އިންޑިއާގެ މަލަޔާޅަމް ސިނަމާއިން ފިލްމީ ދަތުރު ފަށައި، 2008 ވަނަ އަހަރު އާމިރު ޚާނާއެކު ކުޅުނު ފިލްމު "ގަޖިނީ"އިން ބޮލީވުޑްގައި ބޮޑު މަޤްބޫލުކަމެއް ހޯދި އާސިން ތޯޓުމްކަލް އަކީ އަބަދުވެސް އަމިއްލަ ހަމަތަކެއްގެ މަތީ ވަކި އުސޫލެއްގެ ދަށުން މަސައްކަތްކުރި ހުނަރުވެރި ބަތަލާއެކެވެ.
ބޮލީވުޑް ފިލްމުތައް ކަމަށްވާ "ލަންޑަން ޑްރީމްސް" އާއި "ރެޑީ" އަދި "ހައުސްފުލް 2" ފަދަ ކާމިޔާބު ފިލްމުތަކަށްފަހު، 2015 ވަނަ އަހަރު ނުކުތް "އޯލް އިޒް ވެލް"އިން ފިލްމީ ދާއިރާއަށް އަލްވަދާޢު ކިޔުމަށްފަހު އޭނާ ކައިވެނިކުރީ މައިކްރޯމެކްސް ކުންފުނީގެ އެއް ބާނީ ކަމަށްވާ ރާހުލް ޝަރުމާއާއެވެ. އެ ކައިވެންޏާއެކު މީޑިއާގެ ލޯތަކާ ދުރަށް ޖެހިލައި، އާންމުންގެ ސަމާލުކަމުން އެއްކިބާވެ އަމިއްލަ ދިރިއުޅުމެއް ބިނާކުރުމަށް އާސިން އިސްކަންދިން ގޮތުގެ ތަފުސީލުތައް ފިރިމީހާ ރާހުލް މިހާރު މިވަނީ ހާމަކޮށްފައެވެ.
ދާދިފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ރާހުލް ބުނީ، އޭނާގެ ޙަޔާތުގައި ނިންމުނު އެންމެ ފުރިހަމަ ނިންމުމަކީ އާސިންއާ ކައިވެނިކުރުން ކަމަށާއި، އޭނާއަކީ ދިރިއުޅުމުގެ ކޮންމެ ދަތި ދަނޑިވަޅެއްގައި ވެސް ސާބިތުކަމާއެކު ހިތްވަރުދޭ އެންމެ ވަރުގަދަ ތަނބު ކަމަށެވެ. އެގޮތުން ބޭރު ދުނިޔޭގެ ވިޔަފާރީގެ ގޮންޖެހުންތަކާ އޭނާ ކުރިމަތިލާއިރު، ގޭތެރޭގެ އެންމެހައި ކަންކަން ބަލަހައްޓައި އާއިލާގެ ހަމަޖެހުން ޤާއިމުކޮށްދެނީ އާސިން ކަމުގައި ރާހުލް ފާހަގަކުރިއެވެ. ބައިވެރިއަކީ އަބަދުވެސް އުނދަގޫ ދަނޑިވަޅުތަކުގައި މީހާ އުފުލައިދޭ މީހަކަށް ވާންޖެހޭނެ ކަމަށާއި، އާސިންއަކީ އޭނާގެ ދިރިއުޅުމަށް އެފަދަ އަގުނުކުރެވޭނެ ހެޔޮ ބަދަލެއް ގެނެސްދިން ޚާއްޞަ ޝަޚްޞިއްޔަތެއް ކަމަށް އޭނާ ބުންޏެވެ.
އާސިން ފިރިމީހާ ރާހުލް ޝަރުމާއާ އެކު--ފޮޓޯ/ސްކްރީންދެމަފިރިންގެ މި އުފާވެރި ދިރިއުޅުމުގެ ވާހަކައިގެ ތެރެއިން ރާހުލް އެންމެ ބޮޑަށް އަލިއަޅުވާލީ، އެ މީހުންގެ ހުރި ހަމައެކަނި ދަރިފުޅު އަރިން ތަރުބިއްޔަތު ކުރަމުން އަންނަ ތަފާތު ގޮތަށެވެ. ޓެކްނޮލޮޖީގެ ވަސީލަތްތަކަށް މުޅި ދުނިޔެ ބަރޯސާވެފައިވާ މި ޒަމާނުގައި، ޓީވީ އާއި ސްމާޓްފޯނު ފަދަ ސްކްރީންތަކާ ދުރުގައި ބެހެއްޓުމުގެ ނަތީޖާއެއްގެ ގޮތުން، އަރިންގެ ދަސްކުރުމުގެ ޤާބިލިއްޔަތުކަން ވަނީ އާދަޔާޚިލާފަށް ކުރިއަރާފައެވެ. އެގޮތުން ޢުމުރުން އެންމެ ހަތް އަހަރުގައި ވެސް އަރިން އަންނަނީ ކޮރިއަން، ޖަޕަނީސް، ތައި އަދި ޗައިނީސް ހިމެނޭހެން 12 ބަހަކުން ފަރިތަކަމާއެކު ވާހަކަދައްކައި މުޢާމަލާތް ކުރަމުން ކަމަށް ރާހުލް ފާހަގަކޮށްފައިވެއެވެ.
މިފަދަ ކުރިއެރުމެއް ހޯދުމުގެ އަސްލަކީ ގޭތެރޭގައި ސްކްރީންތަކުގެ ބަދަލުގައި ފޮތްތަކަށް އިސްކަންދިނުން ކަމަށް ރާހުލް ހާމަކުރިއެވެ. އަރިން މިހާރު ކިޔަވަމުންދަނީ ގްރޭޑް ދޭއްގައި ނަމަވެސް، އޭނާގެ ވިސްނުން ތަރައްޤީކުރުމަށްޓަކައި ގޭގައި ގްރޭޑް އަށެއް އަދި ނުވައެއްގެ ފޮތްތައް ބަހައްޓައިގެން ދަސްކޮށްދެމުންދާ ކަމަށާއި، ގޭތެރޭގައި ހުރި ފޮތްތަކުގެ ޢަދަދު ސްކޫލަށްވުރެ ވެސް ގިނަވާނެ ކަމަށް އޭނާ ބުންޏެވެ. އަދި ބައެއް ފަހަރު މަޖަލަކަށް ހަދާފައި ގްރޭޑް ދިހައެއްގެ އިމްތިޙާނުގައި ބައިވެރިކުރުވަން ބުނެވޭ ކަމަށާއި، ދަރިފުޅަށް މި ލިބުނު ފުރިހަމަ ތަރުބިއްޔަތާއި ޢިލްމީ ކުރިއެރުމަކީ މުޅިންހެން އާސިންގެ ބުރަ މަސައްކަތުގެ ނަތީޖާ ކަމުގައި ރާހުލް ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.
މި އާއިލީ ގުޅުމުގެ ހިތްގައިމު މަންޒަރެއް ދާދިފަހުން އިންޑިއާގައި ފާހަގަކުރި އޯނަމް ފެސްޓިވަލްގެ ތެރެއިން ވެސް ވަނީ ފެނިފައެވެ. އެގޮތުން ފިރިމީހާ އާއި ދަރިފުޅު އެކުވެގެން މަލުން ޒީނަތްތެރި ޑިޒައިނެއް ހެދުމުގައި މަޝްއޫލުވެ އުޅޭ މަންޒަރު ދުރުގައި ހުރެ ބަލަން ހުރި މީހެއްގެ ސިފައިގައި އާސިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެއެވެ. އަމިއްލަ ސޫރަ ދައްކާލުމެއް ނެތި ހިއްސާކުރި އެ ފޮޓޯއިން ވެސް ސާބިތުވެފައިވަނީ، ސިނަމާގެ ވިދުމާއި މަޝްހޫރުކަމަށްވުރެ ބޮޑަށް، އާސިންގެ މުޅި ދުނިޔެ މިއަދު ގުޅިފައިވަނީ އާއިލާގެ އެކުވެރިކަމާއި ދަރިފުޅުގެ ރިވެތި ތަރުބިއްޔަތާ ކަމެވެ.