އިންޑިއާގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަންނާ ހިންދީ ބަހުން ވާހަކަ ދެއްކުމުގައި ހުންނަ ނުފަރިތަކަމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ ދެކޮޅަށް، ބޮލީވުޑްގެ ތަޖުރިބާކާރު ޅެންވެރިޔާ އަދި ސްކްރީން ރައިޓަރު ޖާވިދު އަޚްތަރު ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިފިއެވެ.
ރަޝްމިކާގެ ދިފާއުގައި ވަކާލާތު ކުރަން އުޅުމުގެ ތެރޭގައި އޭނާއަކީ "ތަމަޅަ އެކްޓަރެއް" ކަމަށް ބުނުމާ ގުޅިގެން، އަސްލު މައްސަލައިގެ މިސްރާބު ބަދަލުވެ، އިންޑިއާގެ ސަރަހައްދީ އަދި ބަހަވީ ތަފާތުތަކާ ގުޅޭ ހޫނު ބަހުސެއް މިހާރު ވަނީ ފެށިފައެވެ.
މި މައްސަލައިގެ ފެށުމަކަށްވީ، މަގުބޫލު ޓޯކް ޝޯ "ކޮފީ ވިތު ކަރަން"ގެ ނުވަވަނަ ސީޒަނުގައި، ފިރިމީހާ ވިޖޭ ދެވަރަކޮންޑާއާ އެކު ރަޝްމިކާ ބައިވެރިވި އެޕިސޯޑެވެ. އެ ޕްރޮގްރާމުގައި ރަޝްމިކާ ވާހަކަދެއްކި ވައްޓަފާޅި އާއި ލަފްޒުތައް ކިޔައި އުޅުނު ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ، ސޯޝަލް މީޑިއާގައި މަލާމާތުގެ ރާޅެއް ދައުރުވާން ފެށިއެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ޖާވިދު އަޚްތަރު ވަނީ މީސްމީޑިއާ ޕްލެޓްފޯމް އެކްސް މެދުވެރިކޮށް، ފާޑުކިޔާ ފަރާތްތަކަށް ވަރުގަދަ ރައްދެއް ދީފައެވެ. ޖާވިދު ބުނީ، ތަމަޅަ އެކްޓަރު ރަޝްމިކާގެ ވާހަކަދެއްކުމަށް ފާޑުކިޔުމުގެ ކުރިން، ދުނިޔޭގެ އެންމެ ދުވަސްވީ އެއް ބަސް ކަމަށްވާ ތަމަޅަ ބަހުން މަދުވެގެން ދެތިން ޖުމުލަ ފަރިތަކަމާއެކު ކިޔައި ދެއްކުމަށް އެދޭ ކަމަށެވެ. އަދި ބައެއް މީހުންގެ މެދުގައި އަށަގަނެފައިވާ އަސްލެއް ނެތް ބަހަވީ ކިބުރުވެރިކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ރަޝްމިކާ ފިރިމީހާ/އެކްޓަރު ވިޖޭ ދެވަރަކޮންދާއާ އެކު-- ފޮޓޯ/އެންޑީޓީވީ ނަމަވެސް، ޖާވިދު އަޚްތަރުގެ މި ވާހަކަތަކާ އެކު އާންމުންގެ ސަމާލުކަން ވަގުތުން ދަމައިގަތީ ރަޝްމިކާ ނިސްބަތްވާ ސަރަހައްދު އޭނާއަށް އޮޅިފައިވާ މިންވަރަށެވެ. އެގޮތުން، ރަޝްމިކާއަކީ ތަމަޅަ ބަތަލާއެއް ނޫން ކަމަށާއި، އޭނާއަކީ ކަރްނާޓަކާގެ ކޮޑަގޫ ސަރަހައްދަށް ނިސްބަތްވާ ކަންނަޑާ ދަރިކޮޅުގެ ފަންނާނެއްކަން ހަނދާންކޮށްދީ ގިނަ ބަޔަކު ޖާވިދަށް ރައްދު ދިނެވެ. ބައެއް ފަރާތްތަކުން މިކަން ފާހަގަކުރީ ދެކުނު އިންޑިއާގެ ކޮންމެ މީހަކީ "މަދްރާސީ" އެއްގެ ގޮތުގައި ދެކެމުން އައި ޒަމާންވީ ކުށްހީ އަދިވެސް ނުފިލާ އޮތް މިންވަރު ދައްކުވައިދޭ ހެއްކެއްގެ ގޮތުގައެވެ.
އާންމުން ފާހަގަކުރި މި ކުށް ޖާވިދު ވަގުތުން ގަބޫލުކުރިއެވެ. އަދި ރަޝްމިކާގެ މާދަރީ ބަސް އޭނާއަށް އޮޅުނު ކަމުގައި ވިޔަސް، ބަހަވީ ތަފާތުތަކަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް ބުނެ އޭނާ ނެގި ޕޮއިންޓަކީ ވަރަށް ރަނގަޅު އަދި މުހިންމު ވާހަކައެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ.
ދެކުނު އިންޑިއާގެ ކަންނަޑާ، ތެލުގޫ އަދި ތަމަޅަ ސިނަމާގެ އިތުރުން ހިންދީ ފިލްމުތަކުގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުން އަންނަ ރަޝްމިކާ މަންދަންނާއަކީ، މިހާރު މުޅި އިންޑިއާގެ އިމުން ބޭރުގައިވެސް ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ، ޤައުމީ ފެންވަރުގެ މަޝްހޫރު ފަންނާނެކެވެ.