އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޖެންޑާކޮށްފިއެވެ.
އެޖެންޑާގައިވާ ގޮތުން، މި ޖަލްސާ އޮންނާނީ މާދަމާ 13:30ގައެވެ.
މިއަދުގެ މަޖިލިސް ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުﷲ ވަނީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާ އޮންނާނެކަން ހާމަކުރައްވާފައެވެ.
އެކަމަކު، ބަޖެޓާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އެހެންވެ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅަނީ ކިހާ އަދަދެއްގެ ބަޖެޓެއް ކަމެއް ނޭނގެއެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ރައީސް މުއިއްޒު ---- ފޮޓޯ/ ރައީސް އޮފީސް މި އަހަރަކީ ރާއްޖޭން 1.1 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކަން ޖެހޭ އަހަރެއް ކަމަށްވާއިރު، މި އަހަރަށް ފާސްކުރީ ރެކޯޑު އަދަދެއް ކަމަށްވާ 64 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މި އަހަރަށް ކަނޑައެޅި ބަޖެޓުން ވަނީ، 48 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެއީ، މި އަހަރަށް ކަނޑައެޅި ބަޖެޓުގެ 76 ޕަސެންޓެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ދަރަނި ދައްކަން މި އަހަރަށް ބަޖެޓުކޮށްފައިވަނީ 12.9 ބިލިއަން ރުފިޔާ ކަމަށްވާއިރު، އޭގެ ތެރެއިން 10.1 ބިލިއަން ރުފިޔާ މިހާތަނަށް ވަނީ ހޭދަކޮށްފައެވެ.
ރާއްޖޭގައި ދަރަނި ބޮޑުވާތީ ދައުލަތުގެ ޚަރަދުތައް ކުޑަކުރަން ބޭރުގެ އިދާރާތަކުން ލަފާދޭތާ އަހަރުތަކެއް ވަނީ ވެފައެވެ.