ދިރާގުން ބެހެއްޓި ދޮރުތަކުގެ ފަހަތުގައި ވަނީ ގިނަ ފައިދާތައް ލިބޭ އެލީޓް ކްލަބް ޕްލަސް

ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދިރާގުން ބެހެއްޓި ދޮރުތަކުތަކުގެ ސިއްރު ހާމަކޮށް، ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ދިރާގު އެލީޓް ކްލަބު ޕްލަސް މިއަދު ތައާރަފުކޮށްފިއެވެ.

މިދިޔަ ހަފުތާއިން ފެށިގެން، މާލޭގެ އާޓިފިޝަލް ބީޗު ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި ވަނީ، ދިރާގުގެ ދޮރެއް ބަހައްޓާފައެވެ. އެ ދޮރު ބަހައްޓާފައި ހުރިއިރު، ކުރިމަތީގައި ރަތް ކުލައިގެ ފަށެއް ދަމާފައިވެއެވެ.

މި ދޮރާމެދު ސުވާލު އުފައްދަމުން ދަނިކޮށް، ދިރާގުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އެ ދޮރުގެ ސިއްރު ހާމަކޮށްފައެވެެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އެގްޒެކެޓިވް ސުހާ އަލީ ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް އެގްޒެކެޓިވް ސުހާ އަލީ ވިދާޅުވި ގޮތުގައި، މިއީ އެލީޓް ކްލަބް ޕްލަސް ތައާރަފުކުރުމަށް ބެހެއްޓި ދޮރުތަކެކެވެ.

އެގޮތުން، މި ބަދަލާއެކު ކަސްޓަމަރުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް ސުހާ ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ، މިހާތަނަށް އެލީޓް ކްލަބު ޕްރޮގްރާމު ފަރުމާކޮށްފައި އޮތް ގޮތުން ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ނުލިބޭ ކަމަށެވެ.

އެހެންވެ، ޕުރޮގްރާމް އިތުރަށް ފަރުމާކޮށް ދިރާގު އެލީޓް ކްލަބް ޕްލަސްއަށް ބަދަލުކުރީ ދިރާގުގެ ހުރިހާ ކަސްޓަމަރުންނަށް އެ ޚިދުމަތް ދިނުމުގެ ބޭނުމުގައިކަން މިރްޝާން ފާހަގަކުރެއްވިއެވެ.

ދިރާގުގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު މުހައްމަދު މިރްޝާން ހަސަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިރްޝާން ކިޔައިދެއްވި ގޮތުގައި، އެ ޕްރޮގްރާމުގައި ދިރާގު އެޕު މެދުވެރިކޮށް ބައިވެރިވެ، ކަސްޓަމަރުންނަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އެ ޕޮއިންޓުތައް ލިބޭނީ، ދިރާގު ކަސްޓަމަރުންގެ ނަން މަތީގައި ދައްކާ ބިލުތަކަށް ބިނާކޮށެވެ.

އެ ޕޮއިންޓުތައް ބޭނުންކުރެވޭނެ ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނުކަން މިރްޝާން ފާހަގަކުރެއްވިއެވެ.

ދިރާގުން ބުނި ގޮތުގައި، އެ ޕޮއިންޓް ސިސްޓަމްގެ މައްޗަށް ބިނާކޮށް ހަތަރު ޓިއައެއްގެ ދަށުން މެންބަޝިޕް ކާޑު ލިބޭނެއެވެ. މީގެ ތެރޭގައި ބްރޮންޒް، ސިލްވާ، ގޯލްޑް އަދި ޕްލެޓިނަމް ހިމެނެއެވެ.

ޓިއާ މަތި ވާ ވަރަކަށް އިތުރު ޑިސްކައުންޓްތަކާއި ފައިދާތައް ލިބޭނެއެވެ. އަދި، ލިބިފައިވާ ޕޮއިންޓްތައް ރިޑީމްކޮށްގެން އިތުރު ޑޭޓާ، ބިލް ޑިސްކައުންޓް، ގިފްޓް ކާޑު އަދި އެލީޓްކްލަބް ޕްލަސް ޕަޓްނަރުންގެ ފަރާތުން ހަދިޔާތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިވާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް