އިންތިޚާބުގައި ބަލިވުމުން އެމެރިކާގެ ނައިބު ރައީސް އީރާން ހަނގުރާމައާ ދުރަށް ޖެހިވަޑައިގެންފި

ޓްރަމްޕް އާއި އޭނާގެ ނައިބު ވޭންސް އީރާން ހަނގުރާމައިގެ މައްސަލާގައި ޚިޔާލު ތަފާތުވެއްޖެ

ވޮޝިންޓަން (5 ނޮވެންބަރު 2026): އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕާޓީއަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން އީރާން ހަނގުރާމަ ކުރިޔަށް ގެންދިޔުމާމެދު ޓްރަމްޕްގެ ސަރުކާރުގައި ބޮޑެތި ބައިބައިވުންތަކެއް އުފެދި ނައިބު ރައީސް ޖޭޑީ ވެންސް، އީރާން ހަނގުރާމައާ ދުރަށް ޖެހިވަޑައިގެންފި ކަމަށް ޚަބަރު ލިބެއްޖެއެވެ.

"ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން ކޮންގްރެސްގައި ހިމެނޭ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓްގެ އަޣްލަބިއްޔަތު ގެއްލި ޓްރަމްޕްގެ ޕާޓީއަށް ލިބުނު ނާކާމިޔާބުގެ މައިގަނޑު ސަބަބަކީ އީރާންއާ ދެކޮޅަށް ޓްރަމްޕް ފެށި ޣައިރު ގާނޫނީ ހަނގުރާމަ ކަމަށް ޓްރަމްޕް ގެ ސަރުކާރުގެ ގިނަބަޔަކު ދެކޭއިރު މީގެތެރޭގައި އިސްކޮށް އުޅުއްވަނީ ނައިބު ރައީސް ޖޭޑީ ވެންސް އެވެ.

ވެންސް ވަނީ އީރާން ހަނގުރާމައަކީ އެމެރިކާގެ ރައްޔިތުންގެ ތާއީދުނެތް ހަނގުރާމައެއްކަން އިންތިޚާބުން އެނގިއްޖެކަމަށް ފާޅުގައި ވިދާޅުވެ އޭނާ އެހަނގުރާމައާ ދުރަށް ޖެހިވަޑައިގަންނަވާނެކަން ފާޅުކަންބޮޑު ގޮތެއްގައި އިއުލާން ކުރައްވައިފައެވެ. "ވޯލްސްޓްރީޓް ޖޯނަލް" ބުނާގޮތުން ވޭންސް ގެ ވިސްނުން ހުރީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ރިޕަބްލިކަން ޕާޓީގެ ޓިކެޓް ހޯއްދެވުމަށެވެ. އެހެންކަމުން ރައްޔިތުން ދެކޮޅުހަދާ ކަމަކައިގެން ކުރިޔަށް ދިޔުމަކީ ދެން އޭނާ ކުރައްވާނެ ކަމެއްކަމަކަށް ނުބެލެވެއެވެ.

ވެންސް މަސައްކަތް ކުރައްވަނީ ޓްރަމްޕްގެ ނާކާމިޔާބު ސިޔާސަތުތަކުގެ ސަބަބުން ބައިބައިވެ އަދި ސިޔާސީގޮތުން ބަނގުރޫޓްވެފައިވާ އެމެރިކާގެ ޖީއޯޕީ ނުވަތަ ރިޕަބްލިކަން ޕާޓީގެ ސަފުތައް އަލުން އެއްކޮށް 2028 ގެ ކުރިން ޕާޓީ އަލުން ވަރުގަދަކޮށް އެއްބައި ކުރުވޭނެ ގޮތެއް ހޯދުމަށެވެ. މިއީ މިހާރު 80 އަހަރަށް ވުރެ އުމުރު މަތިވެ މުސްކުޅި ވެފައިވާ ޓްރަމްޕަށް މާމުހިއްމު ކަމަކަށް ނުވިނަމަވެސް މިއީ ޒުވާން އަދި އުންމީދީ ލީޑަރެއްކަމަށްވާ ވެންސް އަށް ވަރަށް މުހިއްމު ކަމެއްކަމަށް މިނޫސް ބުނެއެވެ.

ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުން ޓްރަމްޕް، އީރާންއާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުރިޔަށް ގެންދިޔުމަށް ބާރުއަޅާ ޒަޔނިސްތް ފިކުރުމުގެ ބައެއް ފަރާތްތައް ޓްރަމްޕްގެ ކައިރީގައި އަދިވެސް އެބަތިއްބެވެ. އެމީހުން ގެންދަނީ އީރާނަށް ވަރުގަދަ ހަމަލާތަކެއްދިނުމަށް ޓްރަމްޕަށް މިހާރުވެސް ބާރުއަޅަމުންނެވެ. އެފަރާތްތައް ދެކޭގޮތުގައި ކޮންގްރެސް އަށް އަލަށް އިންތިޚާބުވި މެންބަރުން މަގާމުގެ ހުވާ ކުރައްވާނީ އަންނަ ޖަނަވަރީ މަހުގެ 20 ގައިކަމަށްވާތީއާއި މިހާރުގެ ކޮންގްރެސް އަދި ދެމަސްބައިވަންދެން ދެމިއޮންނާނެތީ އީރާންއާ ދެކޮޅަށް އިތުރު ހަމަލާތަކެއްދީ މަސްރަހު ހޫނުކުރުމަށް ގާނޫނީ ގޮތުން ޓްރަމްޕްއަކަށް އެއްވެސް ހުރަހެއް ނެތެވެ.

ޓްރަމްޕް އަކީ އީރާންއަށް ހަމަލާދިނުމުގައި އެކިފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. ޓްރަމްޕް އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އޭނާ އީރާންއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އިތުރު ހަމަލާތަކެއް ނުދީ އީރާނަށް ބައެއް ދޫތަކެއްދީގެން އީރާންއާއެކު އެއްބަސްވުމަކަށް އައުމަކީވެސް ކޮށްފާނެކަމެކެވެ. އީރާނުގެ ބައެއް މަސްއޫލުވެރިންވަނީ ކޮންގްރެސްގެ އިންތިޚާބުގައި ޓްރަމްޕްގެ ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން އެމެރިކާގެ ރައްޔިތުން ޓްރަމްޕަށް ނޫނެކޭ ބުނެފައިވާކަން ހަނދާންކޮށްދީ ޓްރަމްޕަށް ބަހުގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ޓްރަމްޕްވެސް ވަނީ އޭނާގެ ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީގެ ފަހަތުގައިވާ އެންމެ ބޮޑު މައްސަލައަކީ އޭނާ އީރާންއާ ދެކޮޅަށް ފެށި ހަނގުރާމައާއި އެހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް ކުރިމަތިވި އިގްތިސާދީ ދަތިތަކުގެ މައްސަލަތައްކަން ފާހަގަކޮށް އެކަމަށް އިއުތިރާފްވެފައެވެ. ނަމަވެސް ހަނގުރާމަ ފެށުމަށް އޭނާ ނިންމި ނިންމުމަކީ ރަނގަނޅު ނިންމުމެއްކަމަށާ އެކަމާމެދު ހިތާމަ ނުކުރާކަމަށް ޓްރަމްޕް ބުނެއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވިގޮތުގައި ނާކާމިޔާބުގެ ފަހަތުގައިވާ އެންމެ ބޮޑު މައްސަލައަކީ އީރާންއާ ދެކޮޅަށް ފެށި ހަނގުރާމަ ކަމަށް ވިޔަސް އެމެރިކާގެ ރައްޔިތުންގެ ފައިސާ އިސްރާއީލުގެ ބޭނުންތަކަށް ޚަރަދުކުރުމަކީ ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގެ މައިގަނޑު އެއްސަބަބެވެ. މިއީ އެމެރިކާގެ މިފެންވަރުގެ ބޭފުޅަކު އިސްރާއީލްއާބެހޭގޮތުން ވިދާޅުވާނެކަމަށް ލަފާވެސް ނުކުރެވޭ ވަރުގެ "ނުރައްކާތެރި" ވާހަކައެކެވެ. ވެންސް މިފަދައިން ވާހަކަ ދެއްކެވުމަކީ އެމެރިކާގެ ސިޔާސީ މަސްރަހަށް ބޯވައެއްހެން އަތްގަދަކޮށްފައިވާ ޔަހޫދީ ޒަޔަނިސްޓް ލޮބީތަކުގެ ބާރާއި ނުފޫޒު ކުޑަވުންކަމަށްވަނީ ބެލެވިފައެވެ. އިސްރާއީލާ ދެކޮޅަށް ފާޅުގައި ބަސްބުނެ ފާޑުކިޔަމުން ގެންދިޔަ އިލްހާން އުމަރު އާއި އަބްދުއްރަހްމާން އައްސައްޔިދު ފަދަ ބޭފުޅުން ބޮޑު ތަފާތަކުން ކޮންގްރެސްގެ މެންބަރުކަމަށް އިންތިޚާބު ވުމަކީވެސް އެމެރިކާގައި ބޯވައެއްހެން ވަކި ހިއްޕާލާފައިވާ ޔަހޫދީންގެ ބާރާއި ނުފޫޒަށް ބޮޑު ލޮޅުމެއް އަރައިފިކަން ފާޅުކަން ބޮޑުގޮތެއްގައި އެނގިގެން ދިޔަ ހަގީގަތެކެވެ.

އިސްރާއީލުން ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކާއި ޓެރަރިޒަމްގެ އަމަލުތަަކަށް އެމެރިކާގެ ފައިސާ ޚަރަދުކުރުމާ ދެކޮޅަށް މިފަހަރުގެ އިންތިޚާބުގެ ކޭންޕެއިންގައި ވަނީ ވަރަށް ފުޅާދާއިރާއެއްގައި ކޭންޕެއިންކޮށްފައެވެ. މިގޮތުން އިސްރާއީލަށްދޭ އެހީތައް ކަނޑާލުމަށް ގޮވާލައި ބައެއް ކެންޑިޑޭޓުން ވަނީ ވަރަށް ވަރުގަދައަށް ވާހަކަ ދައްކަވާފައެވެ. މުހައްލިލުން ވިދާޅުވާގޮތުގައި މިއީ އިސްރާއީލާ ދެކޮޅަށް އެމެރިކާއިން އަދި އަލަށް ފެނުނު މަންޒަރެކެވެ.

އިސްރާއީލަށް ހައްދެއްނެތި އެމެރިކާގެ ރައްޔިތުންގެ ޓެކްސް ފައިސާ ދިނުމަށް ރައްޔިތުން ދެކޮޅުހަދާކަމުގެ މިވާހަކަތަކާއެކު އިންތިޚާބުގެ ތެރޭގައި ޓްރަމްޕް ވަނީ އެމެރިކާއިން އިސްރާއީލަށް ދޭ މާލީ އެހީތެރިކަން އަންނައަހަރުން ފެށިގެން ނުދޭނެކަން އިއުލާން ކުރައްވައިފައެވެ. އެމެރިކާއިން އަހަރަކު ގާތްގަނޑަކަށް 4 ބިލިޔަން ޑޮލަރުގެ ހިލޭ އެހީ އިސްރާއީލަށް ދެއެވެ. މިއީވެސް މިހާތަނަށް އެމެރިކާގެ ރައީސަކު ނިންމަވާފައިވާނުވާ ނިންމުމެކެވެ. މިމައްސަލަތަކާ ގުޅިގެން އިސްރާއީލުގެ ހަރުކަށި ވެރިން ވަރަށް ކަންބޮޑުވެފައިވާކަމަށް އިސްރާއީލުގެ މީޑިއާ ބުނެއެވެ. އިސްރާއީލަކީ އެމެރިކާ އެހީތެރިކަމާއެކުގައި ނޫނީ ފަލަސްތީނުގެ ބިމުގައި އިސްތިއުމާރީ އުސޫލުން ދިގުމުއްދަތަކަށް ދެމިނޯވެވޭވަރުގެ ބަލިކަށި ގައުމެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ.

comment ކޮމެންޓް