ރާއްޖެއާ ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން 20 އެމްއޯޔޫއެއްގައި ސޮއިކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުން ހިމެނޭހެން 20 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސްގެ ދެކަނބަލުން ޕާކިސްތާނަށް ފުރާވަޑައިގަތީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާހެން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގައި މިއަދު ވަނީ އެކި ދާއިރާތަކުން 20 ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި ސިއްހީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ފަހުމުނާމާތައް ހިމެނެއެވެ. އަދި މަތީ ތައުލީމާއި ދިރާސާ، ދިފާޢީ ދާއިރާ، މާލީ އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިތުރުން މަޖިލިސްތަކުގެ ގުޅުމާއި، ފަތުރުވެރިކަން، މޫސުމަށް އަންނަ ބަދަލުތައް އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ހިމެނެއެވެ.

މީގެއިތުރުން މިއަދު ސޮއިކުރި އެއްބަސްވުންތަކަކީ:

  • ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ސަގާފަތާއި ތަރިކައާއި ފަންނާބެހޭ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • މެރިޓައިމް ސެކިޔުރިޓީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ސައިބާ ސެކިއުރިޓީ އާއި އޭއައި އާއި ޑިޖިޓަލް ސްކިލްސް އަދި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން
  • ޓްރެފިކިން އާއި މަސްތުވާތަކެތި ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން
  • އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުން
  • ސިއްޙީ ޚިދުމަތްތެރިން ގެނައުމާ ގުޅުންހުރި އެއްބަސްވުން
  • މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން
  • ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާ ކުރުން
  • ޓެކްނިކަލް އަދި ވޮކޭޝަނަލް ތަޢުލީމާއި ތަމްރީނު ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުން
  • ރާއްޖޭގެ ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްގީ ކުރުމާބެހޭ ވުޒާރާ އާއި ޕާކިސްތާނުގެ ހަޔާ އެޑިއުކޭޝަން ކޮމިޝަނާއެކުވެފައިވާ އެއްބަސްވުން

ރޭ، އެ ގައުމަށް ވަޑައިގަތުމާއެކު ޕާކިސްތާނުން ވަނީ ރައީސްގެ ދެކަނބަލުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުއްވައިފައެވެ. އަދި މިއަދު ވަނީ ރަސްމީކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފްގެ ގެކޮޅުން އެމަނިކުފާނަށް މަރުހަބާ ދަންނަވައިފައެވެ.

މާދަމާގެ ނިޔަލަށް ރައީސް ޕާކިސްތާނަށް ކުރައްވާ މި ދަތުރުފުޅަކީ 2015ވަނަ އަހަރުގެ މެއި މަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ގައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރައްވާ ތާރީޚީ ދަތުރުފުޅެއް ވެސް މެއެވެ.

https://www.sun.mv/229413

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ރައީސް އާސިފް ޢަލީ ޒަރުދާރީއާ ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ގައުމުގެ ދެމެދުގައި ރަސްމީ ފެންވަރުގެ މަތީ ފަންތީގެ މަޝްވަރާތައް ބޭއްވުމަށް ވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

comment ކޮމެންޓް