ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގްސަދުގައި ޚާއްސަ ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ޕާކިސްތާނުގެ ފޮރިން މިނިސްޓްރީން ބުނީ، މާދަމާއިން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގެ ތެރެއިން ބާއްވާ "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ވިޔަފާރިއާއި އިންވެސްޓްމަންޓްގެ އައު ފުރުސަތުތައް ހޯދައި ފަހިކުރުން ކަމަށެވެ. އަދި މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން މުހިންމު އެއްބަސްވުންތަކެއްގައާއި ފަހުމުނާމާތަކުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ 2015 ވަނަ އަހަރު އޭރުގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ ޤައުމަށް ކުރެއްވި ދަތުރުފުޅަށްފަހު، ރާއްޖޭގެ ވެރިޔަކު ޕާކިސްތާނަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ދިވެހި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވާ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.
އިސްލާމްއާބާދުގައި ކުރިއަށްދާ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި އެ ޤައުމުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީއާ ރައީސް ޑރ. މުޢިއްޒު ވަކިވަކިން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ވިޔަފާރިއާއި އިގްތިޞާދީ ދާއިރާގެ އިތުރުން ސިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ދަނޑުވެރިކަން، ދިފާޢީ އަދި ކަނޑުގެ ސަލާމަތާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވޭނެއެވެ. މީގެއިތުރުން، އދ. އަދި އޯއައިސީ ފަދަ ބައިނަލްއަޤްވާމީ މައިދާންތަކުގައި އެއްބާރުލުން ދިނުމާއި، ސާކް ޖަމިއްޔާ އަލުން ހަރަކާތްތެރި ކުރުވުމާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ބާރަ ވަރަކަށް އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް ވަނީ ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުގެ އެއްބަސްވުމާއި، ސިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމާއި، މަތީ ތަޢުލީމާއި ދިރާސާ އަދި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ހިމެނެއެވެ. އަދި މާލީ ދާއިރާ، ޓެކްނޮލޮޖީ، މަޖިލިސްތަކުގެ މެދުގައި އޮންނަ ގުޅުން އަދި މީޑިއާގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގިނަ އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ވެސް ގުޅިފައިވާ، ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދޭނެ މުހިންމު ދަތުރުފުޅެކެވެ.