ހިންދީ ސިނަމާގައި ވޭތުކުރި ކާމިޔާބު 8 އަހަރުގެ ދިގު ދަތުރަށް އަލިއަޅުވާލަމުން، ބޮލީވުޑްގެ މަޤުބޫލު ބަތަލާ ސާރާ އަލީ ޚާން ބުނެފައިވަނީ އޭނާއަށް ފިލްމުތަކުން ފުރުސަތު ހޯދައިދިނުމަށް ނުވަތަ ކޮންޓްރެކްޓްތައް ހަމަޖައްސައިދިނުމަށް ބައްޕަ އަދި އެކްޓަރު ސައިފް އަލީ ޚާން ދުވަހަކުވެސް އެއްވެސް މީހެއްގެ ކައިރީ އާދޭސްކޮށްފައި ނުވާނެ ކަމަށެވެ. އެގޮތުން އޭނާގެ ފިލްމީ ޙަޔާތުގައި ނިންމާފައިވާ ކޮންމެ ނިންމުމަކީވެސް ފުރިހަމައަށް އަމިއްލަ މިނިވަން ނިންމުންތަކެއްކަން ސާރާ ވަނީ ސާފުކޮށްދީފައެވެ.
ފިލްމީ އާއިލާތަކުގެ ކުދިންނާ ގުޅުވައިގެން މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ސާރާ ފާހަގަކުރި ގޮތުގައި، ނުފޫޒުގަދަ ޚާންދާނަކަށް ނިސްބަތްވުމަކީ ދެކޮޅު ތޫނު ކަނޑިއެއް ފަދަ ކަމެކެވެ. ފެށުމުގައި އާންމުންގެ ސަމާލުކަން ފަސޭހަކަމާއެކު ލިބިގެން ދިޔަ ނަމަވެސް، އެ އާއިލީ ނަމުގެ ސަބަބުން އޭނާ އަމިއްލައަށް ކުރާ ބުރަ މަސައްކަތާއި ހިތްވަރު ގިނަ ފަހަރަށް ފޮރުވިގެންދާކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރިއެވެ.
ފިލްމްފެއާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސާރާ ހާމަކުރި ގޮތުގައި، އޭނާ ބޮޑުވީ އެކަނިވެރި މައެއް ކަމަށްވާ އަމްރިތާ ސިންގްގެ ހިޔަލުގައެވެ. އެހެންކަމުން ފިލްމީ ދާއިރާގައި ކުރިއަށްދާން އެހީތެރިވެދޭނެ ވަރުގަދަ ސަލާމަތީ އައްޑަނައެއް އޭނާއަކަށް ނެތެވެ. ކެރިއަރުގެ ފުރަތަމަ ފިލްމު "ކެދާރުނާތު"ގެ މަސައްކަތުގައި ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުން އަރައިގަތީވެސް އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި އަމިއްލައަށް ކަމަށާއި، މި ދާއިރާގައި މަގުދައްކައިދޭނެ އެއްވެސް "ގޯޑްފާދާ" އެއް ނެތް ކަމަށް ސާރާ ވަނީ ބުނެފައެވެ.
ސާރާ، ކުރީގެ ބަތަލާ އަދި މަންމަ، އަމްރީތާއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސްފިލްމީ އާއިލާއަކަށް އުފަންވުމުން ލިބުނު ފުރުސަތުތަކަށް އިންކާރު ނުކުރާކަން ފާހަގަކުރަމުން ސާރާ ބުނީ، އޭނާއަކީ އެފަދަ އިމްތިޔާޒުތަކުގެ ދައުރު ނޭނގޭހާ ޅަ ކުއްޖެއް ނޫން ކަމަށެވެ. ނަމަވެސް އާއިލީ ނަމާ ގުޅިގެން މީހުން ކުރާ އުއްމީދުތައް އިންތިހާއަށް ބޮޑުވެ، އަބަދުވެސް އުނދަގޫ އިމްތިހާނުތަކަކާ ކުރިމަތިލާންޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ.
ސާރާ ދެކޭގޮތުގައި "ނެޕޮޓިޒަމް" ނުވަތަ އާއިލީ ނުފޫޒުގެ ލޭބަލަކީ މުޅިން ނޭދެވޭ ގޮތުގައި ތަތްކުރެވިފައިވާ އެއްޗެކެވެ. މީގެ ސަބަބުން އޭނާގެ އިތުރުން ޖާންވީ ކަޕޫރާއި އަނަންޔާ ޕާންޑޭ ފަދަ ތަރިން ކުރާ ބުރަ މަސައްކަތުގެ އަގު ވެއްޓިގެންދާ ކަމަށާއި، އެއިން އެއްވެސް މީހަކަށް އުފަންވާނެ އާއިލާއެއް އިޚުތިޔާރުކުރުމުގެ ބާރު ލިބިފައި ނުވާކަމަށް އޭނާ ބުންޏެވެ.
އާ ބަޔަކު ހޯދަން އެދޭފަދަ ފުރިހަމަ ފުރުސަތަކުން ފިލްމީ ދާއިރާއަށް ނުކުމެވުނު ނަމަވެސް، އިންޑަސްޓްރީގައި 8 އަހަރު ވޭތުވެދިޔަ ފަހުންވެސް އަދިވެސް އަމިއްލަ ޤާބިލުކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހުމަކީ އިންސާފެއް ނޫން ކަމަށް ސާރާ ފާހަގަކުރިއެވެ. އަދި ފެށުމުގައި ކޮންމެވެސް ވަރެއްގެ ފަސޭހަތަކެއް ހުރި ނަމަވެސް، މި ދާއިރާގައި ދިގު މުއްދަތަކަށް ދެމިހުރެވެނީ އަމިއްލަ މަސައްކަތްތެރިކަމާއި ޒިންމާދާރުކަން ސާބިތުކޮށްދީގެން ކަމަށްވެސް އޭނާ ބުންޏެވެ.
ސާރާ އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ ޑައިރެކްޓަރު އާކާޝް އޭ ކޯޝިކްގެ ސްޕައި ކޮމެޑީ ފިލްމު "އުޅްތާ ތީރް"އިންނެވެ. މި ފިލްމުގައި އޭނާއާއެކު އަޔުޝްމާން ކުރާނާ، ރާހުލް ބޯސް، ރާމް ކަޕޫރު، ގުލްޝަން ގްރޯވާ އަދި ރަގުބީރު ޔާދަވް ފަދަ ފުންނާބުއުސް ފަންނާނުން ވަނީ މުހިންމު ރޯލުތަކުން ފެނިގެން ގޮސްފައެވެ.