހިސާބުން ޓްރަމްޕް ބައިޕާސްކޮށްފައި އެބިލް ގާނޫނަކަށް ވާނެއެވެ. އަދި ޓްރަމްޕްގެ ތަންފީޒީ ބާރުތައް ކަނޑުވައި ނުލެވުނު ނަމަވެސް އެބާރުތައް ހަނިކޮށް ބާރާއި ނުފޫޒުކުޑަ ހަމައެކަނި ނަމެއްގައި ހުންނަ ރައީސަކަށް ޓްރަމްޕް ހެދުމުގެ ބޮޑު ފުރުސަތެއްވެސް އިދިކޮޅު ޕާޓީ ކޮންޓްރޯލް ކުރާ ކޮންގްރެސްއަަކަށް އޮންނާނެއެވެ.
މުހައްލިލުން ވިދާޅުވާގޮތުގައި ކޮންގްރެސްގެ ދެގޭގެ އަޣްލަބިއްޔަތު ޓްރަމްޕްގެ ޕާޓީއަށް ގެއްލުމުން ޓްރަމްޕަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހު އެއްވެސް ބާރެއް ނެތް ސިޔާސީ ގޮތުން ބަލިކަށި ރައީސަކަށް ވެގެންދާނެއެވެ. މިހާލަތުގައި ޓްރަމްޕް ގަދަދައްކާނަމަ އިންޕީޗް ނުވަތަ އަޒުލު ކުރުމުގެ ބިރުވެސް ކޮންގްރެސްއިން ޓްރަމްޕްއަށް ދެއްކިދާނެއެވެ. އަދި އޭނާއަށް ދަތިކޮށް ކުދިގޯނާތައް ކުރެވިދާނެއެވެ.
އެހެންކަމުން ކޮންގްރެސްގެ އަޣްލަބިއްޔަތު ގެއްލި އިދިކޮޅަށް ބޮޑު އަޣްލަބިއްޔަތެއް ލިބިފައިވާތީ އެމެރިކާގެ ރައީސަކަށް ތާރީޚުގައި ވެސް ކުރިމަތިވާނެ އެންމެ ބޮޑު ދަތިތަކާއި ނުތަނަވަސްކަން ޓްރަމްޕަށް ދެން ކުރިމަތިވެގެންދާނެއެވެ. ވެރިކަމުގައި އޮތް ބާކީ ދެއަހަރުގައި ޓްރަމްޕްގެ "އަތްފައި ބެނދެވިގެންދާނެ" އެވެ. މިހާލަތު ޓްރަމްޕަށް ކުރިމަތިވެގެންދާނީ އަންނަ ޖަނަވަރީ 20 އިން ފެށިގެންނެވެ.