އޮޑިޓަރު ޖެނެރަލްގެ އޮފީހަށް އަންނަ އަހަރަށް 133 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރައްވައިފިއެވެ.
މި ބަޖެޓު ފާސްކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ އިއްތިފާގުންނެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުން އަންނަ އަހަރަށް ހުށަހެޅި 133,590,266 ރުފިޔާގެ ބަޖެޓަށް މާލިއްޔަތު ކޮމިޓީގެ މަރުހަލާގައި އެއްވެސް އުނިއިތުރެއް ގެނެސްފައެއް ނުވެއެވެ.
އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅައިގެން ފާސްކުރަންޖެހޭ ބަޖެޓަކަށް ވީނަމަވެސް، ދައުލަތުގެ ޖުމްލަ ބަޖެޓު މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓު ވެސް އޭގެ ތެރޭގައި ހިމަނަންޖެހެއެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަންނަ އަހަރު ޖުމްލަ 394 އޮޑިޓެއް ކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
ފާސްކުރި ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ރިކަރަންޓު ޚަރަދުގެ ގޮތުގައި 85.8 މިލިއަން ރުފިޔާ އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 43.5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
އޭގެ ތެރޭގައި ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އޮޑިޓަރު ޖެނެރަލްގެ އޮފީހުގެ އާ އިމާރާތުގެ މަސައްކަތަށް 43,500,000 ރުފިޔާ ހިމަނާފައިވާއިރު، އިދާރީ ޚަރަދުތަކަށް 19,850,659 ރުފިޔާ އަދި މުވައްޒަފުން ތަމްރީނުކުރުމަށް 10,646,080 ރުފިޔާ ވަނީ ބަޖެޓުކޮށްފައެވެ.
މީގެ އިތުރުން އޮޑިޓަރު ޖެނެރަލްގެ މުސާރައާއި އިނާޔަތްތަކަށް 981,000 ރުފިޔާ ކަނޑައަޅާފައިވާއިރު، މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް އެއް އިންސައްތައެވެ.
މި އަހަރަށް އޮޑިޓް އޮފީހަށް ކަނޑައެޅި 134.2 މިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން މިހާތަނަށް ޚަރަދުވެފައިވަނީ 56.9 މިލިއަން ރުފިޔާއެވެ. އަދި އަހަރުގެ ބާކީ މުއްދަތުގައި އިތުރަށް 45 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކުރެވޭތީ، އަހަރު ނިމޭއިރު ބޭނުންނުކުރެވި 31 މިލިއަން ރުފިޔާ ހުންނާނެ ކަމަށް އެ އޮފީހުން ލަފާކުރެއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ ކަންކަން ރާވާފައިވަނީ މި ފައިސާވެސް ހިމަނައިގެން ކަމަށް އޮޑިޓަރު ރ ޖެނެރަލްގެ އޮފީހުން މަޖިލީހުގައި ވަނީ ބަޔާންކޮށްފައެވެ.
އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި 133.5 މިލިޔަން ރުފިޔާގެ ބަޖެޓް އެ އޮފީހަށް ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސް ކޮށްފައިވަނީ މިމަހުގެ 14ގައިއެވެ.
އަންނަ އަހަރަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޖުމުލަ 133،590،265 ރުފިޔާގެ ބަޖެޓެއް ބޭނުންވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މި މަހުގެ 13ގައެވެ.