މިއުޒިކް ސްޓްރީމްކުރާ މަޝްހޫރު ޚިދުމަތް، ސުޕޮޓިފައިގެ "ޕްރީމިއަމް ފެމިލީ ޕްލޭން" ބޭނުންކުރާ ފަރާތްތަކުން އެއް އެޑްރެހެއްގައި ދިރިއުޅޭކަން ކަށަވަރުކުރުމަށްޓަކައި އެކައުންޓް ޝެއާކުރުމުގެ އުސޫލުތައް އިތުރަށް ވަރުގަދަކުރަން ފަށައިފިއެވެ.
މި އައު ބަދަލާއެކު ފެމިލީ ޕްލޭންގައި ހިމެނޭ މެންބަރުން އެކަން ކަށަވަރުކުރުމަށްޓަކައި ޕްލޭން މެނޭޖަރުގެ ފޯނުން ފެންނަ ކިއުއާރު ކޯޑެއް އެމީހެއްގެ އަމިއްލަ ފޯނުން ސްކޭން ކުރަންޖެހޭނެއެވެ.
ސުޕޮޓިފައިއިން ވަނީ ފެމިލީ ޕްލޭން ބޭނުންކުރާ ފަރާތްތަކަށް އެމީހުން ދިރިއުޅޭ އެޑްރެސް ކަށަވަރުކުރުމަށް އެދި އީމެއިލް ފޮނުވަން ފަށާފައެވެ.
މި އީމެއިލް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ފުރިހަމަ އެޑްރެސް އެންޓާކޮށް ވެރިފިކޭޝަން ފުރިހަމަނުކޮށްފިނަމަ، އެ މެންބަރަކަށް ފެމިލީ ޕްލޭންގެ ޚިދުމަތް މެދުކެނޑި، ސުޕޮޓިފައިގެ ހިލޭ ބޭނުންކުރެވޭ ފްރީ ކަނެޝަނަށް ބަދަލުވާނެއެވެ.
މީގެއިތުރުން، އެ މުއްދަތުގައި ވެރިފިކޭޝަން ނުހަދާ މީހުންނަށް ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ސުޕޮޓިފައިގެ އެއްވެސް ފެމިލީ ނުވަތަ ޑިއޯ ޕްލޭނެއްގައި ބައިވެރިއެއް ނުވެވޭނެއެވެ.
ސުޕޮޓިފައިގެ ކޯ-ސީއީއޯ އެލެކްސް ނޯސްޓްރޯމް، ކުންފުނީގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް ހާމަކުރުމަށް ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މިއީ އެއްފަހަރުން އެއްކޮށް ނިންމާލާ ކަމެއް ނޫން ކަމަށާއި، މިއީ ފެމިލީ ޕްލޭންގެ ވެރިފިކޭޝަން ނިޒާމު ހަރުދަނާކުރުމަށް ގަވާއިދުން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި ފެމިލީ ޕްލޭން ތައާރަފްކުރިތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މިއީ ސުޕޮޓިފައިގެ ސަބްސްކްރައިބަރުންގެ ބޮޑު އިންސައްތައެއް ބޭނުންކުރާ ޕްލޭނެކެވެ.
ދުވަސްވަމުންދާ ވަރަކަށް އުސޫލުތަކުގެ ތެރެއިން މީހުން މަކަރުހަދާނެ ގޮތްތައް ހޯދަމުންދާތީ، އެކަންކަން ހުއްޓުވުމަށްޓަކައި ވެރިފިކޭޝަން ހަދާ ގޮތްތައް އަބަދުވެސް ރަނގަޅުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސުޕޮޓިފައިގެ ޕްރީމިއަމް ފެމިލީ ޕްލޭނަކީ އެކުގައި އެއް ގޭބިސީއެއްގައި ދިރިއުޅޭ ގިނަވެގެން ހަ މީހުންނަށް (ޕްލޭން މެނޭޖަރާއެކު) ލުއި އަގެއްގައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ.
އެހެންކަމުން މިއީ އެކި ތަންތަނުގައި ދިރިއުޅޭ ރައްޓެހިންނާއި އާއިލާގެ މީހުން އެކައުންޓް ޝެއާކޮށްގެން ބޭނުންކުރުން ހުއްޓުވައި، ވަކިވަކި އިންޑިވިޖުއަލް ޕްލޭންތައް ނެގުމަށް ބާރުއެޅުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅެކެވެ.