ވަކި އުމުރެއްގެ ކުދިންގެ ބެލެނިވެރިން އޮފީސްތަކަށް ދާއިރު ލުއިތަކެއް ހަމަޖައްސަން ޖެހޭ: މެންބަރު ހަމީދު

ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ހަމީދު: ވިދާޅުވީ ބެލެނިވެރިން ވަޒީފާ އަދާކުރަން އޮފީސްތަކަށް ދާ ދިއުމަކީ ކުދިންގެ ތަރުބިއްޔަތާއި ތައުލީމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ވަކި އުމުރެއްގެ ކުދިންގެ ބެލެނިވެރިން އޮފީސްތަކަށް ދާއިރު ލުއިތަކެއް ހަމަޖައްސަން ޖެހޭ ކަމަށް، ކުޑަހުވަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ޙަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ހޯމްސްކޫލިން ދީގެން ދަރިވަރުންނަށް އުނގެނުން ފަހިކޮށްދިނުން ހިމެނޭހެން ތައުލީމާ ބެހޭ ގާނޫނަށް ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ހުށަހެޅުއްވި އިސްލާހުތަކަށް ބަހުސްކުރައްވަމުން ޙަމީދު ވަނީ، ސްކޫލަށް ދިއުމަށް އުޒުރުވެރިވާ އެތައް ދަރިވަރުންނެއް ތިބިކަމާއި އެ ކުދިން މަދަރުސީ ތައުލީމުން މަހުރޫމް ވެފައިވާ ކަން ފާހަގަކުރައްވައިފައެވެ.

ޙަމީދު ވިދާޅުވީ ސްކޫލަށް ކުދިން ފޮނުވުމަށްފަހު ނިމޭ ވަގުތު ބަލައި ދިއުމުން ބެލެނިވެރިންގެ ދައުރު ނިމުނީ ކަމަށް ބައެއް ބެލެނިވެރިން މިއަދު ގަބޫލުކުރާ ކަމަށެވެ.

އެގޮތަށް ދެކިގެން ތިބޭހާ ދުވަހެއްގައި ތައުލީމީ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޙަމީދު ވިދާޅުވިއެވެ.

https://sun.mv/229639

ކުދިން ނިދައި ހޭލަނީ ކިހާއިރަކުތޯ ނުބަލައި، ކުދިން ކޮޓަރިއާއި ސިޓިންރޫމްތަކުގައި ތިބެގެން ކުރާ ކަންކަން ނުބެލޭ ވަރަށް ބެލެނިވެރިން މިއަދު ބިޒީ ވެއްޖެ ކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އޮފީސްތަކަށް ދާ ދިއުމަކީ އަޅުގަނޑުމެންގެ ދަރިވަރުންނާއި ދަރިވަރުންގެ ތަރުބިއްޔަތާއި ތައުލީމަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ، އެހެންވީމާ ވަކި އުމުރެއްގެ ކުދިންނެއްގެ ބެލެނިވެރިން އޮފީސްތަކަށް ދާ ދިއުމުގައި ލުއިތަކެއް ހަމަޖައްސައިގެން ދިއުމަކީ މިއަދު މި ތައުލީމީ ނިޒާމަށް ބަދަލެއް ގެންނަ ވާހަކަ ދައްކާއިރު އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމެއް،" ޙަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވީ އޭގެ ބޭނުމަކީ ޅަ ދަރިން ގޭގައި އެކަނި ތިބޭއިރު، އިންޓަނެޓު ފަހިވެފައިވާ މި ޒަމާނުގައި، ދަރިންގެ ތަރުބިއްޔަތަށާއި ވިސްނުމަށް އަންނަ ބަދަލުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުން ކަމަށެވެ.

ޙަމީދު އެހެން ވިދާޅުވިއިރު، ސިވިލް ސާވެންޓުންނަށް އެކި ހާލަތްތަކަށް ލުއިތައް ދެއެވެ. އޭގެ ތެރޭގައި، ސިވިލް ސާވަންޓުންނަށް ދިމާވާ ޚާއްސަ ހާލަތަކާ ހެދި، ވަޒީފާގެ ގަޑިއަށް އޮފީހަށް ހާޒިރުނުވެވޭ ދުވަސްތަކުގައި ގަޑިނުޖެހޭ ގޮތަށް އިތުރު 30 މިނެޓު ލިބޭ ގޮތް ހަމަޖައްސައިފައިވެއެވެ. އަދި ކުއްލި ޙާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ، ގޭގައި ވެސް ސިވިލް ސާވަންޓުންނަށް މަސައްކަތް ކުރެވޭހެން ހަދައިފައިވެއެވެ.

މީގެ އިތުރުން، މުވައްޒަފަކު، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅަށް ކޮށްދޭންޖެހޭ ކަންތައް ކޮށްދިނުމަށް ޓަކައި މުސާރައިން ނުކެނޑޭގޮތުން، ކޮންމެ ދުވަހަކު ވެސް ދަރިފުޅުގެ ގާތަށް ދިޔުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެ ފަހަރު ދޭންވާނެ ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައިވެއެވެ. އެގޮތުގެ މަތިން ހުސްވަގުތުކޮޅެއް ދިނުން ލާޒިމުވެގެންވަނީ ދަރިފުޅުގެ ޢުމުރުން އެއް އަހަރު ފުރުމާ ހަމައަށް ކަމަށް ގާނޫނުގައިވެއެވެ.

comment ކޮމެންޓް