ޝްރައްދާގެ ނެށުމުގެ ހުނަރު ފެންނާނެ ފިލްމު، 'އީތާ'ގެ ޓްރެއިލާ ދައްކާލައިފި

އިންޑިއާގެ މަހާރާޝްޓްރާ ސްޓޭޓަށް އުފަން، ސަޤާފީ ނެށުމުގެ ރާނީ ވިތާބާއީ ބާއު މަންގް ނާރާޔަންގާއޯންކަރްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމު "އީތާ"ގެ ފުރަތަމަ ޓްރެއިލާ ރަސްމީކޮށް ދައްކާލައިފިއެވެ.

ބޮލީވުޑްގެ ކާމިޔާބު ތަރި ޝްރައްދާ ކަޕޫރު މައި ރޯލުން ފެނިގެންދާ މި ފިލްމުގެ ޓްރެއިލާއިން ވަނީ، އެ ފަންނުވެރިޔާގެ ހަޔާތުގައި ކުރިމަތިވި ހިތްދަތި ގޮންޖެހުންތަކާއި، ސްޓޭޖް މަތީގައި އޭނާ ދެއްކި ޖާދުވީ ހުނަރުގެ ފުރިހަމަ ތަސްވީރެއް ސިފަކޮށްދީފައެވެ.

ކާމިޔާބު ފިލްމު "ސްތުރީ 2" އަށްފަހު ޝްރައްދާ ބޮޑު ސްކްރީނަށް އެނބުރި އަންނަ މި ބައޮގްރަފިކަލް ޑްރާމާ ޑައިރެކްޓްކޮށްފައިވަނީ ލަކްޝްމަން އުތޭކަރެވެ. މި ފިލްމުގައި ދައްކުވައިދެނީ، ނިކަމެތި އާއިލާއަކުން ފެށި ދަތުރުގައި ދިމާވި ޒާތީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ކުރިމަތިލައި، މަހާރާޝްޓްރާގެ ފޯކް ތިއޭޓަރުގެ އެންމެ އުހަށް ވިތާބާއީ ވާސިލްވި ގޮތުގެ އަސަރުގަދަ ވާހަކައެވެ. މުޅި ދިރިއުޅުން ނެށުމާއި ސްޓޭޖް ހުށަހެޅުންތަކަށް ހުސްކޮށްލައިގެން ހުރި ފަންނުވެރިއެއްގެ ރޯލަށް ޝްރައްދާ ގެނެސްދީފައިވާ ފުރިހަމަ ބަދަލު މި ޓްރެއިލާއިން ވަރަށް ބޮޑަށް ފާހަގަވެގެންދެއެވެ.

ފިލްމު "އީތާ"ގެ ބަތަލާ ޝްރައްދާ އަދި އެ ފިލްމުގެ ވާހަކަ ބިނާކޮށްފައިވާ އިންޑިއާގެ ނެށުންތެރިޔާ ވިތާބާއީ--ފޮޓޯ/އެންޑީޓީވީ

ހަލުވި ހަރަކާތްތަކާއި ފުން އިހުސާސްތަކުން ފުރިގެންވާ ނެށުމާއި، މިއުޒިކާއި ޑްރާމާ އެކުލެވޭ 'ތަމާޝާ' ފޯކް ތިއޭޓަރުގެ މުއްސަނދިކަން ވަރަށް ފުރިހަމައަށް ދައްކުވައިދޭ މި ފިލްމުގައި ޝްރައްދާގެ އިތުރުން މުހިންމު ރޯލުތަކުން ރަންދީޕް ހޫޑާ އަދި މުހައްމަދު ޒީޝާން އައްޔޫބް ފެނިގެންދާނެއެވެ. ފިލްމުގެ ފުރަތަމަ ޕޯސްޓަރުގައި ރަންދީޕް ފެންނަނީ ވިތާބާއީގެ ފިރިމީހާ އަންނާ ސާވަންތު މާޗަންޓްގެ ގޮތުގައެވެ. މީގެއިތުރުން އަނަންތު ޖޯޝީ، ސިއްދާތު ޖާދަވް، އަކްޝަރާ ސިންގް އަދި އުލްކާ ގުޕްތާ ފަދަ ކުޅަދާނަ ތަރިން ހިމެނޭ މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ ކްޝިތިޖް ޕަޓްވަރުދަންއެވެ.

ދިނޭޝް ވިޖަން، ލަކްޝްމަން އުތޭކަރް އަދި ކަރިޝްމާ ޝަރުމާގެ ޕްރޮޑަކްޝަނެއް ކަމަށްވާ "އީތާ"ގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ މަޝްހޫރު މިއުޒިކް ޑައިރެކްޓަރުން ކަމަށްވާ އަޖޭ-އަތުލް އެވެ. ސަޤާފީ ލަވަނީ އަދި ތަމާޝާގެ އަސްލު ރަހަތައް ގެނެސްދިނުމުގައި މި ފިލްމުގެ މިއުޒިކާއި، އާކާޝް އަގްރަވާލްގެ ސިނެމަޓޯގްރަފީ ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. ކުރިން މިއަހަރުގެ އޯގަސްޓް މަހު ރިލީޒްކުރަން ތާވަލުކުރި ނަމަވެސް، މި ފިލްމު މިހާރު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަަނަ ދުވަހުއެވެ.

ޢުމުރުން އެންމެ ތުއްތުއިރު ސްޓޭޖް ހުށަހެޅުންތައް ފަށައި، ފަހުން 'ތަމާޝާގެ ރާނީ' ނުވަތަ 'ތަމާޝާ ސަމްރާދުނީ'ގެ ލަޤަބު ހާސިލުކުރި ވިތާބާއީ އަކީ 1935 އިން 2002އަށް ދިރިއުޅުނު، މަހާރާޝްޓްރާގެ ފަޚުރެކެވެ. އެހެންކަމުން، ޝްރައްދާގެ ކުޅަދާނަ އެކްޓިންއާއެކު ގެނެސްދޭ މި ފިލްމު ވެގެންދާނީ، އިންޑިއާގެ އަގުހުރި ސަގާފީ ތަރިކައެއް އަންނަން އޮތް ޖީލުތަކަށް ދިރުވައިދޭނެ ފުރިހަމަ ސިނަމެޓިކް ތަޖުރިބާއަކަށެވެ.

comment ކޮމެންޓް