އެމްއައިބީން ޚާއްޞަ ޢާންމު ޖަލްސާއެއް ބާއްވަނީ: ބައިވެރިވެވޭނީ މި މަހު 26ގެ ނިޔަލަށް ރަޖިސްޓްރީވާ ހިއްސާދާރުންނަށް

އެމްއައިބީން މިދިޔަ އަހަރު ބޭއްވި އޭޖީއެމްގެ ތެރެއިން -- ފޮޓޯ/ އެމްއައިބީ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން މި އަހަރު ބާއްވާ ޚާއްސަ ޢާންމު ޖަލްސާ (އީޖީއެމް 01/2026) އަށް ފުރުޞަތު ހުޅުވާލައި، ބުކް ކްލޯޒާ ތާރީޚަކީ މި މަހުގެ 26 ކަމަށް އެ ބޭންކުން އިޢުލާންކޮށްފިއެވެ.

އެމްއައިބީން ބާއްވަން ތައްޔާރުވާ މި ޚާއްސަ ޢާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގައެވެ.

އެމްއައިބީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 26ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ނިޔަލަށް އެ ބޭންކުގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ހިމެނޭ ފަރާތްތަކަށެވެ.

އެ މުއްދަތުގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖަލްސާގައި އަމިއްލައަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެ، ވޯޓު ދިނުމުގެ ޙައްގު ލިބޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޖަލްސާ ބާއްވާނެ ސީދާ ތާރީޚާއި ވަގުތު، އަދި އެޖެންޑާއާއި ވޯޓުލުމާ ގުޅޭ އިޖުރާއަތްތަކުގެ ތަފުޞީލު ހިމެނޭ ރަސްމީ ނޯޓިސް ކުރިއަށްއޮތް ތަނުގައި އެ ބޭންކުގެ އިންވެސްޓަ ރިލޭޝަންސް ވެބްސައިޓުގައި ޢާންމުކުރާނެ ކަމަށް ވެސް އެމްއައިބީން ބުނެފައިވެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ހިއްސާދާރުން އެ ބޭންކުގެ އިންވެސްޓަ ރިލޭޝަންސް ޑިޕާޓްމަންޓަށް އީމެއިލް ނުވަތަ ފޯނު މެދުވެރިކޮށް ގުޅުމަށް އެމްއައިބީން ވަނީ އެދިފައެވެ.

comment ކޮމެންޓް