އޭއައި މިއުޒިކް ބޭނުންކޮށްގެން މަކަރާއި ހީލަތުން އަށް މިލިއަން ޑޮލަރު ހޯދި މީހަކު ޖަލަށްލައިފި

އޭނާ ވަނީ 52 ކްލައުޑް ސާވިސް އެކައުންޓް ބޭނުންކޮށް، ކޮންމެ އެކައުންޓަކުން 20 ބޮޓް މެދުވެރިކޮށް ޖުމްލަ 1،040 އޭއައި އޭޖެންޓް ބޭނުންކުރިކަމަށް އިއުތިރާފުވެފައި ---

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފެއްދި ލަވަތަކެއް މިއުޒިކް ސްޓްރީމްކުރާ ޕްލެޓްފޯމްތަކަށް އަރުވައި، ބޮޓްތަކެއްގެ އެހީގައި އެ ލަވަތައް ގިނަ އަދަދަކަށް އަޑުއެހިކަމަށް ދައްކައިގެން އަށް މިލިއަން ޑޮލަރު ހޯދި އެމެރިކާގެ ނޯތު ކެރޯލައިނާގެ ކޯނެލިއަސްއަށް ނިސްބަތްވާ މައިކަލް ސްމިތު 18 މަސްދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

2017 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ހިންގި މި އަމަލުން އޭނާ ހޯދި އެންމެހައި ފައިސާ ދައުލަތަށް ނެގުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

މައިކަލް ސްމިތު ވަނީ ސަތޭކަ ހާހަށްވުރެ ގިނަ ލަވަ ސްޕޮޓިފައި، އެޕަލް މިއުޒިކް އަދި އެމެޒޯން މިއުޒިކް ފަދަ ޕްލެޓްފޯމްތަކަށް އަރުވައި، 1،000 އަށްވުރެ ގިނަ ބޮޓް ބޭނުންކޮށްގެން އެ ލަވަތައް ބިލިއަން ފަހަރު އަޑުއަހާފައިވާކަމަށް މަކަރާއި ޙީލަތުން ދައްކާފައެވެ. މިގޮތަށް ކަންތައް ކުރުމުން ސްޓްރީމިން ޕްލެޓްފޯމްތަކުން ލަވަ އަޑުއެހޭ މިންވަރަށް ބަލައި ދޫކުރާ ރޯޔަލްޓީގެ ގޮތުގައި އޭނާއަށް އެތައް މިލިއަން ޑޮލަރެއް ލިބިފައިވެއެވެ.

https://sun.mv/213437

އޭނާ ވަނީ 52 ކްލައުޑް ސާވިސް އެކައުންޓް ބޭނުންކޮށް، ކޮންމެ އެކައުންޓަކުން 20 ބޮޓް މެދުވެރިކޮށް ޖުމްލަ 1،040 އޭއައި އޭޖެންޓް ބޭނުންކުރިކަމަށް އިއުތިރާފުވެފައެވެ. ވީޕީއެން ބޭނުންކޮށްގެން މި ބޮޓްތަކުން ދުވާލަކު ގާތްގަނޑަކަށް 636 ލަވަ އަޑުއަހައި، ދުވާލަކު 661،440 ސްޓްރީމް އުފައްދާފައިވެއެވެ. ނަމަވެސް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ލަފާކުރާ ގޮތުގައި އޭނާ އެއްފަހަރާ 10،000 އާ ހަމައަށްވެސް ބޮޓް ބޭނުންކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރުގެ އެޕްރީލް މަހު ޔޫޓިއުބް މިއުޒިކްގައި ޓޭލާ ސްވިފްޓްގެ ލަވަތަކަށް 9.3 މިލިއަން ސްޓްރީމް ލިބުނުއިރު، އެ މުއްދަތުގައި ސްމިތުގެ ލަވަތަކަށް 80.9 މިލިއަން ސްޓްރީމް ލިބިފައިވާކަން ފާހަގަކުރެވުނެވެ.

2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާގެ މައްޗަށް ވައިއާ ފްރޯޑް ކޮންސްޕިރަސީއާއި، ވައިއާ ފްރޯޑް އަދި މަނީ ލޯންޑަރިންގެ ދައުވާ އުފުލުނެވެ. އަދި 2026 ވަނަ އަހަރުގެ މާޗް މަހު އޭނާ ވަނީ ވައިއާ ފްރޯޑް ހިންގަން ރޭވުމުގެ ދައުވާއަށް އިއުތިރާފުވެފައެވެ. މި ކުށަށް ފަސް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާއަށް އިއްވީ 18 މަސްދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން 8،091،843.64 ޑޮލަރު ދައުލަތަށް ނެގުމަށާއި، ޖަލު ހުކުމް ތަންފީޒުކޮށް ނިމުމަށްފަހު ދެ އަހަރުގެ މުއްދަތަށް އޭނާގެ އަމަލުތައް ސަރުކާރުން ފާރަވެރިވެ ބެލެހެއްޓުމަށް ވަނީ ހުކުމްކޮށްފައެވެ.

ސްމިތުގެ މައްޗަށް ދައުވާކޮށްފައިވަނީ އޭއައި ބޭނުންކޮށްގެން މިއުޒިކް އުފެއްދުމަކުން ނޫނެވެ. އޭނާގެ މައްޗަށް ފިޔަވަޅު އެޅުނީ އޭއައި މިއުޒިކް މެދުވެރިކޮށް ނާޖާއިޒު ފައިދާ ހޯދި ގޮތުންނެވެ. ބޮޓްތައް ބޭނުންކޮށްގެން ސިއްރުން ސްޓްރީމްތައް އިތުރުކޮށް، އޭނާގެ ލަވަތަކުގެ މަގުބޫލުކަން ދޮގުގޮތުގައި ދައްކައިގެން ފައިސާ ހޯދުމުގެ ސަބަބުންނެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނި ގޮތުގައި މިފަދަ އޮޅުވާލުންތަކުގެ ސަބަބުން އަސްލު އުފެއްދުންތެރިންނާއި ލަވަލިޔުންތެރިންނަށް ލިބެންޖެހޭ ފައިސާ ގެއްލިގެންދެއެވެ.

މި ޚަބަރު ފެންމަތިވެފައިވަނީ ގޫގުލްގެ ސިންތުއައިޑީ ޑިޓެކްޓަރު ޓޫލް ބޭނުންކޮށްގެން 240،000 އަހަރުގެ އޭއައި އޯޑިއޯއާއި 180 ބިލިއަން އޭއައި އިމޭޖާއި ވީޑިއޯގައި ވޯޓާމާކް ޖަހާފައިވާކަން އިއުލާންކުރުމާ ދިމާކޮށެވެ. ކުރިން ހަމައެކަނި ޕްރޯ ބޭނުންކުރާ ފަރާތްތަކަށް ލިބެންހުރި ސިންތުއައިޑީ ޑިޓެކްޓަރު މިހާރު ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭނެއެވެ. އަދި ގޫގުލް، އޯޕަންއޭއައި، އެންވީޑިއާ އަދި ކަކާއޯ އިން އުފައްދާ އެއްޗެހީގައި މިއީ ބޭނުންކުރެވޭ އެއްޗެކެވެ. އަދި ކުރިއަށް އޮތްތަނުގައި އެޕަލްއިންވެސް މި ޓޫލް ބޭނުންކުރަން ފަށާނެއެވެ.

އޭއައިގެ ސަބަބުން މަދު ސިކުންތުކޮޅެއްގެ ތެރޭގައި ލަވައެއް އުފައްދައި ސްޓްރީމިން ޕްލެޓްފޯމްތަކަށް އެރުވުން ވަނީ ވަރަށް ފަސޭހަވެފައެވެ. ނަމަވެސް އެފަދަ ގޮތްގޮތަށް ފައިސާ ހޯދުމަކީ ފަސޭހަކަމެއް ނޫނެވެ. އެޕަލް މިއުޒިކްގެ ޕްރެސިޑެންޓް އޮލިވާ ޝުސާ ވިދާޅުވި ގޮތުގައި އެ ޕްލެޓްފޯމްގައި ހުރި ލަވަތަކުގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ލަވައަކީ ސައްތައިން ސައްތަ އޭއައި އުފެއްދުންތަކެވެ. ނަމަވެސް އެ ލަވަތަކަށް ލިބެނީ 0.5 އިންސައްތައަށްވުރެ ކުޑަ އަޑުއެހުމެކެވެ. މިއިން ދޭހަވަނީ އޭއައި ލަވަތައް އަޑުއަހާ މީހުން ވަރަށް މަދުކަމެވެ.

comment ކޮމެންޓް