އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ މިހާތަނަށް ސަރުކާރުން ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫއު އެއްކޮށް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކުރިއަށްގެންދިޔަ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ވެރިކަމުގެ ފާއިތުވި މުއްދަތުގައި މަސައްކަތް ކުރެއްވީ ރާއްޖޭގެ ދަރަނި ކުޑަކޮށް، ކްރެޑިޓް ރޭޓިން މަތިކުރުމާއެކު، ކުރިއަށް އޮތް ތަނުގައި އެއްވެސް މަޝްރޫއެއް މަޑުނުޖެހި ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމަށް ކަމަށެވެ.
މާދަމާ ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު، އާ މަޝްރޫއުތައް ފެށުމުގެ ބަދަލުގައި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ މިހާރު ނުނިމި ހުރި މަޝްރޫއުތައް ނިންމުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން 100 މަޝްރޫއު ހަވާލުކޮށްފައިވާނަމަ، އޭގެ ތެރެއިން 70 މަޝްރޫއު ނިންމައި ރައްޔިތުންނާ ހަވާލުކުރުމަކީ އަންނަ އަހަރުގެ މައިގަނޑު ޓާގެޓު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި ދެންނެވީ މިސާލަކަށް 100 މަޝްރޫއޭ ހަވާލުކޮށްފައި އޮތީ، އެހެންވެއްޖެއްޔާ 70 މަޝްރޫއު ނިންމާފައި ހަވާލުކުރާނަމޭ ރައްޔިތުންނާ. އެއީ އަންނަ އަހަރުގެ ޓާގެޓަކީ،" ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ސަރުކާރުން ޚަރަދު ކުޑަކުރުމަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް އަންނަ އަހަރުގެ ބަޖެޓުން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށާއި، މެކްރޯ އިކޮނޮމިކް އިންޑިކޭޓާތައް ރަނގަޅުކޮށް ފިސްކަލް ރެސްޕޮންސިބިލިޓީ އިތުރަށް ވަރުގަދަކުރުމަށް ކޮށްފައިވާ މަސައްކަތްތައް ބަޖެޓުގައި ހިމެނޭނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.