ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކަށް މަލާމާތްކޮށް، ކުރީގެ ބައްޓަމަށް އަވަހަށް ރުޖޫޢަވާން ޖެހޭނެ ކަމަށް ބުނެ އެކަމަށް ބާރުއަޅާ މީހުންނަށް ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް ވަރުގަދަ ރައްދެއް ދީފިއެވެ.
މައިވަންތަކަމުގެ އާ ދައުރަކާ އެކު ދިރިއުޅުމުގެ އިސްކަންދޭ ކަންކަމަށް އައި ބަދަލުތަކާ ގުޅޭގޮތުން ވޯގް މަޖައްލާއަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ވާހަކަދައްކަމުން ކެޓްރީނާ ވަނީ، އަވަސް އަރުވާލައިގެން ކުރީގެ ބައްޓަމަށް އެނބުރި ދިއުމަށް މީހުން ކުރާ ޑިމާންޑުތަކާމެދު ސުވާލު އުފައްދައި، އެނބުރި އަންނަންވީ އަސްލު ކޮންތާކުންތޯ ސުވާލުކޮށްފައެވެ.
ފިރިމީހާ ވިކީ ކޯޝަލްއާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފިރިހެން ދަރިފުޅު ވިހާން ލިބުނު ފަހުން، މައިވަންތަކަމާއި އަމިއްލަ ދިރިއުޅުން އަދި މަސައްކަތުގެ މައިދާން އެއްހަމައެއްގައި ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ ވާހަކަ އޭނާ މި އިންޓަވިއުގައި ވަނީ ހިއްސާކޮށްފައެވެ.
ކެޓްރީނާގެ މި ވާހަކަތައް އައިސްފައި މިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި އަމްބާނީ އާއިލާއިން އިންތިޒާމްކޮށްގެން ބޭއްވި ސަޤާފީ ހަފުލާގައި އޭނާ ބައިވެރިވުމާ ގުޅިގެން، އޭނާގެ ހަށިގަނޑު ހުރި ގޮތަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ދަރިފުޅު ވިހެއިތާ އަހަރެއްހާ ދުވަސް ވެސް ނުވަނީސް އަމާޒުވި މި ފާޑުކިޔުންތަކަށް ރައްދުދެމުން ކެޓްރީނާ ބުނީ، އާއްމުންގެ ފާޑުކިޔުންތަކަކީ އަބަދުވެސް ބަދަލުވަމުންދާ ވަޔެއް ފަދަ އެއްޗެއް ކަމަށާއި، އެފަދަ ވާހަކަތަކުން އޭނާގެ ދިރިއުޅުމުގެ މި މުހިންމު ދުވަސްވަރަށް ބުރޫއެޅިޔަ ނުދޭނެ ކަމަށެވެ. އަދި ވިހެއުމަށްފަހު އަންހެނެއްގެ ހަށިގަނޑަށް ބޮޑެތި ޖިސްމާނީ ބަދަލުތަކެއް އަންނާނެކަން އެންމެންނަށްވެސް އެނގޭއިރު، އެކަން އެނގިތިބެ ހަރުކަށިކޮށް ފާޑުކިޔުމަކީ މައުލޫމާތު ނެތުމަށްވުރެ ބޮޑަށް، އެފަދަ މީހުން އަމިއްލައަށް އިޚްތިޔާރުކުރާ ނުރަނގަޅު އާދައެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
އެހެން މީހުންގެ ރުހުން ހޯދުމަށްޓަކައި ހަށިގަނޑު ހިއްކުމުގެ މަސައްކަތް އަވަސް އަރުވާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަން ހާމަކުރަމުން ކެޓްރީނާ ބުނީ، މައިވަންތަކަމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ނޫން ކަމަށާއި އެއީ ދިރިއުޅުމުގައި ކުރިއަށް އެޅުނު ވަރަށް މުހިންމު ބޮޑު ފިޔަވަޅެއް ކަމަށެވެ. ދަރިފުޅު ވިހާންގެ މޫނު ފުރަތަމަ ފެނުނު ވަގުތު ކުރެވުނު ފުން އިހުސާސްތަކުގެ ހަނދާން އާކުރަމުން އޭނާ ބުނީ، އެއީ އޭނާއާއި ވިކީ ހަތަރު އަހަރު ދުވަހު އެކުގައި ކުރި ދަތުރުގެ އެންމެ އުފާވެރި މަންޒިލް ކަމަށެވެ. އެހެންކަމުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް އަދިވެސް އިސްކަންދިން ނަމަވެސް، އެއްވެސް ޕްރެޝަރެއް ނެތި، ހަށިގަނޑަށް އެންމެ ހަކަތަ ލިބި ދުޅަހެޔޮކަން އިހުސާސްވާ ހިސާބަށް އޭނާ ދާނީ އަމިއްލަ ދުވެލީގައި ކަމަށް ބުންޏެވެ.
ކެޓްރީނާ، ފިރިމީހާ އަދި އެކްޓަރު ވިކީ ކޯޝަލްއާ އެކު-- ފޮޓޯ/ އިންޑިއާޓުޑޭދިރިއުޅުމުގެ މި އާ މަރުހަލާގައި ފިރިމީހާ ވިކީ ކޯޝަލް ދޭ އެއްބާރުލުމަށް ކެޓްރީނާ ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ކެޓްރީނާ ފާހަގަކުރި ގޮތުގައި ވިކީއަކީ އަނބިމީހާއަށް އަމިއްލަ މިނިވަންކަންދީ، އަނބިމީހާ ދައްކާ ވާހަކަތައް ކަނުލާ އަޑުއަހާ، އަދި ވަރުގަދަ އާއިލީ އުސޫލުތަކަކާއި އިޚްލާސްތެރިކަމެއް ގެންގުޅޭ ފުރިހަމަ ބައިވެރިއެކެވެ.
ފިލްމީ ދާއިރާގެ އިތުރުން ކެޓްރީނާގެ އަމިއްލަ ކޮސްމެޓިކް ބްރޭންޑް ކަމަށްވާ "ކޭ ބިއުޓީ"ގެ މަސައްކަތްތަކުގައި އޭނާ އަދިވެސް ހަރަކާތްތެރިވި ނަމަވެސް، ވަގުތުން ވަގުތަށް އަލުން ފިލްމީ މަސައްކަތްތަކަށް އެނބުރި ދިއުމުގެ އަވަސް ވިސްނުމެއް މިވަގުތު އޭނާގެ ނެތެވެ. މި ދުވަސްވަރު އޭނާގެ މުޅި ސަމާލުކަން ހުއްޓިފައިވަނީ އާއިލާއާއެކު ގިނަ ވަގުތު ހޭދަކުރުމަށާއި، ސޯޝަލް މީޑިއާއާ ދުރުގައި ހުރުމަށެވެ. ނަމަވެސް ކުރިމަގުގައި އެނބުރި އެކްޓިން ދާއިރާއަށް ނުކުންނަ ދުވަހަކުން، އާންމުކޮށް ކުޅޭ ރޯލުތަކާ މުޅިން ތަފާތު، އޭނާގެ ހުނަރުގެ އާ ފަރާތެއް ދައްކުވައިދޭނެ ފަދަ ނުބައިބައި (ވިލަން) ކެރެކްޓާއެއް ކުޅުމުގެ ބޮޑު ޝައުގުވެރިކަމެއް އެބައޮތް ކަމަށްވެސް ކެޓްރީނާ ވަނީ ހާމަކޮށްފައެވެ.
ކެޓްރީނާ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ ސައުތު އެކްޓަރު ވިޖޭ ސެތުޕަތީއާ އެކު ކުޅުނު ފިލްމު "މެރީ ކްރިސްމަސް"އެވެ.