'އިންޑިއަން އައިޑޮލް'ގެ ކާމިޔާބީއަށްފަހު ވެސް ބޮލީވުޑްއިން ފުރުސަތުތައް ލިބުން ދަތި: އަބީޖީތު

އިންޑިއާގެ ލަވަކިޔުންތެރިޔާ އަބީޖީތު ސާވަންތު-- ފޮޓޯ/ބޮލީވުޑްހަންގާމާ

މަޤުބޫލު ރިއަލިޓީ ޝޯ "އިންޑިއަން އައިޑޮލް"ގެ އެންމެ ފުރަތަމަ ސީޒަން 2004 ވަނަ އަހަރު ކާމިޔާބުކޮށް މުޅި އިންޑިއާގެ މަޤުބޫލުކަން ހޯދި އަބީޖީތު ސާވަންތު، އެ ތާރީޚީ ކާމިޔާބީއަށްފަހު ބޮލީވުޑްގެ ޕްލޭބެކް މިއުޒިކް އިންޑަސްޓްރީއަށް ވަނުމަށް ކުރިމަތިވި ދަތި އުނދަގޫތަކުގެ ހަނދާންތައް އަލުން އައުކޮށްފިއެވެ.

ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޜަނުން އަލަށް ފެށި "އިންޑިއަން އައިޑޮލް: ލެޖެންޑްސް ރިޓާން"ގެ ސްޓޭޖަށް ވާދަވެރިއެއްގެ ގޮތުގައި އެނބުރި އައުމަށްފަހު އޭނާ ބުނީ، އެ ދުވަސްވަރުގެ ރިއަލިޓީ ޝޯތަކުގެ ބައިވެރިންނަށް މިއުޒިކް ދާއިރާއިން ޖާގަ ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އެގޮތުން މުބާރާތް ކާމިޔާބުކުރުމުން އާންމުންގެ ބޮޑު މަޤުބޫލުކަމެއް ލިބުނު ކަމުގައި ވިޔަސް، އެއީ ފިލްމުތަކުން ލަވަކިޔުމުގެ ފުރުސަތު އޮޓޮމެޓިކުން ޔަޤީންވި ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރިއެވެ.

ޕީޓީއައި އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި އަބީޖީތު ކިޔައިދިން ގޮތުގައި، އެ ދުވަސްވަރު މިއުޒިކް އިންޑަސްޓްރީ އޮތީ ބޭރު މީހުންނަށް ވަދެވުން އުނދަގޫ، ވަރަށް ބޮޑަށް ބަންދުވެފައިވާ ދާއިރާއެއްގެ ގޮތުގައެވެ. ދާއިރާގެ އެންމެ ކުރީ ސަފުގައި ތިބި ލަވަކިޔުންތެރިންނާއި މިއުޒިކް ޑިރެކްޓަރުން އެމީހުންގެ މަޤާމުތައް ދަމަހައްޓައިގެން ތިބުމުގެ ސަބަބުން، ޒުވާން ލަވަކިޔުންތެރިންނަށް ޖެހުނީ މަސައްކަތުގެ ފުރުސަތު ދިނުމަށް އެދި ދޮރުތަކުގައި ޓަކިޖަހާށެވެ.

މީގެއިތުރުން، ރިއަލިޓީ ޝޯތަކުގެ ބައިވެރިންނަށް ލިބުނު ބޮޑު މަޤުބޫލުކަމުގެ ސަބަބުން ބައެއް ޕްލޭބެކް ލަވަކިޔުންތެރިންނަށްވުރެވެސް އެމީހުންގެ ނަން ބޮޑުވެ، މިއުޒިކީ ދާއިރާގެ ބައެއް ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަމާއި ޖެހިލުންވުން އުފެދުނު ކަމަށްވެސް އޭނާ ބުންޏެވެ. އެހެންކަމުން، އެ ދުވަސްވަރު ކެރިއަރު ކުރިއަށް ގެންދަން ޖެހުނީ މިފަދަ ގިނަ ފިއްތުންތަކަކާ ކުރިމަތިލަމުން ކަމަށް އޭނާ ބުނެފައިވެއެވެ.

އަބީޖީތު، ޝޯއެއްގައި ލަވަ ހުށަހަޅައިދެނީ-- ފޮޓޯ/ފޭސްބުކް

މިއުޒިކީ ދާއިރާގައި ވިއްސަކަށް އަހަރު ހޭދަކޮށްފައިވާ އަބީޖީތު ބުނި ގޮތުގައި، ފާޑުކިޔުންތަކަކީ އަބަދުވެސް އޭނާގެ ފަންނީ ހަޔާތާ ގުޅިފައިވާ ކަމެކެވެ. އެއްވެސް ތަޖުރިބާއެއް ނެތް މީހުން ފާޑުކިޔައި މަލާމާތްކުރި ނަމަވެސް، އެ ކަންކަމުގެ ސަބަބުން އަމާޒު ގެއްލުނަނުދީ ނަފުސާނީ ގޮތުން ސާބިތުވެ ހުންނަން އޭނާ ވަނީ ދަސްކޮށްފައެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ކާމިޔާބީ ހާސިލުކުރުމަށްވުރެ ބޮޑަށް، އެ ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކަޑައްތުކުރާ ދަތުރަކީ މާ އަގުހުރި އެއްޗެކެވެ.

މުބާރާތް ކާމިޔާބުކުރުމަށްފަހު އައި ބަދަލުތަކަށް ބަލާއިރު، އެ މަޤުބޫލުކަމުގެ ސަބަބުން ހަމައެކަނި މިއުޒިކީ ދާއިރާއަށް ނުހުއްޓި، މުނިފޫހިފިލުވުމުގެ އެހެނިހެން ދާއިރާތަކުންވެސް ގިނަ ފުރުސަތުތަކެއް އޭނާއަށް ތަނަވަސްވިއެވެ. އެގޮތުން ‘ބިގް ބޮސް މަރާޓީ’ އާއި ‘ސެލެބްރިޓީ މާސްޓަޝެފް’ އަދި ‘ކޮމެޑީ ސާކަސް’ ފަދަ މަޤުބޫލު ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެ، ފިލްމީ ދާއިރާގައި އެކްޓިންގްގެ ތަޖުރިބާވެސް އޭނާ ވަނީ ހޯދާފައެވެ.

އަބީޖީތު ދެކޭ ގޮތުގައި އާންމުން މިހާރު އޭނާ ބަލައިގަންނަނީ ހަމައެކަނި ލަވަކިޔުންތެރިއެއްގެ ގޮތުގައެއް ނޫން ކަމަށާއި އޭގެ ބަދަލުގައި އެއީ ޓީވީގެ ފުންނާބުއުސް ޝަޚުސިއްޔަތެއްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގަނެފައިވާކަން އޭނާ ފާހަގަކުރިއެވެ.

ޕްލޭބެކް ލަވަކިޔުންތެރިއަކަށްވުރެ ބޮޑަށް އޭނާ ފާހަގަކުރެވެނީ ޕޮޕް އާޓިސްޓެއްގެ ގޮތުގައި ކަމަށް އަބީޖީތު ގަބޫލުކުރެއެވެ. އޭނާގެ އަމިއްލަ އަލްބަމްތައް ކަމަށްވާ 'މުހައްބަތޭން ލުޓާއުންގާ' އަދި 'ޖުނޫން' ފަދަ ލަވަތަކަށް ލިބުނު ބޮޑު ތަރުހީބަކީ އޭގެ ހެއްކެކެވެ. މިހާރު އުމުރުން 45 އަހަރުގެ ލަވަކިޔުންތެރިޔާ މައިގަނޑު ގޮތެއްގައި ސަމާލުކަން ދެމުންދަނީ އަމިއްލަ އުފެއްދުންތަކަށެވެ. އެގޮތުން ރިލީޒްކުރުމަށް ނުވަތަ އިތުރަށް ތަރައްޤީކުރުމަށް ތައްޔާރުކޮށްފައިވާ ފަސް ލަވައެއް އޭނާގެ އަތުގައި އެބައޮތެވެ. އޭގެ ތެރޭގައި ދެ އޮރިޖިނަލް ލަވައަކާއި، މަރާޓީ ރެޕަރަކާއެކު ކިޔާފައިވާ ހިންދީ-މަރާޓީ ފިއުޝަން ލަވައެއްގެ އިތުރުން މަޝްހޫރު މިއުޒިކް ލޭބަލް ސަރެގާމާއާއެކު މަސައްކަތްކުރަމުންދާ ދެ ލަވަ ހިމެނެއެވެ.

comment ކޮމެންޓް